ހުޅުމާލޭގެ ދިހަ ބިމެއްގައި އެޕާޓްމަންޓް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނާއި ދެވަނަ ފިޔަވަހީގެ އަށް ސަރަހައްދަކުން ޖުމުލަ ދިހަ ބިމެއްގައި އެޕާޓްމަންޓް އަޅައި ހިންގައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެއް އަޅަން ދޫކުރަން ނިންމާފައިވަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި އެޕާޓްމަންޓް އަޅައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތުދިނުމުގެ ސެޝަނެއް އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޕާޓްމަންޓް އަޅައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އަޅާ އެ އެޕާޓްމަންޓުތައް ވިއްކަން ވާނީ އެޗްޑީސީން ކަނޑައަޅާ ވަކި އަގުތަކެއްގައި ކަމަށާއި ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް 1.5 މިލިއަން ރުފިޔާއަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ ކަމަށެވެ. މީގެ އިތުރުން އެޕާޓްމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ޖާގަތަކެއް ތަރައްގީކުރަންޖެހޭ އިރު، ކާރު ޕާކުކުރަން ޖާގަ ވިއްކުމަށް އޮންނަ އަގަކީ ފޫޓަކަށް 1،000 ރުފިޔާއެވެ.

އެޕާޓްމަންޓުތަކުގެ މަސައްކަތް ކުރަންވާނީ އެޗްޑީސީގެ ގައިޑްލައިނާއި ޕްލޭނިން މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ އެޕާޓްމަންޓް އެޅުމުގެ ބީލަންތައް ކާމިޔާބު ކުރާ ފަރާތްތަކުން އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެޕާޓްމަންޓުތައް މާކެޓުކޮށް ޕްރޮމޯޓް ނުކުރުމަށްވެސް އަންގާ ކަމަށެވެ.

އޭގެ އިތުރުން ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް އެޕާޓްމަންޓް ގަންނަ ފަރާތެއްގެ އަތުން ނެގުމުގެ ކުރިން އެޗްޑީސީން ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެއް ފަރާތަކަށް އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ނުވިއްކުމަށްވެސް އެޗްޑީސީން ވަނީ އަންގައިފައެވެ.