ސިވިލް ކޯޓް

ނާދިރާއަށް ދޭން އެމްޑަބްލިއުއެސްސީއަށް އަމުރުކުރި 1.8 މިލިޔަން، ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ދޫނުކުރެވޭނެ

އިބްރާހިމް ޒަކީ

ސ. ހިތަދޫ ގޮމަށިގެ ނާދިރާ ޖަމީލް (ޑޭ ޓުޑޭ ޓްރާންސްޕޯޓް ސާވިސް) އަށް ދައްކަން އެމްޑަބްލިއުއެސްސީގެ މައްޗަށް އަމުރު ކުރި 1.8 މިލިޔަން ރުފިޔާ، ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ދޫނުކުރެވެން ނެތްކަމަށް ސިވިލްކޯޓުން ހަނޑައަޅައިފިއެވެ.

މި މައްސަލައަކީ، މާލޭ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ، ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ، ފެން ކިއޮކްސް އެއް ހިންގައިދިނުމާ ގުޅޭގޮތުން، ސ. ހިތަދޫ ގޮމަށިގެ ނާދިރާ ޖަމީލް (ޑޭ ޓުޑޭ ޓްރާންސްޕޯޓް ސާވިސް) އާއި އެމްޑަބްލިއުއެސްސީއާ ދެމެދު 24 މެއި 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލު ކުރި މައްސަލައެވެ.

އެކަމުގެ ސަބަބުން، ނާދިރާއަށް އާމްދަނީގެ އުނިވެފައިވާ މިންވަރުގެ ގޮތުގައި ކަނޑއަޅާފައިވާ 1.8 މިލިޔަން ރުފިޔާ (1،856،176) ނާދިރާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ކަމަށް ކަނޑައަޅައި އެފައިސާ ނާދިރާއަށް ލިބިދިނުމުގެ ގޮތުން 11 ފެބްރުއަރީ 2020 އިން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލްކޯޓަށް ދައްކަމުންގޮސް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށް އެމްޑަބްލިއުއެސްސީގެ މައްޗަށް ސިވިލްކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް މިހާތަނަށް އެފައިސާ ނާދިރާއަށް ދައްކާފައިނުވާތީ ސިވިލްކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް މި މައްސަލަ ސިވިލްކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލަ ބެލުމަށްފަހު، ސިވިލްކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، އެހުކުމް ތަންފީޒު ކުރުމުގެގޮތުން އަދާކުރަން ޖެހޭ ޒިންމާ އެމްޑަބްލިއުއެސްސީގެ ފަރާތުން އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހުކުމް ތަންފީޒު ކުރަން ދައްކަންޖެހޭ ފައިސާ އެމްޑަބްލިއުއެސްސީގެ ފަރާތުން ސިވިލްކޯޓަށް ދައްކާފައިވާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާތީ، އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ، އެކޯޓުން އެކަމަށް ވަކި ގޮތެއް އަންގަންދެން އެއްވެސް ފަރާތަކަށް އެފައިސާ ދޫނުކުރުމަށް ހައިކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް އެ ހުކުމްގައިވެއެވެ. އެހެންކަމުން، އެ މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ނުވަތަ އެފައިސާއާމެދު އަމަލު ކުރަންވީ ވަކި ގޮތެއް އެކޯޓުން އެންގުމުގެކުރިން އެ ފައިސާއަކީ އެއްވެސް ފަރާތަކަށް ދޫކުރެވޭނެ ފައިސާއެއްނޫން ކަމަށް ސިވިލްކޯޓުން އިއްޔެ ވަނީ ކަނޑައަޅައިފައެވެ.