ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ރަސްކަލަކީ އާޖެންޓީނާގެ ލިއޯ މެސީއެވެ. މިހާރު އުމުރުން 34 އަހަރުވެފައިވާ މެސީއަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާތަނަށް ލިބިފައިނެތް ކާމިޔާބެއްވިއްޔާ އެ އެއްޗަކީ ވޯލްޑްކަޕެވެ. އާޖެންޓީނާޔާއެކު އޭނާއަށް ވޯލްޑްކަޕް ކާމިޔާބު ކުރެވިފައެއް ނެތެވެ. އެހެން ހުރިހައި އެއްޗެއް ވަނީ ލިބިފައެވެ. މިއަހަރުގެ ނޮވެމްބަރު އެކާވީސް ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕަކީ ޔަގީނާއި ގާތަށް ލަފާކުރެވޭ ގޮތުން ލިއޯ މެސީ ކުޅޭނެ އެންމެ ފަހުގެ ވޯލްޑްކަޕެވެ. އެހެންވީމާ އޭނާގެ ތާޖުގައި މިހާތަނަށް ހަރުކުރެވިފައި ނުވާ ހަމައެކަނި ޖަވާހިރު ކަމަށްވާ ވޯލްޑްކަޕް ލިބިގަތުމަށްވެސް މިއީ އެންމެ ފަހު ފުރުސަތެވެ. މިފަހަރު ނުވިއްޔާ ދެން ނުވީއެވެ.
އާޖެންޓީނާގެ ކެޕްޓަނަކީ ލިއޯ މެސީއެވެ. އާޖެންޓީނާގެ ގައުމީ ޖާޒީގައި މެސީއަށް މިހާތަނަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީއަކީ ހުސްވި 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. ކޮޕާ އެމެރިކާޔަކީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ސަރަހައްދީ މުބާރާތެވެ. އެތައް ފަހަރެއްގައި ފައިނަލް ކުޅެގެން އެތައް ފަހަރަކު ބަލިވެ އެތައް ރުއިމެއް ރުއިމަށްފަހު އެންމެފަހުން މެސީއަށް އެތަށީގައި އަތްލެވުނީ ހުސްވި އަހަރުއެވެ. އެހެންވީމާ އޭނާގެ އުއްމީދަކީ މިވާނުގައި އަދި މިފޯރީގައި ނިކުމެ މިއަހަރުގެ ވޯލްޑްކަޕް ވެސް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމެވެ. މިއީ އޭނާގެ ނަސީބު އަހަރު ކަމުގައި ހެދުމެވެ. މިއަހަރުގެ ވޯލްޑްކަޕަކީ އާޖެންޓީނާގެ 18 ވަނަ ވޯލްޑްކަޕެވެ. ދެކުނު އެމެރިކާގައި ބްރެޒިލް ނެގުމަށްފަހު ދެން އެންމެ ފަޚުރުވެރި ރިކޯޑެއް އޮތީ އާޖެންޓީނާއަށެވެ.
ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަޔާއި ދުނިޔޭގެ ފުޓްބޯޅައިގައި ބްރެޒިލް އާއި އާޖެންޓީނާގެ މެދުގައި އޮންނަ ވާދަވެރިކަމާއި ހަސަދަވެރިކަމުގެ ވާހަކަޔަކީ އައު ވާހަކައެއް ނޫނެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ ސަރަހައްދީ ތާޖާއި ދުނިޔޭގެ ތާޖުވެސް އެބައެއްގެ ބޮލުގައި ހުރުމަށެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ވާދަވެރިކަމުގެ ތިލަފަތުގައި ބްރެޒިލްއަށްވުރެ އާޖެންޓީނާގެ ކާމިޔާބީތަކުގެ ބަރުދަން އިތުރެވެ. ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ޖުމްލަ ފަނަރަ ފަހަރު ލިބިފައިވާއިރު ބްރެޒިލްއަށް އެތަށި ހޯދުނީ އެންމެ ނުވަ ފަހަރުއެވެ. އެކަމަކު ވޯލްޑްކަޕުގައި ބްރެޒިލްގެ ވިދުން މާގަދައެވެ. މިހާތަނަށް ޖުމްލަ ފަސްފަހަރު ބްރެޒިލް ވަނީ ވޯލްޑްކަޕް އުފުލާލައިފައެވެ. އާޖެންޓީނާއަށް އެކަން ކުރެވުނީ އެންމެ ދެފަހަރުއެވެ. އެ ދެފަހަރުވެސް އެމެރިކާ ބައްރުގައި ކުޅެގެންނެވެ.
ވޯލްޑްކަޕްގައި ބްރެޒިލްގެ ފަސް ކާމިޔާބީގެ ތެރެއިން އެންމެ ފަހު ކާމިޔާބީއަށް ވެސް މިހާރު ވިހި އަހަރު ވެއްޖެއެވެ. ބްރެޒިލްއަށް އެންމެ ފަހުން ކާމިޔާބު ކުރެވުނީ 2002ގެ ވޯލްޑްކަޕެވެ. އެއީ މިހާތަނަށް އޭޝިޔާގައި ބޭއްވިފައިވާ ހަމައެކަނި ވޯލްޑްކަޕެވެ. އެފަހަރުގެ ވޯލްޑްކަޕް ބޭއްވުނީ ދެކުނު ކޮރެޔާ އާއި ޖަޕާނުގައެވެ. މިފަހަރު ގަތަރުގައި ބޭއްވޭ ވޯލްޑްކަޕަކީ އޭޝިޔާގެ ދެވަނަ ވޯލްޑްކަޕެވެ. އޭޝިޔާގައި ބާއްވައިފިއްޔާ އެއީ ދެކުނު އެމެރިކާގެ ފަހަރެއް ކަމަށް ބްރެޒިލުން އޮތީ ދައްކައިފައެވެ. މިކަމުން ހިތްވަރު ލިބިގެން ލިއޯ މެސީގެ އާޖެންޓީނާ ނުކުންނާނީ ދޭތިން އެކައްޗަކަށެވެ. ގަތަރުގެ ފަހަރަކީ ބްރެޒިލްގެ ބަދަލުގައި އާޖެންޓީނާގެ ނަސީބު ފަހަރު ކަމަށް ހެދުމުގެ އަޒުމުގައެވެ. މިކަން ކުރެވޭ ވަރުގެ ހުނަރާއި ތަޖުރިބާވެސް އެބަހުއްޓެވެ. ވަކަރަށް ޖަހައިލަން އޮތީ ނަސީބު އެކަންޏެވެ.
އާޖެންޓީނާއަށް މިހާތަނަށް ވޯލްޑްކަޕް ކާމިޔާބު ކުރެވިފައިވާ ދެފަހަރަކީ 1978 އަދި 1986 ގައެވެ. މީގެ ތެރެއިން ފުރަތަމަ ފަހަރު ހޯދާފައިވަނީ އަމިއްލަ ގައުމުގައި ކުޅެގެންނެވެ. އެއަށްފަހު މެކްސިކޯގައި ކުޅެގެންނެވެ. މެކްސިކޯގައި ކުޅުނު ވޯލްޑްކަޕަކީ ޑިއޭގޯ މަރަޑޯނާގެ ފަހަރެވެ. މީހުން ބުނެއެވެ. އެފަހަރުގެ ތަށި އާޖެންޓީނާއަށް ހޯދައިދިނީ މަރަޑޯނާ ގިނިކަންޏާއެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެފަހަރު ކުރިހާވެސް ކަމެއް ކުރީ މަރަޑޯނާއެވެ. އޭނާ އެފަހަރު ލަނޑު ޖަހާފައިވަނީ ފަޔާއި ބޮލުން އެކަންޏެއް ނޫނެވެ. އަތުންވެސް ޖަހާފައިވެއެވެ. އިންގްލެންޑާ ދެކޮޅަށް ކުއާޓަރ ފައިނަލުގައި މަރަޑޯނާގެ ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ އަތުންނެވެ. އެކަން ފަހުން ވަނީ ސާބިތުވެސްވެފައެވެ. މަރަޑޯނާ ވަނީ ފަހުން އެކަމަށް އިއުތިރާފުވެސް ވެފައެވެ.
މަރަޑޯނާގެ ހިންމަތާއި މިންނަތުން އޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކުގައި ބްރައުނާއި ވަލްޑާނޯޔާއި ބުރުޝާގާ ލަނޑު ޖަހައިގެން ފައިނަލްގައި ޖަރުމަނީ ބަލިކޮށް އާޖެންޓީނާ ތަށި އުފުލާލިފަހުން 36 އަހަރު ވެއްޖެއެވެ. މިކަންކުރި މަރަޑޯނާވެސް 20 ނޮވެމްބަރު 2020 ގައި ވަނީ މަރުވެފައެވެ. މިފަހަރުގެ ވޯލްޑްކަޕް މި ބޭއްވެނީ މަރަޑޯނާ މަރުވިތާ ބަރާބަރު ދެއަހަރު ފަހުންނެވެ. އެހެންވީމާ މަރަޑޯނާގެ ޝަރަފާއި ހަނދާނަށްޓަކައިވެސް އާޖެންޓީނާއަށް މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރުން މުހިއްމެވެ. ގައުމީ ޖޯޒީގައި ލިއޯ މެސީއަށްވުރެ މަރަޑޯނާގެ ވިދުން ގަދައެވެ. އެކަމަކު ކްލަބް ލެވެލްގައި ވިދުން ގަދައީ މެސީއެވެ. އެންމެ މޮޅީ މަރަޑޯނާތޯ ނުވަތަ މެސީތޯ ކުރެވޭ ބަހުސަށްވެސް ނިމުން ގެނެވެން އޮތީ މިފަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބު ކުރެވިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022