ދީން

"ކްރިސްޓިއަނިޓީ ވަނީ ނޭވާ ހޮޅިޔަށް އެޅިފައެވެ." – މުޙައްމަދު އަމީން

އަބްދުﷲ ފާރޫގް ހަސަން

އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމީ އަޚް މުޙައްމަދު އަމީން ސީ.ކޭވް ވަނީ އޭނާ އިސްލާމް ވެވަޑައިގެންނެވި ގޮތާ ބެހޭ ގޮތުން ޚާއްސަ ބަސްދީގަތުމެއް ދެއްވައިފައެވެ. އިސްލާމީ ދުނިޔޭގެ ޤަދަރުހުރި މަޖައްލާއެއް ކަމުގައިވާ "އަލްމުސްލިމީން" އަށެވެ. ތިރީގައި މިވަނީ އެބަސްދީގަތުމުގެ ތަރުޖަމާއެވެ.

"27 އޮކްޓޯބަރ 1993ގައި އިނގެރޭސިވިލާތުގެ ޕްރިންސް އޮފް ވޭލްސް ޕްރިންސް ޗާލްސް އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒް ގައި ވަރަށް ޢިލްމީ ތަޤްރީރެއް ދެއްވިއެވެ. ސަތާރަވަނަ ޤަރުނުގެ މަޝްހޫރު ޅެންވެރިޔާ އަދި ޙަމްދާއިޘަނާގެ ޚާއްޞަ ޝާޢިރު ޖޯޖު ހާބަޓް (George Herbert ) ގެ އަންނަނިވި ޅެންބައިތުވެސް އޭނާގެ ވާހަކަފުޅުގައި ބޭނުންކުރެއްވިއެވެ.

A man that looks on glass,

On it may stay his eyes;

Or if he pleaseth through it pass,

And then the Heaven espy.

"އިންސާނަކު ބިއްލޫރިގަނޑަކާ ދިމާޔަށް ބަލައިލައިފިނަމަ އޭނާގެ ނަޒަރު އެބިއްލޫރިގަނޑަށް ހުއްޓިދެއެވެ. ނަމަވެސް އޭނާ ބޭނުންކަމުގައިވާނަމަ އޭނާއަށް އެ ބިއްލޫރިގަނޑު ފޫއަޅުވައިލުމަށްފަހު އޭނާގެ ނަޒަރު އުޑުތަކުގެ ތަނަވަސްކަމުގެ ތެރެއަށްވެސް ފޯރުވިދާނެއެވެ."

ޕްރިންސް ޗާލްސް މި ޅެންބައިތު ވިދާޅުވީ އިންސާނާ ހަމައެކަނި އެއްޗެއްގެ ބޭރުފުށުގެ ސޫރައިގެ މައްޗަށް ބަލައިގެން އެއެއްޗެއްގެ ޙަޤީޤަތާ މެދު ނަތީޖާއެއް ނެރެގެންނުވާނެކަން ހާމަކޮށްދެއްވުމަށްޓަކައެވެ. އަދި ކީއްތޯއެވެ. އެއެއްޗެއްގެ ފުނަށް ފީނައި ޙަޤީޤަތާ ހަމައަށް ވާޟިލުވާން ޖެހޭނެކަން ބަޔާންކުރެއްވުމަށްޓަކައެވެ. ޕްރިންސް ޗާލްސް ވާހަކަދެއްކެވީ ހުޅަނގުގެ މީޑިޔާތަކުން އިސްލާމްދީނުގެ ޙަޤީޤަތް ހޯދުމަކާ ނުލައި އިސްލާމްދީނާ މެދު ތަޢައްޞުބުގެ ޝުޢޫރުތައް ފާޅުކުރަމުން ގެންދާ މައްސަލައާ މެދުގައެވެ.

"އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރު ޙައްޤު ހޯދަން ވަރަށް ބޮޑަށް ޝައުޤުވެރިވީމެވެ. އެކަމުގައި އަޅުގަނޑަށް ވަރަށް ގިނަ ކެކުޅުންތަކެއް ތަޙައްމަލުކުރަން ޖެހުނެވެ. އެކަމަކުވެސް އަޅުގަނޑު ކެތްތެރިވީމެވެ. ބަރުދާސްކުރީމެވެ. އަޅުގަނޑު ރަނގަޅަށް ދަންނަމެވެ. ތުރާލާއި އުނދަގޫތަކަކީވެސް އަބަދަކު ދެމިއޮންނާނެ ކަންކަމެއް ނޫނެވެ. ލަސްތަކެއް ނުވެ އަޅުގަނޑަށް އަޅުގަނޑުގެ މަންޒިލް މަޤްޞޫދަށް ވާސިލުވެވިދާނެއެވެ. އަޅުގަނޑު އިސްލާމްވުމުގެ ކުރީން އަޅުގަނޑަށް ވަރަށް ފަސޭހައިން އެކިއެކި ނުބައިކަންތައްތަކުގެ ޝިކާރައަކަށް ވެވިދެއެވެ. ނަމަވެސް އަޅުގަނޑު އިސްލާމްވުމާއެކު އަޅުގަނޑަށް ޔަޤީންވީ އަޅުގަނޑު ހޯދަން މަސައްކަތްކުރި ހައްޤު މަގު އަޅުގަނޑަށް ފެނިއްޖެކަމެވެ. އަޅުގަނޑަށް ހިދާޔަތު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޝުކުރުދެންނެވީމެވެ. އެހެނީ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މިދަންނަވާ ގޮތަށެވެ.

"ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވަނެތެވެ." (އަލްއިސްރާއު: 97)

އަޅުގަނޑު ދުނިޔެއަށް އައީ ފިލިޕީންސުގެ ފަޤީރު ކްރިސްޓިއަން ޢާއިލާއަކުންނެވެ. އަޅުގަނޑުގެ ބައްޕައަކީ ޕްރޮޓެސްޓަންޓެއް ކަމުގައި ވިޔަސް އަޅުގަނޑުގެ މަންމައަކީ ރޯމަންކެތަލިކެކެވެ. އަޅުގަނޑު ބަޕްތީސްމާ ކުރެވުނީ ރޯމަންކެތަލިކް ޗާޗެއްގައެވެ. އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ މަންމަޔަށް ކަމޭހިތްތަވާ ވަރު އެނގުމުން އަޅުގަނޑު ޙައިރާނެއް ނުވަމެވެ. ރޯމަންކެތަލިކް ޗާޗެއްގައި އަޅުގަނޑު ބަޕްތިސްމާ ކުރެވުނުކަމުގައި ވިޔަސް އަޅުގަނޑުމެން ތަރުބިޔަތު ކުރެވެމުން ދިޔައީ ޕްރޮޓެސްޓަންޓު ޢަޤީދާ އާ އެއްގޮތަކަށެވެ. ކޮންމެ ގޮތެއްގައިވެސް ގޭގެވެރިޔަކީ ބައްޕަކަމުގައި ވާތީއެވެ. އަޅުގަނޑުމެންގެ ޢާއިލާއަކީ ދީންވެރި ޢާއިލާއެކެވެ. އަޅުގަނޑުމެން ކޮންމެ އާދީއްތަ ދުވަހަކު ރަށުގެ ފައްޅިއަށް ދަމުއެވެ. އަޅުކަމުގައި ބައިވެރިވަމުއެވެ. ހަމަ އެފަދައިން ކޮންމެ އާދީއްތަ ދުވަހަކު ގަވާއިދުން ސަންޑޭ ބައިބްލް ސްކޫލަށް ގޮސް ކިޔަވަމުންވެސް ގެންދަމުއެވެ.

