މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ދަށުކޯޓުން އެ މައްސަލައެއްް ނިންމި ވަގުތުން ފެށިގެން ކަަމަށް ސުޕްރީމް ކޯޓުން ދެންމެ ކަނޑައަޅައިފިއެވެ.
ދަށު ކޯޓުން ނިންމާ މައްސަލަަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރަން ގާނޫނުގައި އޮންނަ 48 ގަޑިއިރު ގުނާނެ ގޮތަކާމެދު ކޯޓުތަކާއި ދައުލަތާ ދެމެދު ވަނީ ހިޔާލުތަފާތުތަކެއް އުފެދިފައެވެ.
ބައެއް ޑްރަގް މައްސަލަތަކުގެ އިތުރުން ފާހަގަކޮށްލެވޭ، ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ، ހައިކޯޓުން ބޭރުކޮށްލީ ވެސް އެގޮތަށް 48 ގަޑިއިރު ފަހުން އެ މައްސަލަ ދައުލަތުން ހުށަހަޅާފައިވާތީއެވެ.
ނަމަވެސް ހައިކޯޓުގެ އެ ނިންމުން ރަނގަޅުނުވާ ސަބަބު ބަޔާންކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވީ، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ މުއްދަތު ގުނާނެ ގޮތާ ގުޅޭ މާއްދާގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުން ފާހަގަކޮށްފައިވާ 48 ގަޑިއިރު ގުނާނީ، ކޯޓުން އަމުރު ނެރުނު ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް ބަންދު ދުވަހެއް އަތުވެއްޖެ ނަމަ، އެ ދުވަސް ނުހިމަނާ ކަމަށް ވިދާޅުވެފައިވެއެވެ.
ޝަމީމު ވިދާޅުވެފައި ވަނީ އައްމަޓީ މައްސަލައިގެ މުއްދަތުތަކަށް ބަލައި އިރު، ފުރަތަމަ މަރުހަލާގެ ކޯޓުން އެެ މައްސަލަ ނިންމީ 20 މާޗުގައި ކަމަށާއި އެއީ ނުގުނާ ދުވަހެއް ކަމަށެވެ. އަދި 21 މާޗަކީ މުއްދަތު ގުނާ ފުރަތަމަ ދުވަސް ކަމަށާއި 22 މާޗަކީ ދެވަނަ ދުވަސް ކަމަށާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކީ 23 މާޗުކަމުން އެއީ ނުގުނާ ދުވަހެއް ކަމަށްވެސް ވިދާޅުވެެފައިވެއެވެ.
ޝަމީމު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމާބެހޭ މާއްދާ ކަމަށާއި އެއީ ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކަ އޮތް މާއްދާއެއް ނޫން ކަމަށެވެ. އެހެންކަމުން މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން ކަމަށާއި އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އިސްތިއުނާފާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަސް ނުލައި ކަމަށެވެ.
ޝަމީމު އިތުރަށް ވިދާޅުވީ، އެ ގަވާއިދުގައި މުއްދަތު ގުނާ އިރު، ނުގުނާނެ ދުވަސްތައް ލިޔުނު އިރު، ގާނޫނުގައި ބައެއް އިސްތިއުނާފުގެ މައްސަލަތަކުގައި 48 ގަޑިއިރު، އަނެއްބައި މައްސަލަތަކުގައި 10 ދުވަސް އޮތްކަން ގަވާއިދު ލިޔުއްވި ސުޕްރީމް ކޯޓަށް ހަމަ ރަނގަޅަށް އެނގޭނެ ކަމަަށެވެ.
ނަމަވެސް ދަށު ކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުން މުއްދަތު ގުނުމާބެހޭގޮތުން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމުމެއް ނިންމައި ގޮތެއް ކަނޑައަޅައިފައެވެ.
އައްމަޓީގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބޭރުކޮށްލި މައްސަލައިގައި، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިއާޔަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫން ކަމަށެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔުގައި ވަނީ، 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ދަށު ކޯޓުން ނިންމުން ނިންމާ މިނެޓުން ނުވަތަ ވަގުތުން ފެށިގެން ކަމަށެވެ.
ނަމަވެސް މީގެކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މާނަކޮށްދީފައި ނެތުމުންނާއި، ގާނޫނު ބާތިލުވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައި ހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާތިލުނުވާނެ ކަމަށް ވެސް ހުކުމުގައިވެއެވެ. އެހެންކަމުން، އައްމަޓީގެ މައްސަލަ ވެސް ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ އަމުރު ކޮށްފައެވެ.
އެ ބެންޗުގައި ދެން އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަކީ، 48 ގަޑިއިރު ގުނަން ޖެހޭނީ ދުވަހުން ކަމަށެވެ. އެއީ 48 ގަޑިއިރަކީ ދެ ދުވަސް ކަމަށް ވާތީ އާއި ގާނޫނުގައި އެހެން ހުރިހާ މުއްދަތުތައް ހިމަނާފައި ވަނީ ދުވަހުން ގުނާ ގޮތަށް ކަމަށްވާތީއެވެ.
ޚަބަރު
ޚަބަރު