ގަތަރު ވޯލްޑް ކަޕް 2022

ފީފާ ވޯލްޑްކަޕް: ވޯލްޑްކަޕުގެ އެންމެ މޮޅު ޓީމަކީ ބްރެޒިލް 70 ކަމުގައި ބުނަނީ ކީއްވެ؟

އިމާދު ލަތީފު

2

މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ މިސިލްސިލާގެ ބާވީސްވަނަ ވޯލްޑްކަޕެވެ. ހުރިހާ ވޯލްޑްކަޕެއް ހިމަނައިގެން ޖުމްލަ 79 ގައުމެއް ނުވަތަ ޓީމެއް ދުނިޔޭގެ ތަށި ހޯދުމަށްޓަކައި މިހާތަނަށް ވާދަކޮށްފައިވެއެވެ. މީގެ ތެރެއިން ތަފާތު 8 ގައުމަކުން ވަނީ ތަށި އުފުލާލައިފައެވެ. ޔޫރަޕަށް ނިސްބަތްވާ ފަސް ގައުމަކާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ ތިން ގައުމަކުންނެވެ. ޔޫރަޕުން ޖާމަނީއާއި އިޓަލީ، ފްރާންސާއި ސްޕެއިން އަދި އިންގްލެންޑެވެ. ދެކުނު އެމެރިކާއިން ބްރެޒިލް އާއި އާޖެންޓީނާ އަދި އުރުގުއާއީއެވެ. މިހާތަނަށް އެކާވީސް މުބާރާތް ބޭއްވުނުއިރު ހުރިހާ ގޮތަކުންވެސް އެންމެ ފޯރިގަދަ އެންމެ ފެންވަރު ރަގަޅު މުބާރާތެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަނީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑްކަޕެވެ.

މިހާތަނަށް ބޭއްވުނު އެކާވީސް ވޯލްޑްކަޕްގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ފާހަގަކުރެވޭ އެންމެ ފޯރިގަދަ ވޯލްޑްކަޕަކީ މެކްސިކޯ 70 ކަމަށް ގިނަބަޔަކު ނިންމަނީ ކީއްވެގެން ހެއްޔެވެ. އެ ވޯލްޑްކަޕާއި އެހެނިހެން ވޯލްޑްކަޕް ތަފާތުވާ ސަބަބުތަކަކީ ކޮބައިހެއްޔެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެހިސާބަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބޭއްވެމުން އައީ ހަމައެކަނި ދެ ބައްރެއްގައެވެ. ޔޫރަޕާއި ދެކުނު އެމެރިކާގައެވެ. މެކްސިކޯ 70 އަކީ މި ދެބައްރު ނޫން ބައްރެއްގައި ބޭއްވުނު ފުރަތަމަ ވޯލްޑްކަޕެވެ. މެކްސިކޯއަކީ އުތުރު އެމެރިކާ ބައްރުގައި އޮންނަ ގައުމެކެވެ. އެހެންވީމާ އެއީ ވޯލްޑްކަޕް ބޭއްވުމުގެ ތަރުތީބާއި އުސޫލު މުގުރިގެން ބަދަލުވެގެންގޮސް ހަގީގީ ވޯލްޑްކަޕެއްގެ ސިފައިގައި ކުޅުނު ފުރަތަމަ ވޯލްޑްކަޕެވެ. އެގޮތުންވެސް އެއީ ތާރީޚީ ވޯލްޑްކަޕެކެވެ.

އެންމެންގެ ހަނދާނުގައި އެންމެ ފެންވަރު ރަނގަޅު އެންމެ ފޯރިގަދަ ވޯލްޑްކަޕްގެ ގޮތުގައި މެކްސިކޯ 70 ހަރުލާފައިވަނީ ހަގީގަތުގައިވެސް އެންމެ ވާދަވެރިކަން ބޮޑު ގޮތެއްގައި އެންމެ ފެންވަރު ރަގަޅު ގިނަ މެޗުތަކެއް ފެނިގެންދިޔަ ވޯލްޑްކަޕަކީ މެކްސިކޯ 70 ކަމުގައިވާތީއެވެ. މީގެ ތެރެއިން ވަކިން ޚާއްސަކޮށް ހަތަރު މެޗެއް ފާހަގަކޮށްލެވެއެވެ. އެއްމެޗަކީ ސެމީފައިނަލްގައި އިޓަލީއާއި ވެސްޓް ޖާރމަނީ ބައްދަލު ކުރިމެޗެވެ. އެންމެންވެސް އިއްތިފާގުވާ ގޮތުގައި އެއީ ގަރުނުގެ އެންމެ މޮޅު މެޗެވެ. ގްރޫޕް ފިޔަވަހީގައި އިންގްލެންޑާއި ބްރެޒިލް ބައްދަލުކުރި މެޗުގައި ބްރެޒިލްގެ ފޯވާޑް ޕެލޭ ބޮލުން ފޮނުވާލި ވަރުގަދަ ހަމަލައެއް އިންގްލެންޑްގެ ގޯލްކީޕަރު ގޯޑަން ބޭންކްސް ދިފާއުކުރި ކުރުމަކީ ގަރުނުގެ އެންމެ މޮޅު ސޭވްގެ ގޮތުގައި މަޝްހޫރުވެފައިވެއެވެ.