ރޯމަން ކެތަލިކުން ފަދައިން ޕްރޮޓެސްޓަންޓުންވެސް ޓްރިނިޓީއަށް އީމާންވެއެވެ. ނަމަވެސް ޕްރޮޓެސްޓަންޓުން ބުނާ ގޮތުގައި މާތްކަލާނގެއަކީ ތިންފަރާތަކަށް ވުމުގެ ބަދަލުގައި އެއް ފަރާތެއް ކަމުގައި ވެސް ވެދާނެއެވެ. ސިއްރުން ފުރިފައިވާ ޓްރިނިޓީގެ މި ޢަޤީދާއާބެހޭ ގޮތުން އަޅުގަނޑު ސުވާލުކުރުމުން ފާދިރީން ހަމަޖެހިލައިފައި ދެމުންގެންދިޔައީ ވަރަށް ކަންފަސޭހަ ޖަވާބެކެވެ. "ތިޔަ ޢަޤީދާއާ ބެހޭ ގޮތުން ސުވާލުކުރާކަށެއް ޖާގައެއް ނެތެވެ. ލޯމަރައިލައިގެން ތިބެ އެކަން ޤަބޫލުކޮށް އީމާންވާންޖެހޭނެއެވެ." އަޅުގަނޑުމެންނަށް ވަނީ ޢީސާ ޢަލައިހިއްސަލާމަކީ ހަށިކޮޅާއެކު މައުޖޫދުވެ ވޮޑިގެންވާ ކަލާނގެއެއް ކަމަށާއި މާތް ﷲ ގެ ދަރިކަލެއް ކަމަށާއި މި ދެގޮތަށް ވެސް ދަސްކޮށްދީފައެވެ. ފާދިރީން ބުނެދިން ގޮތުގައި ޢީސާ ޢަލައިހިއްސަލާމަކީ ކަލާނގެއެކެވެ. ހަމަ އެނޭވާގައި އިންސާނެއްވެސް މެއެވެ. އަޅުގަނޑުމެންނަށް ކަލާނގެ ރަސްކަންފުޅާ ގުޅުން އުފެއްދޭނީ އެކަލޭގެފާނުގެ ވާސިޠާއިންނެވެ.

އަޅުގަނޑު ހައި ސްކޫލްގެ ތަޢުލީމު ނިންމިތަނާ ކްރިސްޓިއަނުންގެ "ކަލާނގެ ހެކިވެރިން" (Jehovah’s witnesses) ގެ ފިރުޤާގެ ބަޔަކު އަޅުގަނޑުމެންގެ އަވަށަށް އަތުވެއްޖެއެވެ. އެވެރީން އަޅުގަނޑުމެންގެ އަވަށުގެ ކްރިސްޓިއަން ތިން މަޒުހަބުގެ (ރޯމަންކެތަލިކް، ޕްރޮޓެސްޓަންޓް، ސަބްތީ) މީހުނާ ވާހަކަދައްކަންފެށިއެވެ. އެވާހަކަތައް އަހަރެއްހައި ދުވަހު ދެމިއޮތެވެ. އެންމެ ފަހުން އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ހުރިހާ މެމްބަރުން އެ މަޒުހަބު ޤަބޫލުކޮށްފީމުއެވެ. ޓިރިނިޓީގެ ސިއްރުތަކާބެހޭ ގޮތުން އަޅުގަނޑުމެންނަށް ބައެއް ސުވާލުތަކުގެ ޖަވާބު ލިބުނެވެ. އެހެނީ އަޅުގަނޑުމެންގެ އައު މަޒުހަބު އަޅުގަނޑުމެންނަށް ދަސްކޮށްދޭ ގޮތުގައި ކަލާގެ އެއްކައުވަންތައެވެ. އެކަލާނގެ ނަންފުޅަކީ (Jehovah) އެވެ. ރޫޙުލްޤުދުސަކީ ތަފާތު ކަލާނގެއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އިލާހީ ބާރެކެވެ. ކަލާނގެ ބައެއް މީހުންނަށް އެބާރު ދެއްވައެވެ. ސަލާމްލެއްވި ޢީސާގެފާނަކީވެސް ކަލާނގެއެއް ނޫނެވެ. އެކަލޭގެފާނުގެ މަޤާމަކީ ކަލާނގެއަށްވުރެ ދަށް، އިންސާނުންނަށްވުރެ މަތީ މަޤާމެކެވެ. އެކަލޭގެފާނަކީ ކަލާނގެއާ އިންސާނުންނާ ގުޅުއްވައިދެއްވާ މެދުވެރިޔެކެވެ. ނަމަވެސް އެ ފިރުޤާގެ މީހުން ބުނާ ގޮތުގައިވެސް ކްރިސްޓިއަންދީނުގެ ހުރިހާ މަޒުހަބުތަކެއްގެ ޢަޤީދާތަކުގައިވެސް ޓްރިނިޓީ ފިޔަވައި ދެންހައްތާވެސް ވަނީ ޙައްޤު ތެދެވެ. އެހެންކަމުން އަޅުގަނޑުގެ ޙައްޤު ހޯދުމުގެ މަސައްކަތް ނިމުމަކަށް ނައެވެ. އެސުވާލެއްގެ ޖަވާބުގައި ކްރިސްޓިއަނިޓީ ނޭވާ ހޮޅިޔަށް އެޅޭ އެތައް ސުވާލުތަކެއް އަދިވެސް ހުއްޓެވެ."

އިސްލާމްދީން ތަޢާރުފުވުން

1984 ގައި ސަޢޫދީ އެރެބިޔާގެ ޢިމާރާތްކުރުމާ ބެހޭ ފާމެއްކަމުގައިވާ ތިހާމާ ކޮންޓްރެކްޓިންގ ކޮންޕެނީ ލިމިޓެޑުން އެ ކުންފުނީގެ ޙިދުމަތަށް އަޅުގަނޑު ޢައްޔަންކޮށްފިއެވެ. އެޑްމިނިސްޓްރޭޓިވް މެނޭޖަރެއްގެ ޙައިޘިއްޔަތުންނެވެ. އޭގެ މައްސަރުތަކެއްގެ ފަހުން އަޅުގަނޑުގެ އެކުވެރީން އަޅުގަނޑަށް އިސްލާމްދީން ތަޢާރަފުކޮށްދޭން ފަށައިފިއެވެ. އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަޅުގަނޑުގެ ސޫދާނުގެ ރަޙްމަތްތެރިއެއް ކަމުގައިވާ ޢިވާޟު ހަސަން އިބްރާހީމް އަޅުގަނޑާ ދިމާއަށް ބުންޏެވެ.

"މިސްޓަރ ކޭވް އެވެ. ކަލެއަކީ ވަރަށް ރަނގަޅު މީހަކީމުއެވެ. ކަލޭ އިސްލާމްދީން ޤަބޫލުނުކުރަނީ ކީއްވެގެންހެއްޔެވެ؟ ޔަޤީނުންވެސް އެކަމުން ކަލެއަށް މަންފާ ކުރާނެއެވެ."

އޭނާ އަޅުގަނޑުމެންގެ އެކުވެރި ބައެއް އެހެނިހެން މުސްލިމުންނާ ގުޅިގެން އަޅުގަނޑަށް އިސްލާމްދީން ތަޢާރަފުކޮށްދެމުން ގެންދިޔައެވެ. ބައެއް އެހެނިހެން އެކުވެރިން ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތް (WAMY) ރިޔާޟުން އަޅުގަނޑަށް އިސްލާމީ ލިޓްރެޗަރ ގެނެސްދެއެވެ. އޭރު އަޅުގަނޑު ވަޒީފާއަދާކުރަމުން ގެންދިޔައީވެސް ރިޔާޟުގައެވެ. އަނެއްކޮޅުން އަޅުގަނޑު އަމިއްލައަށްވެސް އުނގެނުމުގެ މަޤްޞަދުގައި ޓެލެވިޒަން ޕްރޮގްރާމެއް ބަލަމުންގެންދިޔައީމެވެ. އެ ޕްރޮގްރާމްގެ ނަމަކީ “ISLAM IN FOCUS" އެވެ. އެ ޕްރޮގްރާމް ހުށަހަޅުއްވަނީ ޑޮކްޓަރ ޖަމާލު ބައިޟާވީއެވެ. ޑޮކްޓަރ ބައިޟާވީ ބަޙުޘްކުރައްވަމުން ގެންދެވީ ކްރިސްޓިއަނިޓީގެ ބައެއް ނަޒަރިއްޔާތުގައި ހުރި ބުއްދި ޤަބޫލު ނުކުރާ ގޮތްތަކާއި ދެކޮޅުނުޖެހޭ ކަމާމެދުގައެވެ. އެ ނަޒަރިއްޔާތަކަކީ ޚުދު އަޅުގަނޑުގެ ހިތުގައިވެސް ސުވާލު އުފެދިފައި ހުރި ނަޒަރިއްޔާތަކެކެވެ.

އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި ޔަހޫދިއްޔަތާއި، ޢިސާއިއްޔަތާއި އިސްލާމްދީން ވަރަށް ގިނަ ޢަޤީދާތަކެއްގައި ދާދިއެއްގޮތް ފަސްމަންޒަރެއް ޙިއްޞާކުރެއެވެ. އެ ތިން ދީންވެސް ތައުޙީދަށް ގޮވައިލައެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ފުރިހަމަ ކަށަކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ފަރާތެއްކަމަށާއި، އެކަލާނގެ ވޮޑިގެންވާކަން ޤަބޫލުކުރެއެވެ. އެތިންދީނުގެ ޢަޤީދާގައި ވާ ގޮތުންވެސް އާދަމުގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، ޔަޢުޤޫބުގެފާނާއި، އެނޫންވެސް ނަބީބޭކަލުންގެ ޒަރީޢާއިން އެކަލާނގެ މެސެޖް އިންސާނިއްޔަތަށް ފޮނުއްވިއެވެ. އުޑުތަކާއި ބިންތަކުގެ ރައްބާނީ އުފެއްދެވުންވެސް އެތިން ދީނުންވެސް ޤަބޫލުކުރެއެވެ. މަލާއިކަތުންނާއި ޝައިޠާނުންނާއި ހިސާބު ބައްލަވާ ދުވަހެއްވާ ކަމަށްވެސް އެތިންދީން ޤަބޫލުކުރެއެވެ. ހިސާބު ބައްލަވާ ދުވަހުގެ ޘަވާބާއި ޢަޒާބަށްވެސް އެތިންދީން އިޢުތިރާފުވެއެވެ.

ކްރިސްޓިއަން ދީނާއި އިސްލާމްދީން ވެސް ޤަބޫލުކުރާ ގޮތުގައި ޢީސާއަލައިހިއްސަލާމަކީ ބަފައިކަލަކާ ނުލައި އެކަލޭގެފާނުގެ މައިކަނބަލުންގެ ބަނޑުފުޅުން ދުނިޔެއަށް ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ގަރުބަގެންވަޑައިގަތީ މުޢުޖިޒާތީ ގޮތެއްގައެވެ. އެކަލޭގެފާނަށް އިންޖީލު ބާވައިލެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުމަތީން އެތައް މުޢުޖިޒާ ތަކެއް ފާޅުވިއެވެ. ނަމަވެސް ކްރިސްޓިއަންދީނާއި އިސްލާމްދީނާ ދެމެދު ދެބަސްވުންތައް ހިނގަމުން އަންނަކަމެއް އެބައޮތެވެ. ކްރިސްޓިއަނުން ޤަބޫލުކުރާ ގޮތުގައި ޢީސާގެފާނަކީ ކަލާނގެއެކެވެ. ކަލާނގެ ދަރިކަލެއްވެސް މެއެވެ. މުސްލިމުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ހަމައެކަނި ނަބީބޭކަލެއް ކަމުގައެވެ. މުސްލިމުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ކަލާނގެ ދަރިކަލެކޭ ބުނުމަކީ އެއްކައުވަންތަ ﷲ އާ މެދު ބުނެވޭ އިހާނެތި ބަހެއް ކަމުގައެވެ. ކަނޑައެޅިގެން ހުރި ކުފުރުވުމެއް ކަމުގައެވެ. މެތިއުގެ އިންޖީލުގައި ޚުދު ޢީސާގެފާނުގެ ދޫފުޅުންވެސް އައިސްފައިވަނީ އެގޮތަށެވެ.

"ހަމައެކަނި ޙަޤީޤީ ރައްބަކީ އިބަރަސްކަލާނގެ ކަމަށް ޤަބޫލުކުރުމާއި، ޢީސާއަކީ އިބަރަސްކަލާނގެ ފޮނުއްވައިފައިވާ (ނަބީއެއް) ކަމަށް ޤަބޫލުކުރުމަކީ ދާއިމީ ދިރިހުރުމެވެ. " (މެތިއު: 17/3)

(ނުނިމޭ)