މަޝްހޫރު އެކްޓަރު ޔަޝްގެ އާ ފިލްމު "ޓޮކްސިކް: އަ ފެއަރީޓޭލް ފޯ ގްރޯން-އަޕްސް" އެކި ފަހަރު މަތިން ފަސްކުރުމަށްފަހު، މިއަހަރުގެ އޮގަސްޓު 26 ވަނަ ދުވަހު މުޅި ދުނިޔޭގައި ނެރުމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މިކަން އާންމުކޮށްފައިވަނީ ޔަޝް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކުރި ފިލްމުގެ އާ ޕޯސްޓަރަކާއެކުގައެވެ. ޖީތޫ މޯހަންދާސް ޑައިރެކްޓުކުރާ މި ފިލްމުގައި ޔަޝްގެ އިތުރުން ކިއާރާ އަދުވާނީ، ނަޔަންތާރާ، ހުމާ ގުރޭޝީ އަދި ތާރާ ސުތާރިއާ ފަދަ ތަރިން ހިމެނެއެވެ. މިއީ 2022 ވަނަ އަހަރު ނެރުނު "ކޭޖީއެފް: ޗެޕްޓަރ 2" އަށްފަހު ޔަޝް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމު ނެރުމަށް އެންމެ ފުރަތަމަ ތާވަލުކުރީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އޭގެ ފަހުން މިއަހަރުގެ މާޗު މަހަށް އަދި ފަހުން މިމަހު 4 އަށް ވެސް ތާރީހު ބަދަލުކުރިއެވެ. ޕްރޮޑަކްޝަން ޓީމުން ބުނި ގޮތުގައި ފިލްމު ނެރުން ލަސްވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ މާކެޓުގައި ފިލްމު ދެއްކުމަށް ދިމާވި ގޮންޖެހުންތަކެވެ. އަދި ބޭނުންވަނީ ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފިލްމު ޑިސްޓްރިބިއުޓްކުރުން ކަމަށް ވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ފިލްމު ލަސްވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޔަޝް ބުނި ގޮތުގައި، ފިލްމެއްގެ ޝޫޓިން ފެށުމާއެކު އިންޑިއާގެ ސަޕޯޓަރުންގެ ހިތުގައި ފިލްމު ނެރޭނެ ތާރީހަކާ މެދު އުންމީދުތަކެއް އުފެދޭނެތީ، ތާރީހު ފަސްވުމުން އެ މީހުން ހިތްހަމަނުޖެހޭނެކަން ގަބޫލުކުރާކަމަށެވެ. ނަމަވެސް އޭނާގެ އަމާޒަކީ ހޮލީވުޑްގެ އުސޫލުން ފިލްމު އެއްކޮށް ނިންމުމަށްފަހު ބައިނަލްއަގުވާމީ ޑިސްޓްރިބިއުޓަރުންނަށް ފިލްމު ހުށަހެޅުންކަމަށް ބުނިއެވެ.
"ޓޮކްސިކް" އަކީ 1940 އާއި 1970 ގެ އަހަރުތަކާ ދެމެދު ގޯއާގައި ހިނގާ ކުށްކުރާ ނެޓްވޯކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ކޭވީއެން ޕްރޮޑަކްޝަންސް އަދި ޔަޝްގެ އަމިއްލަ ކުންފުނި މޮންސްޓަރ މައިންޑް ކްރިއޭޝަންސް އިން ގުޅިގެން އުފައްދާ މި ފިލްމު ކަންނަޑާ އަދި އިނގިރޭސި ބަހުން ޝޫޓުކޮށްފައިވާއިރު، ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާޅަމް ބަހުން ވެސް ސިނަމާތަކަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް