އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދު ނުކުރާ އެންމެންނަކީ ވަގުން ކަމަށް ގޮވުމަކީ އެ ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ހިސާން މިހެން ވިދާޅުވީ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓަކަށް މީހަކު ދިން ޖަވާބުގައި ހިތަދޫ ދާއިރާގެ މެންބަރު ނާޒިލް އަދި ހިސާންގެ ފިރިކަލުންއާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެންނެވެ.
ހިސާންގެ ޓުވީޓުގައި ވިދާޅުވީ, އިންތިއަށް ތާއިދު ނުކުރާ އެންމެންނަށް ވަގު ތުހުމަތު އަޅުވައި ކޮރަޕްޓް ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށެވެ.
އަދި ނާޒިލްއަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މެންބަރެއް ނޫން ކަމަށާއި މި ސަރުކާރުގެ އެއްވެސް އިއުލާނަކަށް ބިޑް ކުރާ މެންބަރެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ގުޅިގެން އެމްޑީޕީ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވެ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއީދުކުރާ މެންބަރުންނާއި ސަޕޯޓަރުންނާއި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ އިންތިއަށް ތާއީދުކުރާ މެންބަރުންނާއި ސަޕޯޓަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ދަނީ ރައްދުކުރަމުންނެވެ.