ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕެއިޑް ޕާކިން ޒޯންތައް ބިޑަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ދިރުއުޅޭ ރައްޔިޔުންނަށް ފަސޭހަ އަދި ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކް ކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ޕެއިޑް ޕާކިން ޒޯންތަކަށް ބިޑް ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅާ ބީލަން ފޯމުތައް ބަލައިގަތުން ކުރިއަށްގެންދާނީ 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 11:00 އަށް އެޗްޑީސީގެ ހެޑް އޮފީހުގައި ކަމަށާއި ބީލަން ފޯމުތައް ހުޅުވުން ކުރިއަށް ގެންދާނީ ހަމަ އެދުވަހު 11:15 އިން ފެށިގެން އެ ހޯލުގައި ކަމަށް އެޗްޑީސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ފީ ދައްކައިގެން ކާރު ޕާކުކުރުމަށް ފޭސް އެކެއްގެ ދެ ސަރަހައްދަކުން 70 ޖާގަ ކުއްޔަށް ދޭން އެޗްޑީސީން ވަނީ ނިންމާފައެވެ. އެއީ ފެރީ ޓާމިނަލް ކައިރިން ފިތުރޯނު ޕާކިންއަށް 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން އުނިމާ ޕާކިން އިން 20 ޖާގައެވެ.
ޕެއިޑް ޕާކިން 70 ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ ކުށްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާއިރު ބީލަން ފެށޭ އަގަކީ 1،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ކުރިން ބުނެފައެވެ.
ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، 18 އަހަރު ފުރުމުގެ އިތުރުން އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއް އޮތުމެވެ.
އިއުލާނު ކުރެވުނު ޕާކިން ޖާގަތަކަށް ބީލަން ހުށަހަޅައި ހޮވޭ ފަރާތްތަކަށް، އެޗްޑީސީން ގާއިމުކުރާ ސްމާޓް ޕާކިންއިން އިސްކަން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު