އިޓަލީގެ ސެރެއާ އޭ ތަށީގެ ވާދަވެރިކަން އިންތިހާއަށް ގަދަވެފައި އޮއްވައި، ލީގު ތާވަލުގެ އެއްވަނައަށް އަރަން އިންޓަ މިލާނަށް ލިބުނު ފުރުސަތު އެޓީމުން ނަގާލައިފިއެވެ.

އިޓަލީ ލީގުގެ ތަށްޓަށް އެންމެފަހުގެ ލީގު ޗެމްޕިއަން އިންޓަގެ އިތުރުން ދެން އެންމެ ގަދައަށް ވާދަކުރަނީ އެ ޓީމުގެ ސަރަހައްދީ ވާދަވެރިޔާ އޭސީ މިލާނުންނެވެ. 2011 ވަނަ އަހަރަށްފަހު ފުރަތަމަ ސެރެއާ އޭ ތަށި ހޯދުމަށް އޭސީ މިލާނުން ކުރަމުންދާ މަސައްކަތުގައި އެޓީމުން މިހާތަނަށް ކުޅެފައިވާ 34 މެޗުން ލިބިފައި ވަނީ 74 ޕޮއިންޓެވެ. ދެވަނައިގައި އިންޓަ އޮތީ 34 މެޗުން 72 ޕޮއިންޓް ލިބިފައެވެ. ދެޓީމަށްވެސް ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، ދެން އޮތް ކޮންމެ މެޗަކީވެސް ގާތް ގަނޑަކަށް ފައިނަލެކެވެ.

އިންޓައިން ރޭ ކުޅުނު މެޗުގައި ބޮލޯނިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންޓަ ބަލިވި ގޯލު އެޓީމު ކޮޅަށް ވަނީ ގޯލްކީޕަރު ލޮނުޓް ރަޑޫ އަތުން ހެދުނު ބޮޑު ގޯހެއްގެ ސަބަބުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އިންޓައިންނެވެ. އެއީ އިވާން ޕެރެސިޗް ޖެހި ގޯލުންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެ ގޯލު ފެނުނު އިރު، ހާފު ނިމުމުގެ ކުރިން ބޮލޯނިއާއަށް އެއްވަރު ކޮށްދިނީ ކުރިން ވެސްޓްހަމްއަށް ކުޅުނު މާކޯ އަރްނޯޓިވިޗެވެ. އެ ގޯލު އަރުނޯޓޮވިޗް ޖެހީ ބޮލުންނެވެ.

ރޭގެ މެޗަށް އިންޓައިން ނެރުނީ ބަދަލު ގޯލްކީޕަރު ރަޑޫއެވެ. އެއީ އާންމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗްއަށް އަނިޔާ ވެފައި ހުރުމުންނެވެ. އިންޓަ ކޮޅަށް ވަން ދެވަނަ ގޯލަކީ ޕެރެސިޗް އެއްލި އެއްލުމެއްގައި ދިޔަ ބޯޅަ ރަޑޫ ފައިގައި ލައްވައި ނުލައި ދިޔުމުން ނޮކޯލާ ސަންސޯނޭ ޖެހި ފަސޭހަ ގޯލެކެވެ.

ލީގުގައި ދެޓީމަށް ބާކީ އޮތް މެޗުތަކަށް ނަޒަރެއް ހިންގާލާ އިރު، އޭސީއަށް ގިނަ މެޗުތައް ހުރީ ލީގުގެ ގަދަ 10 ގައި ހުރި ޓީމުތަކާ ދެކޮޅަށެވެ. އިންޓައަށް ދެން އޮތް ހަތަރު މެޗުގައިވެސް ނުކުންނަން ޖެހޭނީ ލީގުގެ ބަލި 10 ޓީމުގެ ތެރެއިން ޓީމުތަކާ ދެކޮޅަށެވެ.