ޚަބަރު

ދޫނި ރޯގާގެ އެޗް3އެން8 ވޭރިއަންޓް ފުރަތަމަ ފަހަރަށް އިންސާނަކަށް ޖެހިއްޖެ

އަލީ ޔާމިން

ދޫނި ރޯގާގެ ވޭރިއަންޓެއް ކަމަށްވާ "އެޗް3އެން8" ފުރަތަމަ ފަހަރަށް އިންސާނަކަށް ޖެހިއްޖެއެވެ.

"އެޗް3އެން8" ވޭރިއަންޓް އާންމުގޮތެއްގައި ޖެހެނީ އަހާއި ކުއްތާއަށެވެ. އެ ވޭރިއަންޓް ސީލްއަކަށް ޖެހިގެންވެސް ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާގެ ހެލްތު އޮތޯރިޓީން މިދިޔަ އަންގާރަ ދުވަހު ބުނީ، ވޭރިއަންޓް ޖެހިފައިވަނީ ޗައިނާގެ ހެނަން ޕްރޮވިންސްގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އެ ކުއްޖާއަށް އެ ވޭރިއަންޓް ޖެހުނީ، މިމަހުގެ ފަސް ވަނަ ދުވަހު ހުން އައިސް އެހެން އަލާމާތްތައްވެސް ފެނިފައިވަނިކޮށެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން ބުނީ، އެ ކުއްޖާގެ ކްލޯސް ކޮންޓެކްޓެއް ނެތް ކަމަށާއި އަލަށް ފެނުނު ވޭރިއަންޓް ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ.

ޗައިނާގައި ދޫނި ރޯގާގެ އެކިއެކި ވޭރިއަންޓްތައް އުޅެއެވެ. އެއީ އެގައުމަކީ ގިނަ އަދަދެއްގެ ދޫނި އާލާކުރާ ގައުމަކަށްވާތީ ކަމަށް ސައިންސްވެރިން ބުނެއެވެ.