އިންޑިއާގެ ސްޕްލިން ނުބައިކޮށް ލިޔެގެން އަނެއްކާވެސް ބެނާތައް ދަމަން ފަށައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރިކަމެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ގަރާރެއް ނެރުއްވައިފައެވެ.

އެ ގަރާރުގައި ރައީސް ސޯލިހު ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ގަރާރުގައި އިތުރަށް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސްގެ އެ ގަރާރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ވަނީ މާލޭގެ ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނަގައިފައެވެ. ބެނާ ހަރުކުރި ގެތަކުގެ ތެރޭގައި "އިންޑިއާ އައުޓް" ކެމްޕޭނު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހިވެސް ހިމެނެއެވެ.

އިމާރާތްތަކުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އިއްޔެ ނެގި ނަމަވެސް, މާލޭގެ އެކި ގެތަކުގައި އަނެއްކާވެސް ވަނީ ބެނާތައް ދަމަން ފަށައިފައެވެ. މިހާރު ދަމަމުންދާ އެ ބެނާތަކުން ފެންނަނީ އިންޑިއާގެ ސްޕެލިން ނުބައިކޮށް ލިޔެފައިވާ ތަނެވެ. އެގޮތުން މާލޭގެ އިމާރާތެއްގައި ރޭ ދެމި ބެނާއެއްގައި ލިޔެފައިވަނީ “INDEAR OUT” އެވެ.

ރައީސްގެ ގަރާރާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކޯޓަށް ދިއުމަށް ނިންމައިފައެވެ. އެ ކޯލިޝަނުން އިއްޔެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ސޯލިހުގެ އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށްޓަކައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.