ކ. މާފުށީ ކައުންސިލްގެ ދައުވަތަކަށް ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާފުއްޓަށް ވަޑައިގަތުމަށް ނިންމައިފި އެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަސް ކަމަށް ކަލަންޑަރުގައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި އީދު ދުވަހު މާފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ މި ދަތުރުފުޅަކީ އީދު ދުވަހުގެ މެންދުރުގެ ފަރިއްކޮޅަށް ރައީސް ސޯލިހަށް މާފުށި ކައުންސިލުން ދިން ދައުވަތު ގަބޫލުކުރައްވައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އީދު ދުވަހުގެ ހަރަކާތްތަކަށް މާފުށި ތައްޔާރުވަމުން އަންނައިރު އީދު ކުޅިވަރުތައް ފަށާނީ އީދު ނަމާދަށްފަހު ރަށުގެ ރައްޔިތުންނަށް ބާއްވާ ހެނދުނުގެ ސައިން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
މާފުށީ ކައުންސިލުން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ، ހަވާ އެރުވުން އޮންނާނީ އީދު ދުވަހުގެ ރޭ އޮންނަ ޝޯގައި ކަމަށެވެ. އަދި ހަވާ އަރުވަނީ މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ ކާނި ހޮޓެލްސް އާއި އެރީނާ ހޮޓެލްސްގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި އަހަރު މާފުށީގައި ކުރިއަށް ގެންދާ އީދުގެ ހަރަކާތްތައް ރާވަން މާފުށީ ކައުންސިލުން ހަވާލުކޮށްފައިވަނީ ލިކަމެކް ޕްރައިވެޓް ލިމިޓެޑާއެވެ.
މާފުށީ ކައުންސިލުން ބުނީ، އީދު ދުވަހު، އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ބިގާރަން ސްޕޯޓްސް ކްލަބުގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ކުޅިވަރުތަކެއްވެސް ބާއްވާނެ އެވެ. އަދި އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވާއިރު، ޔާރާ ޓީމާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ސަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިޔުޒިކާއެކު އެރޭގައި ޝޯއެއް އޮންނާނެ ކަމަށެވެ. އެ ޝޯ އޮންނާނީ، އެރަށުގައި ކުރީގައި އިސްލާހިއްޔާ ހިންގި ބިމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު