ވިކްޓަރީ ސްޕޯޓްސް ކްލަބުން އަލަށް އެކުލަވާލި ބޯޑުގެ ރައީސަކަށް ހުސެއިން އާދަމް (އާދަމްބެ) އިންތިހާބުކޮށްފިއެވެ.

އާދަމްބެ އެ މަގާމަށް އިންތިހާބު ކުރީ ރޭ ކަލާފާނު ސްކޫލުގައި ބޭއްވި ވިކްޓްރީގެ އާންމު ޖަލްސާގައެވެ. ރޭގެ ޖަލްސާއަކީ ކްލަބު އެނބުރި ކުޅިވަރުގެ ތެރެއަށް ވަނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފުރަތަމަ ފިޔަވަޅެވެ. ކްލަބުގެ ދަރަނި ބޮޑުވެ، ސަސްޕެންޝަނެއްގައި އޮތުމުން އެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ފުރަތަމަ ފެށީ ހާއްސަ ސްޓިއަރިން ކޮމިޓީއެއްގެ ދަށުންނެވެ.

މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ އާދަންބެ، ވިކްޓްރީގެ ރައީސްގެ މަގާމަށް އިންތިހާބު ކުރީ ރޭގެ އާންމު ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިން 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ކްލަބުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީވެސް އާދަމްބެ އެކަންޏެވެ. ކްލަބުގެ ނައިބު ރައީސަކަށް އިންތިހާބުވީ އިސްމާއިލް ލަތީފެވެ. އޭނާ އަށްވެސް ފުރިހަމަ އަގުލަބިއްޔަތު ލިބިވަޑައިގެންނެވިއެވެ.

އަލަށް އިންތިހާބުވި ވިކްޓްރީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ފާތިމަތު ޝެރިން، ވިކްޓްރީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު، މުހައްމަދު ޝައްފާޒު (ސައްޕޭ)، އިބްރާހިމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހިމް އިޒްހާން، އިސްމާއިލް ޝަރީފް، އަހުމަދު އަރީސް (ޕަޓޭ)ގެ އިތުރުން ވިކްޓަރީ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) އެވެ. މި މެމްބަރުންވެސް ހޮވިފައިވަނީ ޖަލްސާއަށް ހާޒިރުވެ ތިބި، ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އަލަށް އިންތިހާބުވި ބޯޑުން ވިކްޓްރީގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް އައްޔަންކޮށްފައި ވަނީ، ކްލަބް މޯލްޑިވްސްގެ އިސް ފަރާތެއް ކަމަށްވާ، މޫސާ ރަމީޒް (ރަމީ) އެވެ.

ވިކްޓްރީގެ އާ ރައީސް އާދަމްބެއަކީ 1980 ގެ އަހަރުތަކުގައި ޓީމުގެ މުހިންމު ކުޅުންތެރިއެއްވެސް މެއެވެ. އޭގެ އިތުރުންވެސް އާދަމްބެ ފާހަގަވެފައި ވަނީ ކުޅިވަރުގެ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

ވިކްޓްރީ މިހާރު އޮތީ ފުޓުބޯޅައިން ސަސްޕެންޑުކޮށްފައެވެ. އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓްރީ ސަސްޕެންޑް ކުރީ 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލައާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީއެވެ.

އެ މައްސަލަ ވިކްޓްރީއަށް ކުރިމަތިވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށް އެ ކްލަބުން އިސްވެ މަސައްކަތް ކުރުމުން ކަމަށް ކްލަބުން ވަނީ ތުހުމަތުވެސްކޮށްފައެވެ.

އެ ކަންކަމުން ކްލަބު ސަލާމަތް ކުރުމަށް މީގެ ކުރީން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ކްލަބުގެ ރައީސްކަމާ ހަވާލުވިއެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވެ، ނާޝްއާއި އޭރުގެ ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވިއެވެ.

ވިކްޓަރީ އަށް އަލަށް އިންތިހާބުވި ބޯޑުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއަކީ ކްލަބްގެ ދަރަނިތައް ހަލާސްކޮށް ޓީމަށް މުބާރާތްތަކުގައި ވާދަކުރެވޭނެ ހިސާބަށް ގެންގޮސްދިނުމެވެ. ވިކްޓްރީގެ ދަރަނި އަށް ލައްކައަށްވުރެ އިތުރުވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު، އެ ދަރަނިތައް އަދާކޮށް، ކްލަބު ލައިސަންސިން ފުރިހަމަ ކުރަންޖެހެއެވެ. އޭރުން އެ ކްލަބަށް ފުޓުބޯޅައިގެ ދެވަނަ ޑިވިޝަނުގައި ވާދަކުރެވިދާނެ ކަމަށް ބެލެވެއެވެ.

ވިކްޓްރީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބެވެ. 1971 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ތައްޓެއްވެސް ނަގައިފައެވެ. ގައުމީ ފުޓުބޯޅަ މުބާރާތް 21 ފަހަރު ހޯދި ވިކްޓްރީން ވަނީ އެ މުބާރާތް ދެ ފަހަރަށް މިލްކުވެސް ކޮށްފައެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ތައާރަފް ވެގެން އައި ދިވެހި ލީގުވެސް ވިކްޓްރީން ވަނީ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ވިކްޓްރީއަކީ އޭއެފްސީ ކަޕުގައިވެސް ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖެ ތަމްސީލުކުރި ކްލަބެކެވެ. މީގެ ކުރިން އެންމެފަހުން އެ ކްލަބަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ 2012 ވަނަ އަހަރުއެވެ.