ބަޔާން މިއުނިކުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަނުގެ ލީގު ކާމިޔާބު ކޮށްފިއެވެ.
ބަޔާންއިން މި ސީޒަންގެ ލީގު ޔަގީން ކުރީ ރޭ ވާދަވެރި ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ބަޔާންއިން އެންމެފަހުން ލީގުގައި ކުޅުނު ނުވަ މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމުން މިހާތަނަށް ބަލިވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ބަޔާން 75 ޕޮއިންޓް ހަމަކޮށްފައިވާ އިރު، ދެވަނައިގައި އޮތް ޑޯޓުމަންޑަށް 31 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ.
ބަޔާންއިން މިހާތަނަށް ރެކޯޑު 31 ފަހަރަށް ޖަރުމަނު ލީގު ކާމިޔާބު ކޮށްފައިވެއެވެ. އެ ކްލަބަކީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބެވެ. އަދި ޔޫރަޕްގައިވެސް ބަޔާންއަކީ އެންމެ ކާމިޔާބު އެއް ކްލަބެވެ.
ރޭގެ މެޗުގައި ބަޔާންގެ ގޯލުތައް ޖަހައިދިނީ ޖަމާލް މުސިއާލާގެ އިތުރުން ރޮބާޓް ލެވަންޑޯސްކީއާއި ސާޖް ނަބެރީއެވެ. ޑޯޓުމަންޑްގެ ހަމައެކަނި ގޯލު، އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ޖަހައިދިނީ އެމްރޭ ޗޭންއެވެ.
ބަޔާންއިން ތަށި ޔަގީން ކޮށްފައިވާ އިރު، އެޓީމަށް މި ސީޒަންގައިވެސް އެންމެ ތަފާތު ކުޅުމެއް ދެއްކީ 33 ގޯލު ޖަހައިދިން ލެވަންޑޯސްކީއެވެ. ރޭގެ މެޗަށްފަހު ލެވަންޑޯސްކީ ބުނެފައި ވަނީ ޖެހިޖެހިގެން 10 ފަހަރަށް ލީގު ނެގުމަކީ ލިބޭ މުހިއްމު ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުން ކެޓުމުގެ ހަނދާން ނައްތާލަން ލީގު ތަށި މުހިއްމު ވެފައި އޮތް ކަމަށް ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީ ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ނިޔަލަށް ހަމަވާ އިރު، އޭނާ އަންނަ ސީޒަންގައި ކްލަބުގައި މަޑުކުރާނެ ކަމަށް އަދި ޔަގީންކަން ދީފައެއް ނުވެއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