މިއަދުން ފެށިގެން ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުން ކުނި ނަގާނީ ތިރީ ފަންގިފިލާގައި ހުންނަ ކުނި އުކާލުމަށް ހާއްސަ ވޭސްޓު ޔުނިޓުން އެކަނި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހިޔާ ފްލެޓްގެ H13 ,H14 ,H15 އަދި H16 ވަނަ ފްލެޓުން މިއަދުން ފެށިގެން ދުވަހުގެ ކުނި ނަގާނީ ފްލެޓް ތިރީގައި ގާއިމްކޮށްފައިވާ ވޭސްޓް ޔުނިޓުން ކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކުގެ ވޭސްޓު ޔުނިޓުން ނިމުމުން އެ ޓަވަރުތަކުންވެސް ކުނި ނަގަނީ އެ ޔުނިޓުންކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ އުކާލާ ކުނި ހުންނަން ވާނީ ބަދިގެ ކުނި, ޕްލާސްޓިކްސް އަދި އެހެނިހެން ކުނި ވަކިން ބަންދުކޮށްފައި ކަމަށެވެ.
ހިޔާ ފްލްޓްތަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން މިހާރު ދެނީ ހިލޭއެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ދައްކަން ޖެހޭނެކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯއިން ބުނެފައިވަނީ ކުނި އުކާލުމުގެ ހިދުމަތް ބިލް ކޮށްފައިވަނީ މަހަކު 150 ރުފިޔާ ދައްކާގޮތަށް ކަމަށެވެ.