ފްރާންސްގައި މިހަފުތާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކަނާތުފިޔައިގެ ވަތަނީ ހަރުކަށި ލީޑަރު މާރީ ލިޕެން ބަލިކުރެެއްވުމަށްފަހު އެމަނުއެލް މެކްރޯން ވަނީ ރިޔާސަތުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފައެވެ. މެކްރޯނަށް ވޯޓުގެ 58.5 އިންސައްތަ ލިބިވަޑައިގެންނެވިއިރު ލިޕެންއަށް ލިބިވަޑައިގަތީ 41.5 ޕަސަންޓެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބެއްގައި ފާރ ރައިޓް ކެންޑިޑޭޓަކަށް މިހާ ގިނަ އަދަދެއްގެ ވޯޓު އަދި ދުވަހަކުވެސް ހޯއްދެވިފައެއް ނުވެއެވެ. އެހެންވީމާ ލިޕެން ބަލިވިޔަސް އޭނާ ގެންދަވަނީ އުފާ ފާޅު ކުރައްވަމުންނެވެ. ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމާއެކު ރައީސް މެކްރޯން ވަނީ ގައުމު އަލުން އެކަތިގަޑަކަށް ހެއްދެވުމުގެ ސިޔާސަތަށް އިސްކަން ދެއްވާނޭ ކަމަށް ވިދާޅުވެފައެވެ. އެއްބައިވަންތަކަމުގެ ވެކްސިނެއް އުފައްދަވާނޭ ކަމަށް ވިދާޅުވެފައެވެ.
ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ވޯޓުދީފައިވާގޮތް ޗާޓެއްގެ ގޮތުގައި ކުރަހައިލީމާ ފްރާންސް މިވަގުތު ބެހިގެންގޮސްފައިވާ ގޮތް ވަރަށް ރީއްޗަށް ހާމަވެގެންދެއެވެ. ވެރިރަށް ޕެރިހާއި ބޮޑެތި ސަހަރުތަކާއި ފްރާންސްގެ މެދުތެރެޔާއި ހުޅަނގާއި ހުޅަނގު ދެކުނުގައި އޮތީ ރައީސް މެކްރޯނުގެ ތާއީދެވެ. އުތުރާއި އިރުދެކުނާއި އިރުމަތީގައި އޮތީ ލިޕެންގެ ތާއީދެވެ. މުއްސަނދީންނާއި މެދުފަންތީގެ މީހުން ތިބީ ރައީސް މެކްރޯނާއެކީގައެވެ. ފަގީރުން ނުވަތަ އެންމެ މަދުން އާމްދަނީ ލިބޭ މީހުން ތިބީ ލިޕެންއާއެކުގައެވެ. މިކަން މިހެން އޮތްއިރު ދެވަނަ ބުރުގައި ވޯޓުލާން ނުކުމެފައިވަނީވެސް ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 72 އިންސައްތަ މީހުންނެވެ. މިއީ ފާއިތުވި 55 އަހަރުގެ ތެރޭގައި އިންތިޚާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް އަދަދެވެ.
މިފަހަރު ވޯޓުލާން ނުކުތް މީހުންގެ ނިސްބަތަކީ 72 އިންސައްތަ ކަމަށްވާއިރު އޭގެތެރެއިންވެސް ގާތްގަޑަކަށް ނުވަ އިންސައްތަ މީހުން ގަސްތުގައި އެމީހުންގެ ވޯޓުވަނީ ބާތިލްކޮށްފައެވެ. ޖުމްލަ ހަ ޕަސަންޓް މީހުން ވަނީ އެއްވެސް ކެންޑިޑޭޓެއްގެ ނަމާދިމާލުގައި ފާހަގައެއް ނުޖަހައި ހުސްކަރުދާސްކޮޅު ވޯޓުފޮށީގެ ތެރެއަށް ވައްޓާލައިފައެވެ. އެމީހުން ބުނެފައި އެވަނީ ދެ ކެންޑިޑޭޓުންގެ ތެރެއިން މީހަކުވެސް ކަމުނުދާ ވާހަކައެވެ. ބާކީ ތިން ޕަސަންޓް މީހުން ވަނީ ކަރުދާސްކޮޅުގައި އެމީހުންގެ ޝުއޫރުތައް ލިޔެ ތިޔަތަނުން ކަމުދާ އެކަކުވެސް ނެތޭ، ގައުމަށް މިޖެހުނީ ކިހައިބޮޑު ނުފޮރުއްޕާނެއްހޭ އަހައި ސުވާލުވެސް ކޮށްފައެވެ. މިގޮތުން ގާތްގަޑަކަށް ނުވަ އިންސައްތަ ވޯޓުވަނީ ބާތިލްވެގެން ގޮސްފައެވެ. މިފަހަރު ބާތިލް ވޯޓުގެ ނިސްބަތަކީވެސް ފްރާންސްގައި އައު ރިކޯޑެކެވެ.
ފްރާންސްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު ވޯޓުލާން ނުނިކުތުމަކީ ވެސް ފާޑެއްގެ އިހުތިޖާޖެކެވެ. ކަމުނުދާ މީހަކަށް ވޯޓުލުމަށްވުރެ ގޭގައި ހިމޭނުން ހުރުންވެސް މޮޅުއިތުރުވެގެންވެޔޭ ބުނުމެކެވެ. އިންތިޚާބުގެ ނަތީޖާ ސާފުވުމާއެކު ވެރިރަށް ޕެރިހާއި އެނޫން ބައެއް ސަހަރުތަކުގައި މުޒާހަރާތަކެއްވެސް ފެނިގެން ދިޔައެވެ. މި މުޒާހަރާތަކަކީ ރައްޔިތުންގެ ކުރިމައްޗަށް އެކަށީގެންވާ އިތުބާރުހުރި ކެންޑިޑޭޓަކު ނުކުމެފައި ނުވާތީއާއި ގޮތް ނިންމަން އެކަށީގެންވާ އިޚުތިޔާރެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ބުނެ ވާތުފިޔައިގެ މީހުން ކޮށްފައިވާ މުޒާހަރާތަކެކެވެ. އެންމެފަހުން މިޒާތުގެ ކަމެއް ފްރާންސްގައި ފެނިގެންދިޔައީ 1969 ވަނަ އަހަރުގެ އިންތިޚާބުގައި ޖޯޖް ޕޮމްޕިޑޫ ރިޔާސަތަށް ހޮވިވަޑައިގެންނެވި ފަހަރުއެވެ.
ފްރާންސްގެ މެއިންލޭންޑް ނުވަތަ ޔޫރަޕުން ރައީސް މެކްރޯނަށް ބޮޑު އަގުލަބިއްޔަތެއް ލިބިވަޑައިގަތަސް އޯވަރސީސް ޓެރިޓަރީތަކުން ފެނިގެންދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހުރިހާ އޯވަރސީސް ޓެރިޓަރީއެއްގެ އަޣުލަބިއްޔަތު ހޯއްދެވީ ވާތުފިޔައިގެ ލީޑަރ މަލެންކޮންއެވެ. ޖުމްލަ ވޯޓުން މެލެންކޮންއަށް ފުރަތަމަ ބުރުގައި ލިބިވަޑަގަތީ ތިންވަނައެވެ. އެހެންވީމާ ދެވަނަ ބުރުން އޭނާއަށް ފުރުސަތު ލިބިވަޑައެއް ނުގެންނެވިއެވެ. އޯވަރސީސް ޓެރިޓަރީތަކުގައި މެލެންކޮންގެ ސަޕޯޓަރުންގެ ގިނަ ބަޔަކު ދެވަނަ ބުރުގައި ވޯޓުދިނީ ލިޕެންއަށެވެ. މި ވޯޓަކީ ލިޕެންއާ ރުހި ގަބޫލުވެގެން ދިން ވޯޓަކަށްވުރެ ބޮޑަށް މެކްރޯނާއިމެދު ނުރުހިގެން އޭނާއާ ދެކޮޅަށް ދިން ވޯޓެކެވެ. އިހުތިޖާޖުގެ ވޯޓެކެވެ. އެކަން ވަރަށް ސާފެވެ.
ފްރާންސަކީ ހަމައެކަނި ޔޫރަޕުގައި އޮންނަ ގައުމެއް ނޫނެވެ. ފްރާންސްގެ އެކި ސަރަހައްދުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެއެވެ. ދެކުނު އެމެރިކާ އާއި ކެރީބިއަންގައެވެ. އިންޑިޔާ ކަނޑާއި ދެކުނު ޕެސިފިކްގައެވެ. މިތަންތަނުގައި ވެސް ތިން މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މިފަދަ ސަރަހައްދުތަކުން ރައީސް މެކްރޯނަށްވުރެ ގިނައިން ވޯޓް ހޯއްދެވީ ލިޕެން އެވެ. ދެކުނު އެމެރިކާ ބައްރުގައި އޮންނަ ފްރެންޗް ގަޔާނާ އާއި ކެރީބިއަންގެ ޖަޒީރާތަކެއް ކަމަށްވާ ގުއަޑެލޯޕާއި މާޓިނީކްގައި ކުރި ހޯއްދެވީ ލިޕެންއެވެ. އިންޑިޔާ ކަނޑުގައިވާ ރިޔުނިއަނާއި މެޔޯޓްގައިވެސް ކުރި ހޯއްދެވީ ލިޕެންއެވެ. އެކަމަކު ދެކުނު ޕެސިފިކްގައި އޮންނަ ނިއުކެލެޑޯނިޔާ އާއި ފްރެންޗް ޕޮލިނޭޝިޔާގައި ކުރި ހޯއްދެވީ ރައީސް މެކްރޯނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