އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭންގެ ތަސައްވަރު ކިލަނބުވާ ގޮތަށް، ވަކި ކެންޑިޑޭޓަށް "ފަހިވާ ގޮތަށް" އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުން އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން އެކުލަވާލި ޝަކުވާ ބަލާ ކޮމިޓީން އެގޮތަށް ނިންމީ، އެ މަގާމަށް ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
އެ މައްސަލައަކީ، ގދ. ގައްދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި ގދ. ގައްދޫ، އޭޝިޔާ، އިލްހާމް ރަޝީދު އެކުންފުނީގެ މުވައްޒަފު ގދ. ގައްދޫ، ފުނަމާގެ، އާމިރު އަބްދުﷲ އަށް ފޯނުން ގުޅައި، އިމްތިޔާޒުއަށް މަރުހަބާ ދެންނެވުމަށް ނުދިއުމަށާއި އިންތިހާބު ކަންކަމުގައި އިމްތިޔާޒުއަށް ތާއީދު ނުކުރުމަށް އަންގައި، އިލްހާމް ރަޝީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާމިރު އަބްދުﷲ އަށް ބިރު ދެއްކި ކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމް، ތިލަފަތުގެ ރަމްޒުން ހުށަހެޅި މައްސަލައެކެވެ.
އެ ނިންމުމާ ގުޅިގެން ފައްޔާޒުގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕާޓީގެ ގުނަވަންތަކުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަން، އެ ނިންމުންތަކުން އެނގޭ ކަމަށެވެ. އެ ނިންމުންތަކަކީ ޕާޓީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުންތަކެއް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
"އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވާ ގޮތުން އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރަކު ހިމެނޭ ގޮތުން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ވާނެ. އެކަމަކު ފައްޔާޒްގެ ކެމްޕޭން ޓީމާ ދެކޮޅަށް ނިންމުންތައް އައީ އެ މާއްދާއާ ހިލާފަށް އެކުލަވާލާފައި އޮތް ކޮމިޓީއަކުން ކަން ފާހަގަ ކުރަން،" ބަޔާނުގައިވެއެވެ.
ނޫސް ބަޔާނުގައި އިތުރަށް ބުނީ، އެމްޑީޕީއަކީ އަމަލުކުރަން ޖެހޭ ގަވާއިދުތައް ވަރަށް ސާފުކޮށް ލިޔެ އާއްމުކޮށްފައިވާ ޕާޓީއަކަށްވާ އިރު ޝަކުވާ ބަލާ ކޮމިޓީން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށެވެ.
"އެހެންކަމުން މި ދެންނެވި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެނޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ އަދި ވާދަވެރި ކެނޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް ބަލައި ނުގަންނަވާހަކަ ދަންނަވަން،" ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ސޮއިކުރައްވައި އިންތިގެ ކެމްޕެއިން ޓީމަށް މިއަދު ފޮނުވި ސިޓީގައި ބުނީ، އިލްހާމް ރަޝީދުއާއި އާމިރު އަބްދުﷲ އާއި ދެމީހުންގެ ފޯން ކޯލްގެ އޯޑިއޯތަކާއި ވީޑިއޯ އިންޓަވިއު ރެކޯޑިންއަށް ބެލުމުން، އާމިރަށް ވަޒީފާގެ ބިރުއޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެ ކޮމިޓީން އިތުރަށް ބުނީ، ޕާޓީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ކޮންމެ މެންބަރަކަށް އެ މެންބަރަކު ތާއީދުކުރާ ފަރާތަކަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެމީހަކު ތާއީދުކުރާ ފަރާތަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ އިހްތިޔާރުވެސް ލިބިގެންވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.