ޚަބަރު

ސީއެސްސީގެ ރައީސްގެ ކިބައިން އުނިކުރި ބާރުތައް ދޭން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަސްއޫލިއްޔަތުތަކުން އުނިކުރި ބައި، އެ ބާރުތަކާއެކު އަލުން ދޭން ހިމަނައި ސީއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައި ވަނީ، ސިވިލްސާވިސްގެ ގާނޫނުގައި، ކޮމިޝަންގެ ރައީސްގެ މަސްސޫލިއްޔަތުތައް ބަޔާން ކުރުމާއެކު، ކޮމިޝަންގެ ރައީސް މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާ ކުރާނީ ކޮމިޝަންގެ ނައިބު ރައީސްކަމަށް ބަޔާން ކޮށްފައި ވަނިކޮށް، އެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން އެ ގާނޫނުގެ 17 މާއްދާ އެއްކޮށް އިސްލާހުކުރުމާ ގުޅިގެން، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާބެހޭ ގޮތުން ހިމަނާފައިވާ ބައިތައް އުނިކޮށްފައިވާތީ، އެ ބައި އަލުން ގާނޫނަށް އިތުރުކުރުން ކަމަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ދިރާސާކުރިގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ގާނޫނުން އުނިވެފައިވަނީ، އެ ގާނޫނަށް އިސްލާހު ގެނައުމުގައި މާއްދާތަކުގެ ނަމްބަރުތައް ތަރުތީބު ކުރުމުގެ ތެރެއިން ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެން ފާސްކުރި މި އިސްލާހުން ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އެ ކޮމިޝަންގެ މަސްއޫލިޔައްތުތައް އަދާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، ކޮމިޝަންގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކާ ޒައާމަތު ގާއިމުކުރުމާއި، އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލު ކަނޑައަޅައި އެ ކަންކަން އުސޫލާ އެއްގޮތަށް ހިންގާކަން ކަށަވަރުކޮށް ފިޔަވަޅު އެޅުމާއި، ކޮމިޝަނުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓުންވެސް ހިމެނެއެވެ.

މި އިސްލާހުގައި ބުނެފައި ވަނީ، ކޮމިޝަންގެ ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުކުޅެދިއްޖެ ހާލަތެއްގައި އެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސް ކަމަށެވެ،