ފަތުރުވެރިކަމުން މިދިޔަ އަހަރު ރާއްޖެއަށް 54 ބިލިއަން ރުފިޔާއާއި އެއްވަރުގެ އާމްދަނީއެއް ލިބުނު ކަމަށް ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުން ލިބުނު އާމްދަނީ 3.5 ބިލިއަން ޑޮލަރު (54 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރާއި އަޅައިބަލާއިރު 148 އިންސައްތަ އިތުރުވުމުކެވެ. އަދި ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ފަތުރުވެރިކަމުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2021 އަހަރުއެވެ.

  • ފަތުރުވެރިކަމުން ފާއިތުވި ތިން އަހަރު ލިބުނު އާމްދަނީ
  • 2019- 3.2 ބިލިއަން ޑޮލަރު (49.3 ބިލިއަން ރުފިޔާ)
  • 2020- 1.4 ބިލިއަން ޑޮލަރު (21.6 ބިލިއަން ރުފިޔާ)
  • 2021- 3.5 ބިލިއަން ޑޮލަރު (54 ބިލިއަން ރުފިޔާ)

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އިރު އަދި ބެޑް ނައިޓްސް ވެސް ވަނީ 153 ޕަސެންޓު އިތުރުވެފަ އެވެ. އަދި އެވްރެޖްކޮށް 8.8 ދުވަސް ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވެއެވެ. 2020 ވަނަ އަހަރުގައި ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވަނީ އެވްރެޖްކޮށް 7.2 ދުވަހު އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދަތުރުކުރި ފްލައިޓުގެ އަދަދު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ އަހަރު ފްލައިޓް މޫވްމަންޓް 6,991 ގައި ހުރިއިރު އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 119 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 30 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން ދިޔައިރު އޭގެތެރޭގައި 13 ޝެޑިއުލް އެއާލައިން އާއި 17 ޗާޓަރު އެއާލައިން ވެސް ހިމެނެ އެވެ.

އެމްއެމްއޭ އިން ބަޔާންކޮށްފައިވާގޮތުން ފަތުރުވެރިކަމަށް މިދިޔަ އަހަރު ލިބުނު ކުރިއެރުންތަކުގެ މައިގަނޑު ސަބަބަކީ ކޮވިޑް19 އަށްފަހު ރާއްޖެއިން ގެންގުޅުނު ސިޔާސަތުތަކެވެ. ފަތުރުވެރިކަމަށް ގައުމު ހުޅުވާލައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓް ތަކުން ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދިއުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.