ބޮލީވުޑުގެ ތަރީންގެ މެދުގައި ދިވެހިރާއްޖެއަކީ އަބަދުވެސް މަގުބޫލު މަންޒިލެކެވެ. އެމީހުން ސިފަކުރާ ގޮތުގައި ދިވެހިރާއްޖޭގެ ރަށްރަށުގެ ހުދު ގޮނޑުދޮށްތަކަކީ "ރަވާ ވެލީގެ ސާހިލް"ތަކެކެވެ. އަޑިފެންނަ ސާފު މޫދާއި މޫދުގެ ލޮނުގަނޑުގެ ފިނިހޫނުމިނަކީ ލަފްޒުތަކުން ބަޔާން ކުރެވޭ ވަރަށް ވުރެ ފުރިހަމަ މަންޒަރުތަކަކާއި އިހުސާސްތަކެކެވެ. އެހެންކަމުން ބޮލީވުޑުގެ ތަރިއަކު ރާއްޖެއަށް ތައުރީފުކޮށް ވާހަކަ ދެއްކުމަކީ، ނުވަތަ ރާއްޖެ އަންނަ ހިތްވާ ވާހަކަ ދެއްކުމަކީ ހައިރާން ވާ ވަރު ކަމެއް ނޫނެވެ.
އެހެންނަމަވެސް ވަރަށް ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ތަރިއެއް ކަމަށްވާ ސޮނާކްޝީ އެންމެ ފަހުން ރާއްޖެއާ ބެހޭ ގޮތުން ކުރި ޓްވީޓަކީ ހަމައެކަނި ފަތުރުވެރި ހިތަކުން ރާއްޖެއާ މެދު ބަންޑުން ކޮށްލި ޝުއޫރަކަށް ނުވެދާނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބައެއް ދިވެހީންގެ ދޫދޫ މަތީން މާކުރީއްސުރެ ދެކެވޭ ވާހަކައެއް އޮންނާތީއެވެ. ސޮނާކްޝީގެ ބައްޕައަކީ މަޝްހޫރު ފިލްމީ ތަރި ޝައްތްރުގަހން ސިންހާއެވެ. ދިވެހީންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ ސަތަރޭއެވެ.
ސަތަރޭގެ މަންމައަކީ ދިވެއްސެއް ކަމަށް މާކުރީއްސުރެ ދެކެވޭ ވާހަކައެއް އޮވެއެވެ. ސަތަރޭގެ މަންމައަކީ ހުވަދުއަތޮޅުގެ ރަށަކަށް ނިސްބަތްވާ ޝިޔާމާ ނަމަކަށް ކިޔާ މީހެއް ކަމަށާއި، އޭނާ ކުޑައިރު އިންޑިޔާއަށް ގޮސް ގެއްލުނީ ކަމަށާއި، އިންޑިޔާގެ އާއިލާއަކުން އޭނާ ބަލައި ބޮޑުކޮށް ސަތަރޭގެ ބައްޕައާ ކައިވެނި ކުރުވީ ކަމަށެވެ.
ކޮންމެއަކަސް ބޮލީވުޑުގެ ދުނިޔެއަކީ ދިވެހީންނާ ރަހުމަތްތެރި ދުނިޔެއެކެވެ. ބޮލީވުޑުގެ އެތައް ތަރީންނެއް ރާއްޖެ އައިސް ގޮސްވެއެވެ. ދިވެހީންގެ ތެރޭގައި ބޮލީވުޑުގެ އެތައް ތަރީންނެއް މަގުބޫލުވެގެން ގޮސްފައިވެއެވެ. އެކަމަކު އޭގެ ތެރެއިން ހަމަ އެންމެ ތަރިއަކާ ބެހޭ ގޮތުން، އޭނާގެ މަންމައަކީ ދިވެއްސެއް ކަމަށް ބުނާ ވާހަކައެއް އޮންނައިރު، އެހެން ތަރިއަކާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ނުދެކެވޭއިރު، އެއީ ހަމަ ބަޔަކު ހަދަހަދައިގެން ދެއްކި ވާހަކައަކަށް ވެދާނެތޯ އެއީ ވަރަށް އެކަށީގެންވާ ސުވާލެކެވެ.
