އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑު ކިޔުމުން އަރަބިއްޔާގެ ސްކޫލުގެ މުދައްރިސެއް ކަމަށްވާ ޝެއިހް ޒަމްޒަމް ފާރިޝް 30 ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ޒަމްޒަމް ސަސްޕެންޑުކޮށްފައިވަނީ އިއްޔެ ރައީސް ނެރުއްވި ގަރާރަށް ގޮންޖަހައި ޓުވީޓެއް ކުރިކަމަށް ބުނެއެވެ. އެ ޓުވީޓުގައި ޒަމްޒަމް ބުނީ، ރާއްޖޭގެ އަސާސް ކަމަށްވާ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ނެރުމުން ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ދަމާލި ފޮތިކޮޅަކުން ވެއްޖެ ކަމަށެވެ.
ވަޒީފާއިން ސަސްޕެންޑު ކުރުމާ ގުޅިގެން ޒަމްޒަމް ރޭ ކުރެއްވި ޓުވީޓެއްގައި ބުނީ، އޭނާގެ ޓުވީޓުގައި ރައީސްގެ ގަރާރަށް ގޮންޖަހާފައިނުވާނެ ކަމަށެވެ. އެ ޓުވީޓުގައި ދެއްކީ ބެނާއެއްގެ ވާހަކަ ކަމަށާއި، ބެނާއަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބެއް ނޭނގޭ ކަމަށެވެ.
"މީހަކު އެއްޗެއް ނުވިސްނިގެން ޓުވީޓެއް ކުރުމުން އެމީހަކު ވަޒީފާއިން ސަސްޕެންޑް ކުރުމުގެ ބަދަލުގައި އެކަން ވިސްނައިދިނުން ނޫންބާ އަސްލު އޮންނަ ގޮތަކީ، އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ އަދުލުން ބޭރުން ގާނޫނާއި ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި، އަދި މި މައްސަލަ ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނަން،" ޒަމްޒަމް ބުންޏެވެ.
ވަޒީފާގެ ބިރު ދައްކަމުންދާކަން ރަައީސް އޮފީހުން ރައީސް ސޯލިހުއާ ބައްދަލުވި ދުވަހު ފާހަގަކޮށްފައިވާނެ ކަމަށާއި، އަރަބިއްޔާގެ ސްކޫލުގެ ޕީޓީއޭ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ވެސް އެ ވާހަކަ ހިއްސާކޮށްފައިވާނެ ކަމަށް ޒަމްޒަމް ބުންޏެވެ.
"ވަޒީފާގެ ބިރެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވި އޭރު ދެ ބޭފުޅުންވެސް،" ޒަމްޒަމް ބުންޏެވެ.
ޒަމްޒަމް ބުނީ، އޭނާ ހިޔާލުފާޅު ކުރާނީ ގުރުއާނާއި ސުންނަތާއި ގާނޫނުއަސާސީއާ ހިލާފުނުވާނެހެން އަދި ރައީސް ސޯލިހުއާ ވެސް ޗެލެންޖުކުރުމެއް ނެތި ފާޅުގައި ކަމަށެވެ. އޭނާ ފާޅުކުރި ހިޔާލަކާ ގުޅިގެން ފިޔަވަޅު އެޅުމަކީ ރައީސާއި މިނިސްޓަރު އައިޝަތު އޭނާއަށް ދެއްވި ވަޒީފާގެ ބިރެއް ނޯންނާނެކަމުގެ ޔަގީންކަމަށް ލިބުނު ވަރަށް ބޮޑު ކުޑައިމީސްކަމެއް ކަމަށް ވެސް ޒަމްޒަމް ބުންޏެވެ.
މީގެ އިތުރުން ޒަމްޒަމް ބުނީ، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހްމަދު އަލީ ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާ ދެކޮޅުކަމަށް އޭނާ ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.
"ވީއިރު އަޅުގަނޑު މި ޓުވީޓުގައި އަޅުގަނޑަށް ނުވިސްނިގެން އެކަމެއްގެ ވާހަކަ ބަޔާން ކޮށްލުމުން ސަސްޕެންޑް ކުރުމަކީ ވަރަށް ބޮޑު ދެރައެއް،" ޒަމްޒަމް ބުންޏެވެ.
ޒަމްޒަމް ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ލިޔުމުގައި ސޮއިކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހްމަދު އަލީއެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް "ވަން" އިން އަހްމަދު އަލީއަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.