ޚަބަރު

ޑރ. އިޔާޒް ސަސްޕެންޑު ކުރީ ގޯސްކޮށް: ޓްރައިބިއުނަލް

އަލީ ޔާމިން

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)ގެ ވަޒީފާއިން ސަސްޕެންޑު ކުރީ ގަވައިދާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ގައުމީ ޔުނިވަރސިޓީގެ ވަޒީފާއިން ޑރ. އިޔާޒް ސަސްޕެންޑު ކުރުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ، އަންހެންކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހެއް ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ހިތްވަރު ދިން ކަމަށް ބުނެ ޑރ. އިޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅިއެވެ.

ޑރ، އިޔާޒް ސަސްޕެންޑު ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު އެ އިދާރާއިން މިއަދު ނިންމީ، ޑރ. އިޔާޒް ވަޒީފާއަށް ނުކުތުން މަނާކޮށް އަދި އިންޒާރު ދީފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ޓްރައިބިއުނަލުގެ ނިންމުމާ ގުޅިގެން ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާތިލުގެ މައްޗަށް ބިނާކޮށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލު ނިންމުމެއް ކަމަށެވެ.

"ކުރިޔަށް އޮތްތަނުގައިވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ގައުމީ ޔުނިވަސިޓީގެ ވެރިންނަށް އިލްތިމާސްކުރަން." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވަޒީފާއިން ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ނިންމިއިރު، އޭނާ ވަޒީފާއިން ވަކިކުރި މައްސަލައިގައި އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.