"ރޭގަވެސް ބައްޕަ އާ ވާހަކަދެއްކިން. ވަކި އަނެއްހެން ތަފާތުކަމެއް ފާހަގައެއް ނުކުރެވޭ. ހުރިހާ ކުދިންނާއެކު ރޭ 12:00 ޖަހަން އުޅެނިކޮށް ކައިގެން ދަމު ނަމާދަށްވެސް ދިޔަ. ވަރަށް އުފާވެފަ ހުރީ މި ދަތުރު ފެށީއްސުރެވެސް."
މިއީ މިމަހުގެ 17 ވަނަ ދުވަހު ލޯބިވާ އަނބިމީހާ އާއި ހަތް ދަރިންނާއި ކާފަ ދަރިންނާއެކު އުމްރާގެ މަތިވެރި އަޅުކަމަށް ފުރި އަބޫބަކުރު ހަސަން (ބަކުރުބޭ), 76އ.ގެ ދަރިފުޅު އޭނަގެ ވާހަކަ "ވަން" އާ ހިއްސާކުރަމުން ދެއްކި އިއްޔެ ދެއްކި ވާހަކަ އެވެ.
ބ. އޭދަފުށީ މާބަގީޗާގެ ބަކުރުބެ އިއްޔެރޭ ފަތިސް ނަމާދުގެ ފަހުން އޭނާ ހުންނަ ހޮޓަލަށް ދިޔަތަނާ މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ވަނީ ނިޔާވެފަ އެވެ.
މިހާރު މައްކާގައި ހުރި ބަކުރުބޭގެ ދަރިފުޅު ޝައްފާން އަބޫބަކުރު "ވަން" އަށް އިއްޔެ ބުނީ މީގެ ދެއަހަރު ކުރިން ބައްޕަ ހުރިހާ ދަރިންނާއެކު އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ވާހަކަ ބުނި ކަމަށެވެ. އަދި އެކަމަކީ ބައްޕަގެ ހުވަފެނެއް ކަމަށް ބުންޏެވެ.
"އެހެންވެ ހުރިހާ ކުދިން ނިންމީ ބައްޕަގެ އެ އުންމީދު ފުރިހަމަ ކޮށްދޭން. އޭގެ ފަހުން އެންމެންވެސް މަސައްކަތްކޮށްގެން މިމަހުގެ 17 ވަނަ ދުވަހު އުމްރާ އަށް މިފުރީ. ބައްޕަ ހުރީވެސް އެކަމާ ވަރަށް އުފަލުން. ހަތް ދަރިންނާއި އެ ދަރިންގެ އަނބިންނާއި ފިރިންނާއި ކާފަ ދަރިންވެސް ދިޔަ." އޭނާ ބުންޏެވެ.
ޝައްފާން ބުނީ އިއްޔެރޭ ދަމު ނަމާދަށް ދިޔުމުގެ ކުރިން ހުރިހާ ކުދިންނާއެކު ކައިގެން ބައްޕަ ހޮޓަލަށް ދިޔަ ކަމަށެވެ. އަދި ދަމު ނަމާދާއި ފަތިސް ނަމާދާ ދޭތެރޭވެސް ދަރިންނާއެކު ވަގުތު ހޭދަ ކުރި ކަމަށާއި ނަމަވެސް އާދަޔާ ހިލާފު އެއްވެސް ތަފާތުކަމެއް ބައްޕަގެ ފަރާތުން ފާހަގަ ނުވާ ކަމަށެވެ.
ފަތިސް ނަމާދަށް ފަހު ހޮޓަލަށް އައި ތަނުން މެޔަށް ތަދެއް އަރައިގެން ނޭވާ ނުލެވިގެން ބައްޕަ އުޅުނު ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ބައްޕަ ނިޔާވެފައިވާ ކަމަށެވެ.
ޝައްފާން ބުނީ ލޭމައްޗަށް ދިޔުމާއި ހިތުގެ މައްސަލަ އަށް ބައްޕަ ބޭސް ބޭނުންކުރަމުން އަންނަ ކަމަށެވެ.
އޭދަފުށިން "ވަން" އާ ވާހަކަ ދެއްކި މީހުން ބުނީ ބަކުރުބެ އަކީ މީހުންނަށް ހެޔޮ ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މީހެއް ކަމަށެވެ. އަދި އެނާ އަކީ މީހުންނާ ގުޅޭ މީހެއް ކަމަށްވެސް ބުންޏެވެ.
ބަކުރުބެގެ އާއިލާ އުމްރާއަށް ދިޔައީ މުސާފިރީން އުމްރާ ގުރޫޕުގެ ހަވާލުގަ އެވެ.
މުސާފިރީން އުމްރާ ގުރޫޕުގެ ފަރާތުން ހުސައިން ރަޝީދު "ވަން" އަށް އިއްޔެ ވިދާޅުވީ އެ ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ މީހަކު އިއްޔެރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ހުސައިން ވިދާޅުވީ އެމީހާ އިއްޔެރޭ ފަތިސް ނަމާދަށްފަހު އަނބުރާ ހޮޓަލަށް ދިޔަ ފަހުން މެޔަށް ތަދެއް އަރައިގެން އުޅުނު ކަމަށެވެ. އެ ގަޑިއަކީ ފަތިސް ނަމާދު ކުރުމަށް ގިނަ މީހުންތަކެއް އުޅޭ ގަޑިއަކަށްވުމުން އެ ސަރަހައްދަށް ވެހިކަލެއް ނުވެއްދޭނެ ކަމަށެވެ.
"އެމީހާ ނިޔާވީ އެމްބިއުލާންސަށް ގުޅާފަ އެމްބިއުލާންސްވެސް އައުމުގެ ކުރިން. އެގަޑީގެ ގޮތުން އެ ސަރަހައްދަށް ވެހިކަލަށް ނުވަދެވޭނެ. މީގެ ކުރިންވެސް އެމީހާއަށް އެހެންވި ކަމަށް އާއިލާއިން ބުނި. ބަލި މީހެއް އެއީ. މިފަހަރު އެއްކޮށް ހިތް ހުއްޓުނީ ކަމަށް ޑޮކްޓަރުން ބުނީ. ދެން އަނެއްހެން ދަންނަވާނަމަ އެއީ ވަރަށް ރަނގަޅު މަރެއް. ހުރިހާ ދަރިންނާއެކު އުމްރާގެ އަޅުކަމަށް އެއައީ. ހުރިހާ ދަރިން ކުރިމަތީގަ ފަހު ނެވާވެސް އެ ދޫކޮށްލީ." އޭނާ ވިދާޅުވި އެވެ.