އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަކީ ޕާޓީއަށް ކުރާ ތާއީދު ހީނަރުވާ ކަމެއް ކަމުގައި، އެ ޕާޓީން ބުނެފިއެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު، އެ ކޮމިޓީން ވަނީ ކޮމިޓީގެ ނިންމުންތައް އާއްމުކޮށްފައެވެ.

އެގޮތުން، އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިނުން ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ކެމްޕެެއިން ބައްދަލުވުމެއް މިދިޔަ މަހުގެ ތެރޭގައި ބާއްވާފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި ވަކި ފަރުދަކަށް ފައިދާއެއް، ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުން ކުރާކަން ދުރުން ބަލަންތިބޭ އާންމު ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް އަމަލުކުރުމަކީ ޕާޓީއަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ.

"ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިން ބައްދަލުވުމަކަށް ބުނެ، ދައުލަތުގެ ވަސީލަތެއް ބޭނުންކުރުމަކީ އެކެންޑިޑޭޓަށް މެންބަރުން ކުރާ އިތުބާރާއި ތާއީދަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ފެނެއެވެ. ކެމްޕެއިން ކުރުމުގެ ބޭނުމަކީ ވޯޓުލާ މީހުންގެ އިތުބާރާއި ތާއީދު ކެންޑިޑޭޓަށް ހޯދައި އިތުރުކުރުން ކަމަށްވާތީ، ކެމްޕެއިން ޓީމުތަކުން ކުރާ މަސައްކަތުގައި މިފަދަ ކަންކަންކަމަށް ސަމާލުވެތިބެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އިތުރު ސަމާލުކަން ދިނުން މުހިންމު ކަމުގައި ދެކެމެވެ" އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުންޏެވެ.

މީގެ އިތުރުން ނ. ކެނދިކުޅުދޫގައި ފައްޔާޒްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވާން ލައުޑްސްޕީކަރުން އިއުލާންކުރިއިރު "އިކޮނޮމިކް މިނިސްޓަރު ކުރައްވާ ޒިޔާރަތުގައި ބާއްވާ ޖަލްސާއަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން ރަސްމީ ހެދުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދޭ ވާހަކަ ދަންނަވަން." ކަމުގައި ގޮވާލާފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނީ، އެކަން ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެގޮތުން ޕާޓީއަށް ނިސްބަތްވާ މެންބަރަކު ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރައްވާ ނަމަ ވީހާވެސް ގިނަ ބަޔަކަށް ދައުވަތު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމުގައި އެ ކޮމިޓީން ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.