މީގެ އެތައް އަހަރެއް ކުރީން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. ސަތަރޭގެ މަންމައަކީ ދިވެހިރާއްޖެއަށް އުފަން މީހެއް ކަމަށެވެ. މިއަދު ސަތަރޭގެ ދަރިފުޅު ސޮނާކްޝީ ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯއެއްގެ ތައާރަފުގައި އެ ބުނަނީ ތިމަންނާ މިހިރީ "ދިވެހިރާއްޖޭގައި އަމިއްލަގޭގައި ނުވަތަ އަމިއްލަ ވަޒަނުގައި" ކަމަށެވެ. "ކޮންމެ ފަހަރަކު އަހަރެން ދިވެހިރާއްޖެ ދޫކޮށް ދާއިރު ހިތުގެ އެތިކޮޅެއް ރާއްޖޭގައި މަޑުކުރެއެވެ. އަލުން ބައްދަލުވާން ދެނެވެ." އެހެން ފޮޓޯއަކާ އެކު ބުނެފައިވަނީ "ކޮންމެ ފަހަރަކު މި ރީތި ރަށް ދޫކޮށް ދާން ޖެހޭ ވަގުތު އަހަރެންގެ ހިތް ހަލާކުވޭ." މިހެންނެވެ. އަދި އެހެން ފޮޓޯއަކާ އެކު، "ދިވެހިރާއްޖެއަށް އަލްވަދާއު ކިޔާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ކުޑަކޮށް ހަލާކުވެއެވެ."
ސޮނާކްޝީގެ މި އިބާރާތްތަކަކީ ފަތުރުވެރި ހިތެއްގެ ޝުއޫރުތަކެއް ކަމަށް ނުވާނެއެކޭ ނޫނެވެ. ހަމަގައިމުވެސް ހަމައެކަނި ފަތުރުވެރި ހިތަކަށް ވުރެ ސޮނާކްޝީގެ ހިތުގައި ރާއްޖެއަށް ދެވިފައިވާ މަގާމު ބޮޑެވެ. އެ މަގާމު ދެވުނީ ސޮނާކްޝީގެ މުންނަ (ނުވަތަ ބައްޕަގެ މަންމަ) ސިޔާމާ ދޭވީ، އަކީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ލޭ ހިނގާ ދިވެއްސަކަށް ވާތީ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އާއިލީ ވަނަވަރު ސޮނާކްޝީއަށް ވެސް އެނގޭނެތާއެވެ. ސިޔާމާ އަކީ ހަމަގައިމުވެސް ވަރަށް ދިވެހި ނަމެކެވެ. އަދި އިންޑިއާއިން މަދުން އިވޭ ނަމެކެވެ.
ދެން އޮތީ ދެކެވޭ ވާހަކައިގެ ހަގީގަތެއް ނެތުމެވެ. އެހެންވިއްޔާ އެހެން ހުރިހާ ތަރީންނާ ތަފާތުކޮށް ސަތަރޭއަކީ ދިވެހި ލޭ ހިނގާ މީހަކަށް ހަދާން ބަޔަކު މަސައްކަތް ކުރީ ކީއްވެބާއެވެ؟ ސޮނާކްޝީއަށް އަހަރެމެން ބުނެލާން އޮތީ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ސޮނާކްޝީގެ ބައްޕައަކީ ދިވެހި މަންމައެއްގެ ދަރިއެއް ކަމަށް ދިވެހީން ބަލައިގެންފައިވާ ކަމެވެ. ވީމާ އެ މާމަގެ މާމަ ދަރިފުޅު ދެކެ ދިވެހީންވެސް ލޯބި ވާ ވާހަކައެވެ.