އިޓަލީއާއި ވެސްޓް ޖާރމަނީ ބަައްދަލުކުރި ސެމީފައިނަލް މެޗު ގަރުނުގެ ބޮޑު މެޗަކަށް ވުމުގެ ސަބަބަކީ ފެށިގެންގޮސް ނިމެންދެންވެސް އެއްވާނެއްގައި ވާދަކޮށް ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު މެޗަކަށްވުމުންނެވެ. ނަތީޖާ ނެރެންޖެހުނީ އިތުރުވަގުތު ކުޅެގެންނެވެ. އިތުރުވަގުތުގައިވެސް ފަސް ލަނޑު ފެނިގެންދިޔަައެވެ. ވޯލްޑްކަޕްގެ މުޅި ތާރީޚުގައިވެސް އިތުރުވަގުތުގެ ކުޅުމުގައި މިއަދަދަށް ލަނޑު ފެނިގެންދިޔަ އެހެން މެޗެއް ނުކުޅެވެއެވެ. ފައިނަލްގައި އިޓަލީގެ މައްޗަށް ބްރެޒިލް ކުރިހޯދީ ހަތަރެއް އެކަކުންނެވެ. ތަފާތު ބޮޑު ނަތީޖާއެކެވެ. ބްރެޒިލް މި މެޗުގައި ކުޅުނީވެސް ތަފާތު މޮޅު ކުޅުމެކެވެ. މިސަބަބަށްޓަކައި މި ޓީމަކީ ގަރުނުގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ލޭބަލް ކުރެވިފައިވެއެވެ. ޓީމެއްގެ މޮޅުކަމަށް މިސާލު ޖަހަންޏާ އެޓީމަކަށް ވަނީ ބްރެޒިލްގެ މިޓީމެވެ.

ބުނާ މީހުން ބުނެއެވެ. ލިޔާމީހުން ލިޔެއެވެ. އެފަހަރުގެ ފައިނަލްގައި ކުޅުނު ބްރެޒިލްގެ ޓީމަށްވުރެ މޮޅު ޓީމެއް އޭގެ ކުރިންވެސް އަދި އޭގެފަހުންވެސް ފުޓްބޯޅަ ދަނޑަކަށް ނުނިކުމެއެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެ ޓީމުގައި މީހަކަށް ދޫކުރާނެ މީހެއް ނެތެވެ. ހައްތާވެސް ތަރިންނެވެ. އެކަމަކު މީގެތެރެއިންވެސް އެންމެ ވިދުންގަދަ އެންމެ މަޝްހޫރު ތަރިޔަކީ ޕެލޭއެވެ. އެއީ ޕެލޭގެ އެންމެ ފަހު ވޯލްޑްކަޕެވެ. ފައިނަލް މެޗުގައިވެސް ޕެލޭ ވަނީ ގޯލް ޖަހައިފައެވެ. އެކަމަކު ފައިނަލްގެ އެންމެ މޮޅު ގޯލްޖަހާފައިވަނީ ކެޕްޓަން ކާލޯސް އަލްބާޓޯއެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާތަނަށް ފެނިފައިވާ އެންމެ ރީތި އެންމެ މޮޅު ޓީމު ލަނޑުގެ ގޮތުގައި ގިނަބަޔަކު ބަލައިގަންނަނީ ކާލޯސް އަލްބާޓޯގެ މި ލަނޑެވެ. ފުޓްބޯޅަ އެކަޑެމީތަކުގައި އެންމެ ގިނައިން ދައްކަނީ މިލަނޑުގެ ވާހަކައެވެ.

ބްރެޒިލްގެ ގައުމީ ޓީމުން ޕެލޭ ރިޓަޔަރކުރީ ތިންވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމަށްފަހު 1971 ގައެވެ. އެހެންނަމަވެސް ޕްރޮފެޝަނަލް ފުޓްބޯޅައިން އޭނާ ރިޓަޔަރކުރީ އުމުރުން 36 އަހަރުގައި 1977ގައެވެ. ޕެލޭ ކުޅުން ހުއްޓާލި އުމުރަށްވުރެ ޕޯޗުގަލްގެ ރޮނާލްޑޯ މިހާރުވެސް ދޮށްޓެވެ. ބްރެޒިލްގެ ގައުމީ ޓީމުން ޕެލޭ ރިޓަޔަރ ކުރި އުމުރަށްވުރެ އާޖެންޓީނާގެ ލިއޯ މެސީވެސް މިހާރު ދޮށްޓެވެ. މިދެންނެވި ޕެލޭ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. މިހާރު އޭނާގެ އުމުރަކީ 81 އަހަރެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔަކީ ޕެލޭއެވެ. މެސީއާއި ރޮނާލްޑޯއާއި މަރަޑޯނާވެސް ގުނަންޖެހޭނީ ޕެލޭގެ ނަން ގެނައުމަށްފަހު އޭގެ ފަހަތުންނެވެ. މަރަޑޯނާގެ ހަޔާތުގައި މިއީ އޭނާ ވަރަށް ނުރުހިގެން އުޅުނު ކަމެކެވެ.