ޚަބަރު

އިންތިގެ ޓީމުން މަސައްކަތްކުރަނީ 2023 އާ ދުރަށް، އެބޭފުޅުންގެ އެޖެންޑާއަކީ ކޮބައިކަމެއް ނޭނގޭ: މޭޔަރު ނިޒާރު

އެމްޑީޕީގެ ޗެއާޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ ދެކޮޅަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން މަސައްކަތްކުރަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދުރަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ފައްޔާޒްގެ "އެމްޑީޕީ ހިންގާލަން" ކެމްޕޭން ޓީމުގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ނިޔާރު ވިދާޅުވީ އިންތިގެ ޓީމުން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ދެކޮޅަށް ކަމަށާއި އެބޭފުޅުންގެ އެޖެންޑާއަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ބައެއް ބޭފުޅުންނަށް މިވާހަކަތައް ދައްކަން ނުކެރޭ. ހަމަގައިމުވެސް އެއް ފަޅިން މަސައްކަތްކުރަނީ 2023 އާ ދުރަށް. އެބޭފުޅުންގެ އެޖެންޑާއަކީ ކޮބައިކަމެއް ނޭނގޭ. ޝައްކެއް ވެސް ނެތް ގޮތުގައި އެ މަސައްކަތްކުރަނީ 2023 އާ ދުރަށް. ކޮބާ މި ޕާޓީގެ ބޭނުމަކީ؟ ކީއްކުރަން އަޅުގަނޑުމެން މި ކުލަ ހިފައިގެން, މި ވައުދުވަމުން, މި މެނިފެސްޓޯ ހިފައިގެން މިދަނީ؟ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރަނީ. ސަރުކާރުން މަސައްކަތްކުރަނީ ސިޔާސަތުތައް ކަނޑައަޅައިގެން ވެރިކަމެއް ކޮށްދޭން،" އިންތިގެ ޓީމަށް ނިސްބަތްކޮށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތަކީ ޕާޓީގެ ރައީސާއި ޗެއާޕާސަން އަދި ޕާޓީގެ ސީނިއާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޒިންމާއެއް ކަމަށާއި ނަމަވެސް 2023 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމަށް ބުނެ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ތަން ފެންނަ ކަމަށެވެ.

"އެހެންނަމަވެސް 2023 ނުލިބޭނެއޭ, ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދެއޭ ކިޔަމުން ވޯޓު ހޯދަން މިދަނީ. މިކަން އަޅުގަނޑުމެން ބަލައެއް ނުގަންނާނަން، މިކަންތައް ކަޑަ. އުންމީދަކީ ޕާޓީގެ މެންބަރުން ހެޔޮ ވިސްނުމާއެކު މިކަން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކުރުން،" އޭނާ ވިދާޅުވިއެވެ.

އައްޑޫ މޭޔަރު ނިޒާރު އިތުރަށް ވިދާޅުވީ ފައްޔާޒަކީ ކެރިގެން ބަސް ބުނުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށާއި އެއީ ތައުލީމާއި ކުޅަދާނަކަން ހުރި ހީވާގި ބޭފުޅެއް ކަމަށެވެ. އަދި އިންތި އާއި ފައްޔާޒްގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ކުޅަދާނަ ބޭފުޅަކީ ފައްޔާޒް ކަމަށް ވެސް ވިދާޅުވިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ކެމްޕޭނުގެ ތެރެއިންނާއި މަޖިލިސް އަދި އެމްޑީޕީގެ ތެރެއިން ވެސް ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.