ޖުމުލަ 26 ޓީމަކުން ވާދަކުރި ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ފައިނަލްގައި ފަސޭހަކަމާއެކު ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް) ބަލިކޮށް، ގޯޅި ސްޕޯޓްސް ކްލަބުން ތަށި ހޯދައިފިއެވެ.
ގައުމީ ފުޓްސަލް ޓީމުގެ ހުސައިން ޝަރީފް (އޮންލީ)ގެ ކޯޗުކަމުގެ ދަށުން ކުޅުނު ގޯޅިން ތަށި އުފުލައިލީ، ރޭ ގަމު ތުނޑީ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބެސްޓް ކައިރިން 6-0 އިން މޮޅުވެގެންނެވެ. ރޭގެ މެޗު ފެށިގެން ނިމެންދެންވެސް ގޯޅިން ތަފާތު މޮޅުކޮށް ކުޅުނު އިރު، ފައިނަލްގައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިންތަކެއް ފެނިގެން ދިޔައެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ގޯޅިން މާ ބޮޑަށްވެސް ނުރައްކާތެރިކޮށް ފެނުނު އިރު، އަހުމަދު ހަލީމް (އަންމަޑޭ)ގެ ގޯލުގެ އިތުރުން މުހައްމަދު އައްޒާމް ޖެހި ގޯލާއެކު ގޯޅިން މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖެހިއެވެ. އެ ދެ ގޯލު ޖެހުމުގެ އިތުރުން ޑިފެންސް ކުރުމުގައިވެސް ގޯޅި ފެނުނީ މޮޅުކޮށެވެ. ހާއްސަކޮށް ފަހަތުން އައްޒާމްގެ ކުޅުން ފާހަގަވި އިރު، މެޗުގެ ތަރިއަކީ ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) އެވެ.
ފުރަތަމަ ހާފުގައި ފައިއްޓެއަށް މާ ބޮޑު މަސައްކަތެއް ކުރަން ނުޖެހުނު ނަމަވެސް ދެވަނަ ހާފުގައި ވަނީ ގިނަ ސޭވްތަކެއް ކޮށް، ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އަދި މުހައްމަދު ޖުމާން މުހައްމަދު ފޮނުވާލި ބާރު ހަމަލާތައްވެސް މަތަކުރީ ގޯޅީގެ ގޯލު ބެލެހެއްޓި ފައިއްޓެއެވެ.
ގޯޅީގެ އިތުރު ގޯލުތައް މެޗުގައި ޖަހައިދިނީ އިބްރާހީ މުބީން (މުއްކި) އާއި ސާމިން މުހައްމަދު ނަސީރު އަދި އަޔާޒް އަހުމަދު (އަޔާ)އެވެ. އޭގެ އިތުރުން ބެސްޓުގެ ފައުލް ހަމަވެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީގައި އަންމަޑޭ ވަނީ އޭނާގެ ދެވަނަ ގޯލުވެސް ޖަހައިފައެވެ. އެއީ އޭނާ މުބާރާތުގައި ޖެހި 32 ވަނަ ގޯލެވެ. މުބާރާތުގެ ޓޮޕް ސްކޯރާގެ އިތުރުން "ކިންގް"އަކީވެސް އަންމަޑޭއެވެ.
އޭގެ އިތުރުންވެސް ގޯޅިއަށް ވަނީ އިތުރު ދެ ދުރު ޕެނަލްޓީ ލިބިފައެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ޕެނަލްޓީތައްވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ފަހު ކޮޅުގައި ބެސްޓްގެ ހާއްޕެއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑުވެސް ދައްކައިފައެވެ.
ފައިނަލް މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް މަތިމަރަދޫ ޔޫތު ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކީ ގޯޅި ސްޕޯޓްސް ކްލަބުގެ ހުސައިން ނާޝިދު (ނާއްޓޯ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ މުބާރާތުގެ ފައިނަލް މެޗު ފިޔަވައި ގޯޅިން ކުޅުނު އެހެން ހުރިހާ މެޗެއްގައި އެޓީމުގެ ގޯލު ބެލެހެއްޓި ޒުވާން ގޯލްކީޕަރު ހުސައިން ސާއިލްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ "ފުޓްސަލް ކިންގް" ގެ މަގާމު ހޯދި ގޯޅީގެ އަންމަޑޭއާއި ބެސްޓްގެ ގަބޭ، ބެސްޓްގެ އަލީ އިރުފާން (އިރުއްޕެ)، ބެސްޓްގެ ގޯލްކީޕަރު އަހުމަދު ހުޝާމްގެ އިތުރުން ބެސްޓްގެ ޖުމާނެވެ.
ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް