ދިވެހިރާއްޖޭގެ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 13

އަބްދުﷲ ފާރޫގް ހަސަން

(18 އޭޕްރީލްގެ އަދަދާ ގުޅޭ)

މުސްލިމުންގެ ޙާކިމަކު އިންތިޚާބުކުރެވެނީ މުސްލިމުންގެ ވިސްނުންތެރި މުފައްކިރުންނާއި މޮއްސެވުމާއި ބެންނެވުމުގެ އަހްލުވެރީންގެ ރުހިވަޑައިގެންނެވުމާ އެކުގައެވެ. އިސްލާމީ ޖުމްހޫރިއްޔަތެއްގައި ޤުރްއާނާއި ސުންނަތާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. އިސްލާމީ ޖުމްހޫރިއްޔަތެއްގައި ހުރިހައި އިޚްތިޔާރުތަކެއް މިލްކުވެވޮޑިގެންވަނީ މާތް اللّــه އަށެވެ. އެއާވިދިގެން އެކަލާނގެ ރަސޫލާއަށެވެ. ޝައްކެއްނެތެވެ. ޤުރްއާނުގައި ނުވަތަ ސުންނަތުގައި ޙުކުމެއް އައިސްފައިނުވާ ކަންކަމަށް އެދާއިރާތަކުގައި ޤާނޫނު ހެދިދާނެއެވެ. އިސްލާމީ ޖުމްހޫރިއްޔާގައި މުސްލިމުންގެ ފިކުރީ ޢާލިމުންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާ މަޝްވަރާކުރެއްވުމަކީ ޙާކިމާގެ މައްޗަށް ލާޒިމު ކަމެކެވެ. މަޖްލިސުއްޝޫރާ ވާންޖެހޭނީ މުޅި އުންމަތް ފުރިހަމަޔަށް ތަމްސީލުކުރެވޭ އިދާރާއެއް ކަމުގައެވެ. ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ "وأمــــرهــــم شـــورى بـيـنـهــــم" މިބަސްފުޅުގައިވާ أمــــر މި ބަސްފުޅުގެ މުރާދަކީ މުސްލިމުންގެ އިޖުތިމާޢީ ޙަޔާތުގެ ހުރިހައި ކަމެކެވެ. "بـيـنـهــــم" ގެ މަފުހޫމުގައި މުޅި އުންމަތް ޝާމިލުވެއެވެ. އާދެ އުންމަތުގެ އެންމެން ތަމްސީލުކުރެވުން ބޭނުމެވެ. މިއާޔަތުގައި "شـــورى" ބޭނުންކުރައްވައިފައިވަނީ ނަކިރާއެއްގެ ގޮތުގައެވެ.

ހުޅަނގުގެ ޖުމްހޫރިއްޔަތާއި އިސްލާމީ ޖުމްހޫރިއްޔަތުގެ ތަފާތު

ހުޅަނގުގެ ޖުމްހޫރިއްޔަތާއި އިސްލާމީ ޖުމްހޫރިއްޔަތާ މެދުގައި ހުންނަ އަސާސީ އެއް ފަރަގަކީ ހުޅަނގުގެ ޖުމްހޫރިއްޔަތުގައި އިޚްތިޔާރުތަކުގެ ނާރެހަކީ ޢާންމުން ކަމުގައިވުމެވެ. ސަރުކާރު އުފެދެނީ ޢާންމުން އެދޭގޮތަކަށެވެ. ޤާނޫނު ހެދެނީ ޢާންމުން ރުހޭގޮތަކަށެވެ. އިސްލާމީ ޖުމްހޫރިއްޔަތުގައިވެސް އަމީރަކު އިންތިޚާބުކުރެވެނީ ޢާންމުންގެ ރުހުމާއި ޤަބޫލުގައެވެ. ޢާންމުން ތަމްސީލުކުރަނީ މުސްލިމުންގެ ފިކުރީ ބޭކަލުންނެވެ. މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. އެހެނީ ސިޔާސީ މައްސަލައެއްގައިވެސް ޤާނޫނު ހެދުމުގައިވެސް އުންމަތުގެ ހުރިހާ އެންމެންގެ ރައުޔު ހޯދުމަކީ ޢަމަލީގޮތުން ކުރެވޭނެކަމެއް ނޫނެވެ. ހަމައެފަދައިން ކޮންމެކޮންމެ މީހަކީ ހުރިހައިކަމެއްގައި ރަނގަޅު ޚިޔާލުދީ ލަފާދިނުމުގެ އެކަށޭނަކަން ލިބިގެންވާ މީހެއްވެސް ނޫނެވެ. ކަންއޮތްގޮތުގެ ޙަޤީޤަތަކީ މިއީއެވެ. އެހެންކަމުން އުންމަތުގެ ވިސްނުންތެރީންނާއި ކަންކަން ފަހުމުވެވަޑައިގަންނަވާ ބޭކަލުން ކުރިޔަށް ނެރޭންޖެހެއެވެ. އޭގެތެރެއިން އެކަށީގެންވާ ޢަދަދެއްގެ ބޭކަލުންނަކީ އިސްލާމީ ޝަރީޢަތުގެ ފަހުމު ލިބިވަޑައިގެން ތިއްބެވި ބޭކަލުންކަމުގައިވެސް ވާންޖެހެއެވެ. އެއީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ.

