ޚަބަރު

ހެލްތު މިނިސްޓަރު ނަސީމްގެ ތާއިދު ފައްޔާޒަށް

މުހައްމަދު އިޝާން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއިދުކުރައްވަން ހެލެތް މިނިސްޓަރު އަހުމަދު ނަސީމް ނިންމަވައިފިއެވެ.

މިއަދު ނަސީމް ވަނީ ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވިޓާގައި އާންމުކުރައްވައިފައެވެ.

އެ ފޮޓޯ ނަގާފައިވަނީ ފައްޔާޒްގެ ކެމްޕޭނު ހަރުގޭގައެވެ. ފޮޓޯގައި ނަސީމް ހުންނެވީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމަށް، މި އިންތިހާބުގައި ފައްޔާޒަށް ލިބިވަޑައިގެންނެވި ކެންޑިޑޭޓް ނަންބަރު ދޭއް، އަތުގެ އިޝާރާތުން ދައްކަވައިގެންނެވެ.

މިނިސްޓަރު ނަސީމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ. ނަސީމަކީ ނަޝީދުގެ ބޮޑުބޭބޭއެކެވެ.

އެމްޑީޕީގެ ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދު ތާއިދުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށެވެ. ނަޝީދުގެ އާއިލާ ބޭފުޅުންގެ ތާއީދުވެސް އޮތީ އިންތިއަށެވެ.

ފައްޔާޒަށް ރައީސް ސޯލިހުގެ ތާއިދު އޮތް އިރު، މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ގިނަ މިނިސްޓަރުންގެ ތާއީދު ވެސް އޮތީ ފައްޔާޒަށެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އިރު، އެމްޑީޕީގެ ނަޝީދުގެ ފެކްޝަނުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން އެމްޑީޕީއަށް ރައްޔިތުންގެ ވޯޓުގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެ، އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށާއި މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށާއި އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިންތިގެ ކެމްޕޭނުގެ ޓީމުން ވެސް ދަނީ ފައްޔާޒުގެ ޓީމަށް ތުހުމަތުކުރަމުންނެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި، ކުންފުނިތަކުން މީހުންނާ ވަޒީފާ ހަމަޖައްސައިދެމުންދާކަމުގެ ތުހުމަތު ހިމެނެއެވެ.

އެ ހުރިހާ ތުހުމަތަކެއް ކަމާގުޅޭ އިދާރާތަކުން ތަހުގީގުކުރުމަށް ފައްޔާޒް ވަނީ ގޮވާލައްވައިފައެވެ. އިންތިއަށް ތާއިދުކުރައްވާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތަކަށާއި ފައްޔާޒަށް ކުރާ ތުހުމަތުތަކަށް ފައްޔާޒުގެ ޓީމުން ވެސް ދަނީ ރައްދު ދެމުންނެވެ.