މާލެ ތެރޭގައި ބަހައްޓާފައިވާ ކަރަންޓު ފޮށި ނުވަތަ ޑިސްޓްރިބިއުޝަން ބޮކްސް ހަލާކުވެފައި ހުރި ނަމަ، އެކަން ސްޓެލްކޯއަށް އަންގައިދިނުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އިލްތިމާސް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި، ޑިސްޓްރިއުބިއުޝަން ބޮކްސްއެއް ހަލާކުވެފައިހުރި ފޮޓާއެއް ހިއްސާކުރައްވައި އެ ފޮށި ރަނގަޅުކޮށްދިނުމަށް އާންމު ފަރާތަކުން ވަނީ އެދިފައެވެ.

އެ ފޯސްޓަށް ޖަވާބުދެއްވައި ޝަރީފު އިއްޔެ ވިދާޅުވީ، މާލޭގައި 2،000 އަށްވުރެ ގިނަ ޑިސްޓްރިބިއުޝަން ބޮކްސް ހުންނާނެ ކަމަށާއި ބައެއް ޑިސްޓްރިބިއުޝަން ބޮކްސްތައް މަރާމަތުކުރަން ޖެހިފައިހުރެދާނެ ކަމަށެވެ.

އެފަދަ ޑިސްޓްރިއުބިއުޝަން ބޮކްސްތަކުގެ މައުލޫމާތު ސްޓެލްކޯއާ ހިއްސާކުރުމުން ރަނގަޅު ކޮށްދޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.

"އެލާޓް ކުރައްވާ! އިސްލާހު ކޮށްދޭނަން" ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ، އާންމު ރައްޔިތު މީހާއާއި ސްޓެލްކޯއާ ދެމެދު މުވާސަލާތީ ލިންކެއް އުފެދިފައިވާތީ އުފާކުރައްވާ ކަމަށެވެ.