މުސްލިމުންގެ ޙާކިމަކު އިންތިޚާބުކުރެވެނީ މުސްލިމުންގެ ވިސްނުންތެރި މުފައްކިރުންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ރުހިވަޑައިގެންނެވުމާ އެކުގައެވެ. އިސްލާމީ ޖުމްހޫރިއްޔަތެއްގައި ޤުރްއާނާއި ސުންނަތާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. އިސްލާމީ ޖުމްހޫރިއްޔަތެއްގައި ހުރިހައި އިޚްތިޔާރުތަކެއް މިލްކުވެވޮޑިގެންވަނީ މާތް اللّــه އަށެވެ. އެއާވިދިގެން އެކަލާނގެ ރަސޫލާއަށެވެ. ޝައްކެއްނެތެވެ. ޤުރްއާނުގައި ނުވަތަ ސުންނަތުގައި ޙުކުމެއް އައިސްފައިނުވާ ކަންކަމަށް އެކަންކަމުގެ ދާއިރާތަކުގައި ޤާނޫނު ހެދިދާނެއެވެ. އިސްލާމީ ޖުމްހޫރިއްޔާގައި މުސްލިމުންގެ ފިކުރީ ޢާލިމުންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާ މަޝްވަރާކުރެއްވުމަކީ ޙާކިމާގެ މައްޗަށް ލާޒިމު ކަމެކެވެ. މަޖްލިސުއްޝޫރާ ވާންޖެހޭނީ މުޅި އުންމަތް ފުރިހަމަޔަށް ތަމްސީލުކުރެވޭ އިދާރާއެއް ކަމުގައެވެ. ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ "وَأَمْــــرُهُــــمْ شُـــورَى بـَـيْــنَـهُــــمْ" މިބަސްފުޅުގައިވާ أمــــر މި ބަސްފުޅުގެ މުރާދަކީ މުސްލިމުންގެ އިޖުތިމާޢީ ޙަޔާތުގެ ހުރިހައި ކަމެކެވެ. "بـيـنـهــــم" ގެ މަފުހޫމުގައި މުޅި އުންމަތް ޝާމިލުވެއެވެ. އާދެ އުންމަތުގެ އެންމެން ތަމްސީލުކުރެވުން ބޭނުމެވެ. މިއާޔަތުގައި "شـــورى" ބޭނުންކުރައްވައިފައިވަނީ ނަކިރާއެއްގެ ގޮތުގައެވެ. އެހެންކަމުން ޒަމާނަށް ބޭނުންވާ ގޮތްތަކަށާއި އެއިރަކު ޢަމަލުކުރެވޭން އޮތްގޮތަކަށް ރިޢާޔަތްކުރާން އެވަނީ ޖާގަ ދެއްވައިފައެވެ. ކޮންމެގޮތަކަށް شـــورى އެއްކުރެވުނު ކަމުގައިވިޔަސް ނުވަތަ އެކުލަވައިލެވުނު ކަމުގައިވިޔަސް شـــورى ގައި އުންމަތް ފުރިހަމަޔަށް ތަމްސީލުވާން ޖެހެއެވެ. އަމީރު އޭނާގެ ޚާއްޞަ އެކުވެރީންނާއި ގާތްތިމާގެ މީހުންނާއި (ޕާޓީ ކުދީންކޮޅު) އެއްކޮށްލައްވައިފައި މަޖްލިސުއްޝޫރާގެ ނަން ދެއްވިޔަ ނުދިނުމަށްޓަކައެވެ. ألإمــام أحمـد بــن حنـبــل ވިދާޅުވާގޮތުގައި އިމާމަކު އިންތިޚާބުކުރުމާއި ސަރުކާރު އެކުލަވައިލުމުގައި މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ އިޖްމާޢަކީ ޝަރުޠެކެވެ.

ހުޅަނގުގެ ޖުމްހޫރިއްޔާގައި ދީނަކީ އިންސާނުންގެ ޒާތީ މުޢާމަލާއެކެވެ. ނަމަވެސް އިސްލާމީ ޖުމްހޫރިއްޔަތެއްގައި ދީނާއި ސިޔާސަތު ވަކިކުރާކަށެއް ކުޑަވެސް ޖާގައެއްނެތެވެ. ދީނާ ވަކިވެގަތުމަކީ އިސްލާމީ ނިޒާމުގައި ބަރުދާސްތުކުރެވޭ ކަމެއްނޫނެވެ. ކުރީންވެސް ދަންނަވަމުން އަންނަފަދައިން އިސްލާމީ ޖުމްހޫރިއްޔާގެ އިސްޠިލާޙަކީ ކޮންމެހެން އިސްލާމީ އިސްޠިލާޙެއްވެސް ނޫނެވެ. އެކަމަކު އިސްލާމްދީނުގެ ސިޔާސީ އަދި ޙުކޫމަތީ ނިޒާމާ ޖުމްހޫރިއްޔަތާ ވަރަށްގިނަ ދާއިރާތަކެއްގައި ވަރަށް އެއްގޮތެވެ. ވަރަށް ކައިރިއެވެ. އެހެންކަމުން، މުސްލިމުންގެ ވަރަށްގިނަ ޢިލްމުވެރީން އެ އިޞްޠިލާޙު ބޭނުންކުރައްވަމުން ގެންދަވަނީއެވެ. އެކަމަކުވެސް، عــلاّمــــة إقـبـــال އާއި އަދި އެނޫންވެސް ވަރަށްގިނަ ޢިލްމުވެރީންވަނީ އެ އިޞްޠިލާޙު ބޭނުންކުރުމާ ދެކޮޅުވެސް ހައްދަވައިފައެވެ.

އިސްލާމްދީނުގެ ސިޔާސީ ނިޒާމުގައިވާގޮތުން މުޅި އުންމަތް ތަމްސީލުކުރައްވާ މަންދޫބުން ކަމުގައި ހިމެނިވަޑައިގަންނަވާ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން އަމީރާމެދު އިއްތިފާޤުވެވަޑައިގެންނެވުންވެސް ލާޒިމެވެ. قـاضــى ابــى يـعــلــى الـحنـبـلــى އެކަލޭގެފާނުގެ އަލްއަޙުކާމުއް ސުލްޠާނިއްޔާގައި ލިޔުއްވައިފައިވެއެވެ. "الإمــام الـذى يـجتـمـع قــول أهـــل الـحـلّ والـعــقــد عـليــه كـلـهــم" އާދެ އިމާމަކަށް ވާންޖެހޭނީ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރި ހުރިހައި ބޭކަލުން އިއްތިފާޤުވާ މީހެކެވެ.

މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ތިއްބެވުމާއި މުޢާމަލާތަކުގައި އެބޭކަލުންނާ މަޝްވަރާކުރުން ލާޒިމުވުމަކީ އިސްލާމީ ޖުމްހޫރިއްޔަތުގެ ޚާއްޞަ ސިފައެކެވެ. އެހެންކަމުން، عــلاّمــــة يـوسف الـقـــرضـــاوى ލިޔުއްވައިފައިވެއެވެ. "އިސްލާމީ ދައުލަތަކީ ޝޫރާއީ ދައުލަތެކެވެ. އެއީ ޑިމޮކްރަސީގެ ރޫޙާ އެއްގޮތް ދައުލަތެކެވެ. (އައްދައުލަތުލް އިސްލާމިއްޔާ) އުރުދޫބަހުގައި ޖުމްހޫރިއްޔަތުގެ ތަޢުބީރު ބޭނުންކުރަނީ ދީމުޤްރާޠިއްޔަތެވެ. ޑިމޮކްރަސީއަކީވެސް އެ މަފްހޫމު އަދާކުރާ ލަފުޒެކެވެ.

އިސްލާމީ ނިޒާމުގެ ސަރުކާރެއްގެ މޮޓޯއަކީ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ ޢަޤީދާއާއި ނަޒަރިއްޔާގެ މިނިވަންކަން ދިނުމެވެ. الخــلفــاء الــرّاشــدون ގެ ހަތަރުވަނަ ޚަލީފާ عـلــى مـــرتـضـــى رضى اللّــه عـنــه ވަނީ ޚަވާރިޖުންނަށްވެސް އެބައިމީހުންގެ ޚިޔާލުތައް ގެންގުޅުމުގެ ހުއްދަ ދެއްވައިފައެވެ. ޚަވާރިޖުންގެ މައްސަލައިގެ ތެރެއަށް ޚިލާފާތުން ވެދެވަޑައިގަންނަވަނީ ޚަވާރިޖުން ނިރުބަވެރިކަން ބޭނުންކުރާން ފެށުމުންނެވެ. ޢަމަލީ ނިރުބަވެރިކަން ޚިޔާރުކުރުމުންނެވެ. އަފުރާދުންނަށް އެބައިމީހުންގެ ޚިޔާލާތުގެ މިނިވަންކަން ނުލިބޭނަމަ އެބައިމީހުންގެ ޝަޚްޞިއްޔަތު ހެދިފޯދުމަށް ހުރަސްއެޅެއެވެ. ސަރުކާރަކުން އަފުރާދުންގެ މިނިވަންކަމަށް ހުރަސްއަޅާންވާނީ އެމިނިވަންކަމުގައި އަނެކުންގެ މިނިވަންކަމަށް ހުރަސްއަޅާން ފެށުމުންނެވެ. ޖޯންސްޓާޓްމިލް ވެސް މިނިވަންކަން ދެއްވަން ބޭނުންފުޅުވަނީ ގޮތްހުންނަ މީހުންނަށެވެ. ވިސްނުންތެރީންނަށެވެ. އެމީހެއްގެ މިނިވަންކަމުން އެހެން އެއްވެސް މީހަކަށް ގެއްލުމެއްނުދޭ މީހުންނަށެވެ.

ކުރީންވެސް ދަންނަވަމުން އަންނަފަދައިން، "އިސްލާމީ ޖުމްހޫރިއްޔަތު" ގެ އިޞްޠިލާޙު ބޭނުންކުރަމުން މިގެންދަނީ މިހާރުގެ ޒަމާނީ ސިކުނޑިތަކަށް ވިސްނައިގަތުން ފަސޭހަކޮށްދިނުމަށްޓަކައެވެ. ސިޔާސަތުގެ ވަރަށްގިނަ ނިޒާމުތަކެއްގެ ތެރެއިން ޖުމްހޫރީ ނިޒާމާ ސިޔާސަތުގެ އިސްލާމީ ނިޒާމާ
ދެ ނިޒާމުގައިހުރި ކައިރިކަމަށްޓަކައެވެ. މިސާލެއްގެގޮތުން ވިސްނައިލަމާ ހިންގަވާށެވެ. ޖުމްހޫރިއްޔަތުގެ އެންމެފުރަތަމަ އުސޫލެއްކަމުގައި ބަލައިގަންނަނީ، ވެރިކަމުގެ ބާރުގެ މަންބަޢަކީ ޢާންމުން ކަމުގައިވުމެވެ. ސިޔާސީ ބާރުގެ ވެރީންނަކީ ޢާންމުންކަމުގައިވުމެވެ. ޢާންމުންނަށް ލިބިގެންވާ ވެރިކަމުގެ ޙައްޤު، ކޮންމެވެސް މަންދޫބަކާ ޙަވާލުކުރިކަމުގައިވިޔަސް އެޙައްޤު އަނބުރައި އަތުލުމުގެ އިޚްތިޔާރުވެސް ޢާންމުންނަށް އޮތުމެވެ.

ޖުމްހޫރީ ނިޒާމާ އިސްލާމީ ނިޒާމާހުރި ކައިރިކަން ވިސްނައިވަޑައިގެންނެވުމަށްޓަކައި ތިޔަބޭފުޅުން "ވެރިކަން" މި ލަފްޒުގެ ބަދަލުގައި، "އަމާނަތް" ބޭނުންކޮށްލެއްވުން އެދެމެވެ. އޭރުން އިސްލާމީ ޖުމްހޫރިއްޔަތުގެ ޝަރަޙަކޮށްދިނުމަކަށްވާނީ އަމާނަތުގެ (ވެރިކަމާއި ސަރުކާރުގެ) މަންބަޢަކަށްވާނީ ޢާންމުންނެވެ. ސިޔާސީ ބާރުވެރިކަމުގެ ވެރީންކަމުގައިވާނީ ޢާންމުންނެވެ. ޝައްކެއްނެތެވެ. އެންމެބޮޑު އަމާނަތަކީ ވެރިކަމާއި ސަރުކާރު ހިންގާ ބާރެވެ. ނަބަވީ ޙަދީޘުފުޅުތަކުގައި ސަރުކާރުގެ މަގާމުތަކަށްވަނީ "އަމާނަތް" މި ލަފުޒު ބޭނުންކުރައްވައިފައެވެ. ކީރިތި ޤުރްއާނުގައިވެސްވަނީ އަމާނަތްތައް އެކަމުގެ އަހްލުވެރީކަންހުރި ޤާބިލު މީހުނާ ޙަވާލުކުރާން އަމުރުކުރައްވައިފައެވެ. "ހަމަކަށަވަރުން، އަމާނަތްތައް (ސަރުކާރު ހިންގުމާއި ވެރިކަންކުރުން) އެކަމުގެ އަހްލުވެރީންނާ ޙަވާލުކުރަން اللّــه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ." (الـنّسـاء: 58)

ހަމައެފަދައިން ޖުމްހޫރިއްޔަތުގައި ކޮންމެ މީހަކަށްވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެއެވެ. އެއީ ޖުމްހޫރިއްޔަތުގެ މުހިންމު އުސޫލެކެވެ. އިސްލާމީ ޖުމްހޫރިއްޔަތުގައި (ޚިލާފަތުގެ ނިޒާމުގައި) ވެސް ކޮންމެ މީހަކަށްވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެއެވެ. ޖުމްހޫރިއްޔަތުގައި ޢާންމުންނަށް ނުވަތަ ޢާންމުންގެ މަންދޫބުންނަށް ބޭނުންގޮތަކަށް ޤާނޫނު ހެދިދާނެއެވެ. މިކަމުގައި އިސްލާމީ ޖުމްހޫރިއްޔަތުގައި އޮންނަނީ އެންމެ އިމެކެވެ. އެއީ ކީރިތި ޤުރްއާނާއި ސުންނަތާ ފުށުއަރާ ޤާނޫނެއް ނުހެދޭނެކަމެވެ. ޖުމްހޫރިއްޔަތުގެ މުހިންމު އެއް އުސޫލަކީ މަޝްވަރާއިން ކަންތައް ކުރުމެވެ. އިސްލާމީ ޖުމްހޫރިއްޔަތުގެ އުސޫލަކީވެސް ހަމައެއީއެވެ.

އިސްލާމީ ޖުމްހޫރިއްޔަތުގެ އިޞްޠިލާޙާއެކު ޚިލާފަތުގެ އިޞްޠިލާޙު ބޭނުންކުރުމުން ވަޠަނިއްޔަތާއި ޤައުމިއްޔަތު އޭގެ އަމިއްލަ ޒާތުގައި ނަފީވެއެވެ. ޚިލާފަތުގެ ތަޞައްވުރާ ގުޅިފައިވަނީ ވަރަށް ތަނަވަސް، ވަރަށް ފުޅާ ރިޔާސަތެކެވެ. އެއީ އެންމެންގެ ވަޠަނެކެވެ. އެ ވަޠަން ވާނީ ދާރުލްއިސްލާމަކަށެވެ. އެތާނގައި ހުރިހައި ޤައުމުތަކެއްގެ މީހުންނަށް ރަމަތަވެލެވޭނެއެވެ. ހަމަޖެހިލެވޭނެއެވެ. އެންމެންނަށްވެސް ލާމެހިލެވޭނެއެވެ. ހަމައެފަދައިން ސެކިއުލަރިޒަމްގެ ތަޞައްވުރުވެސް މި ނިޒާމުގައި ނަފީވާނެއެވެ. އެހެނީ ޚިލާފަތުގެ ބިންގާ އާރާސްތުކުރެވެނީ މާތް اللّــه ގެ ބިންމަތީގައި އެކަލާނގެ ޙުކުމްފުޅުތައް ތަންފީޒުކުރުމުގެ އަސާސުގެ މަތީގައެވެ. އެހެންކަމުން އިސްލާމީ ވެރިކަމުގެ ނިޒާމުގެ އަސްލު ނަމަކީ ޚިލާފަތެވެ. "ޖުމްހޫރިއްޔަތު" ބޭނުންކުރަމުން މިގެންދަނީ ހަމައެކަނި ފަހުމުކޮށްދިނުމަށްޓަކައެވެ. އިސްލާމީ ނިޒާމަކީ އިސްތިބުދާދީ ނިޒާމެއް ނޫންކަން އަންގައިދިނުމަށްޓަކައެވެ. އިސްލާމީ ނިޒާމުގައި ލަގަނެއްނެތް އާރާއި ބާރު، ވަކިމީހެއްގެ މުށުތެރެޔަށް ދޫކޮށްނުލާކަން ބަޔާންކުރުމަށްޓަކައެވެ. އިސްލާމީ ސިޔާސީ ނިޒާމަކީ ރަސްކަމާއި ވަލީޢަހްދުކަމަށް ޖާގަދޭ ނިޒާމެއް ނޫންކަންވެސް ސާބިތުކޮށްދިނުމަށްޓަކައެވެ. އިސްލާމީ ވެރިކަމަކީ ޢާއިލީގޮތުން ދަރިކޮޅަށް ވާރުތަވަމުންދާ ނިޒާމެއް ނޫންކަންވެސް ވިސްނައިދިނުމަށްޓަކައެވެ. އިސްލާމީ ނިޒާމުގައި އަމީރަކު އިންތިޚާބުކުރާނީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރި ކަމުވޮށީންނެވެ. އަމީރު ހުރިހައިކަމެއް ހިންގަވަން ޖެހިވަޑައިގަންނަވާނީ މަޝްވަރާ ކުރައްވައިގެންނެވެ.

ކީރިތި ޤުރްއާނުގެ "وَأَمْــــرُهُــــمْ شُـــورَى بـَـيْــنَـهُــــمْ" (الشّـــورى: 38) މިމާތް އާޔަތުން ޝަރަޙަކުރެވޭގޮތުގައި މިއުންމަތުގެ މިޒާޖެއްކަމުގައި ނުވަތަ ޠަބީޢަތެއްކަމުގައި ވާންޖެހެނީ މަޝްވަރާކޮށްގެން ހުރިހައިކަމެއްވެސް ނިންމަމުން ގެންދިޔުމެވެ. ގޭތެރޭގެ ދިރިއުޅުމުން ފެށިގެން ވެރިކަމުގެ ދަރުބާރާ ހަމަޔަށެވެ. ޙަޔާތުގެ ހުރިހައިކަމެއްގައިވެސް ކީރިތި ޤުރްއާނުގެ މި ޙުކުމަށް ޢަމަލުކުރެވެމުން ދާންޖެހޭނެއެވެ. ނަމަވެސް މުސްލިމުން މިހާރު މިވަނީ މިމާތް އާޔަތުގެ ރޫޙު ހަނދާން ނައްތައިލައިފައެވެ. އިޖްތިމާޢީ މުޢާމަލާތުތަކުގައި ތަރުޖީޙު ދެނީ އެމީހެއްގެ ހިތްއެދޭ ގޮތަކަށެވެ.

ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ކީރިތި ޤުރްއާނާއި ޙަދީޘުގެ ތަޢުލީމުދޭ ދީނީ މަދަރުސާތަކުންވެސް ޤުރްއާނުގެ މި އަމުރުފުޅަށް ޢަމަލުކުރަމުން ނުގެންދާތަނެވެ. އެތަންތާނގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކެއް އެތަންތާނގެ ބޯޑު މެންބަރުންނަކަށްވެސް ނުދެއެވެ. އެތަންތަނަށް ޚައިރާތާއި ޞަދަޤާތްދެއްވާ ހެޔޮކަމުގެ އަހްލުވެރީންވެސް އެކަން ބޭނުންފުޅު ވެދާނެއެވެ. ނަމަވެސް އެތަންތާނގައި މަޝްވަރާ މަޖިލީހެއް އޮންނަކަމެއްވެސް ނޯންނަކަމެއްވެސް ނޭނގެއެވެ.

(ނުނިމޭ)