ޚަބަރު

އެމްއެސްއެސްގެ އާ ބޯޓު މިމަހު ރާއްޖެ ގެންނަނީ, އިމާރާތްކުރަން ބޭނުންވާ ތަކެތި އަގުހެޔޮކޮށް ހުސްނުވެ ލިބޭނެ

ގައުމީ ޝިޕިން ލައިން, މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަން ދެވަނަ ބޯތު މިމަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު މިއަދު "ވަން" އަށް ވިދާޅުވީ, ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެންނަ އެ ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއާއެއް ކަމަށެވެ. އަދި މިހާރު ބޯޓު އޮތީ ޔޫއޭއީގައި ކަމަށާއި އެގައުމުން މުދާ ބަރުކޮށްގެން މިމަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

"ބޯޓު ކުރޫން މިހާރު ވަނީ ޔޫއޭއީއަށް ގޮސްފައި, މިހާރު ކުރިއަށްދަނީ ސާވޭތައްކޮށް ދިދަ ނެގުމުގެ މަސައްކަތް. އެއަށްފަހު ރެކޮމެންޑޭޝަންތައް ފުރިހަމަވުމުން ޝެޑިއުލް ދަތުރުތައް ފަށާނެ ތާރީހެއް ސީދާ ދަންނަވަން އިނގޭނީ," ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި, މި ބޯޓުން ގެންނާނީ އިމާރާތް ކުރުމަށް ބޭނުންވާ ސިމެންތި އަދި ހިލަވެލި ފަދަ ތަކެތި ގަނޑުކޮށް ގެނެސް, ހުސް ނުވެ ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ. އަދި އެތަކެތި ލިބޭ ހުރިހާ ގައުމަކަށް ބޯޓު ދަތުރުކޮށް ތަކެތި ގެންނާނެ ކަމަށް ވިދާޅުވިއެވެ.

މި ބޯޓަކީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނަކުން ގަނެގެން ގެންނާނެ އެންމެ ބޮޑު ބޯޓެވެ. އެ ބޯޓުގެ ކުރޫންގެ ގޮތުގައި 22 މީހުން މަސައްކަތްކުރާ އިރު, އޭގެ ތެރެއިން ހަތަރު މީހުން ފިޔަވައި ދެން ހިމެނެނީ ހުސް ދިވެހިންނެވެ. ނަމަވެސް މި ބޯޓު ގަން އަގެއް ސައީދު ވިދާޅެއްނުވެއެވެ.

އޭނާ ވިދާޅުވީ, އެ ބޯޓުން ޕްރައިވެޓް ސެކްޓާއަށް ބޭނުންވާ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނުވެސް ރާއްޖެ ގެންނާނެ ކަމަށާއި އެގޮތުން ރާއްޖެ ގެންނަ ދަތުރުގައިވެސް ބޯޓު އަންނާނީ 43,000 ޓަނު ފުރާ ކަމަށެވެ.