ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕެއިޑް ޕާކިން ޒޯންތަކުން ޖާގަ ދޫކުރާނީ އެންމެ މަތިން ކުލި ހުށަހަޅާ ފަރާތްތަކަށް ކަމަށް އެކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގެ ދެ ތަނަކުން ކާރު ޕާކިންއަށް ޖާގަ ކުއްޔަށް ދޭން ނިންމާފައިވާކަން ހާމަކޮށް އެޗްޑީސީން މިދިޔަ ބުދަ ދުވަހުގެ ރޭ ބުނެފައިވަނީ، ފީ ދައްކައިގެން ކާރު ޕާކުކުރުމަށް ފޭސް އެކެއްގެ ދެ ސަރަހައްދަކަށް ބިޑަށް ހުޅުވާލާނެ ކަމަށެވެ. އެއީ ފެރީ ޓާމިނަލް ކައިރިން ފިތުރޯނު ޕާކިންއަށް 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން އުނިމާ ޕާކިން އިން 20 ޖާގައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން އެޗްޑީސީން އިއްޔެ ބުނީ، ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ ކުށްޔެއް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށާއި ބީލަން ފެށޭ އަގަކީ 1،500 ރުފިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.

ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، 18 އަހަރު ފުރުމުގެ އިތުރުން އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއް އޮތުމެވެ.

ޕެއިޑް ޕާކިން ޒޯން ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ފަސޭހަކަމާއެކު ކާރު ޕާކުކޮށް ދިނުމަށް މަގުފަހި ކޮށްދިނުމެވެ. އިއުލާނު ކުރެވުނު ޕާކިން ޖާގަތަކަށް ބީލަން ހުށަހަޅައި ހޮވޭ ފަރާތްތަކަށް އެޗްޑީސީން ގާއިމުކުރާ ސްމާޓް ޕާކިންއިން އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ހުރި ޕާކިން ކަންކަން ރަނގަޅު ކުރުމަށާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، އަދި ދުއްވާ ފަރާތްތަކަށް ލުއިފަސޭހަތައް ހޯދައި ދިނުމަށްޓަކައި ސްމާޓް ޕާކިން ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.