"ޑިޕްލޮމެޓް އޮފް ދި އިޔާ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާގެ އެވޯޑު" އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އަށް ލިބިވަޑައިގެންފިއެވެ.
މި އެވޯޑު ފަރަހަނާޒް އާ ހަވާލުކޮށްފައިވަނީ އިއްޔެ ބޭއްވި އައިއެޗްޖީ ޑިޕްލޮމެޓު އޮފް ދަ އިޔާ އެވޯޑްސް ހަފުލާގަ އެވެ. ޑިޕްލޮމެޓް އޮފް ދަ އިޔާ އެވޯޑަކީ އިނގިރޭސިވިލާތުގައި ގާއިމުކޮށްފައިވާ 165 އަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަންގެ ޑިޕްލޮމެޓުންގެ ތެރެއިން ވޯޓުލައިގެން ދޭ، ވަރަށް ޝަރަފުވެރި އެވޯޑެކެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ދެނީ 10 ބޭފުޅަކަށެވެ. މިއީ މިއެވޯޑް ދޭތާ 12 ވަނަ އަހަރެވެ.
ފޮރިން މިނިސްޓްރީން ބުނީ އޭޝިއާ އަދި އޯޝޭނިއާ އަކީ ގިނަ ގައުމުތަކެއް ކަވަރުކުރާ ބޮޑު ސަރަހައްދަކަށްވާއިރު އެ ގައުމުތަކުގެ ޑިޕްލޮމެޓުންގެ ތެރެއިން ޑރ. ފަރަހަނާޒް ފައިސަލް އަށް މި އެވޯޑް ލިބިވަޑައިގަތުމަކީ ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ޝަރަފެއް ކަމަށެވެ.
މި އެވޯޑު ހަފުލާ އިންތިޒާމުކުރީ "ޑިޕްލޮމެޓް މެގަޒިން" ގެ ފަރާތުންނެވެ. "ޑިޕްލޮމެޓް މެގަޒިން" އަކީ ހާރިޖީ ދާއިރާއާ ގުޅުންހުރި މުހިންމު މައުލޫމާތުތަކާއި ވާހަކަތައް ޝާއިއުކުރާ މަޝްހޫރު މަޖައްލާއެކެވެ. މިއަހަރުގެ އެވޯޑު ހަފުލާ ހުށަހެޅި ބީބީސީ ނިއުސްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް މރ. ޖޭމްސް ލެންޑޭލް އެވެ.
މި އެވޯޑާއި ހަވާލުވެވަޑައިގަތުމަށްފަހު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ އެވޯޑު ލިބުނީތީ މާތްﷲ އަށް ހަމްދު ކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މަސައްކަތްކުރައްވާ ޓީމަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު