ބ. ދަރަވަންދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޑަބްލިޔުއެސްސީން ބުނީ، ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައިނެޓްވޯކް ގާއިމް ކުރުމާއި 780 މީޓަރު ގެޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ، އަދި މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.
ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫއަކީ 40.29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު