އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ލަންޑަން ޑާބީގައި ޗެލްސީގެ މައްޗަށް 4-2 އިން ކުރި ހޯދައި، އާސެނަލުން ގަދަ ހަތަރަކަށް ކުރަމުން އައި އުންމީދު އާކޮށްފިއެވެ.

ޗެލްސީ ދަނޑުގައި މިރޭ ކުޅުނު މެޗުން މޮޅުވެ، އާސެނަލް ވަނީ 32 މެޗުން 57 ޕޮއިންޓް ހަމަކޮށްފައެވެ. މިވަގުތު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ވެސް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، އާސެނަލް ފަސްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިރޭގެ މެޗުން ބަލިވި ޗެލްސީ އޮތީ ތިންވަނައިގައެވެ. އެއީ 31 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗަށް ޗެލްސީ ނުކުތީ އާންމުކޮށް ފުރަތަމަ 11 ގައި ހިމެނި އެޓީމުގެ ފަހަތަށް ކުޅޭ އެންޓޯނިއޯ ރުޑިގާއާއި ތިއޭގޯ ސިލްވާވެސް ނުލައެވެ. މެޗުގެ ފުރަތަމަ 11 އިން ކައި ހަވާޓްސްވެސް ފެނިގެން ގޮސްފައި ނުވާ އިރު، ކޯޗު ތޯމަސް ޓުޗެލް ވަނީ ރޮމެލޫ ލުކާކޫއަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. އަނެއްކޮޅުން އާސެނަލަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން އެޓީމުން މިރޭގެ މެޗަށް ނުކުތީ މިޑްފީލްޑަރު ތޯމަސް ޕާޓޭއާއި ކީރަން ޓިއާނީވެސް ނުލައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުވެސް ފެނުނީ ޕްރެޝަރުގައި ކުޅުނުތަނެވެ. އެންމެ އެދެވޭ ގޮތެއްގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ދެޓީމަށްވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ގޯސްތައް ފެނުނެވެ. ދެޓީމުން ފުރަތަމަ ހާފުގައި ޖެހި ގޯލުތަކުގައިވެސް އިދިކޮޅު ޓީމުގެ ގޯސްތައް ފާހަގަވިއެވެ.

މެޗުގެ ކުރީކޮޅުގައި އާސެނަލްގެ އެޑްވާޑް އެންކެއިޓާ ލީޑު ނެގީ ޗެލްސީގެ ފަހަތުން އަންދްރޭއާސް ކްރިސްޓިއަން އަތުން ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެ ގޯލަށް ހަތަރު މިނެޓު ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޗެލްސީން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ޓީމޯ ވާނާ އޭރިއާ ބޭރުން ޖެހި ބޯޅައެއް އާސެނަލް ޑިފެންޑަރު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކޮށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް އަނެއްކާވެސް އާސެނަލުން ލީޑު ނެގިއެވެ. ކައުންްޓާ އެޓޭކް ފުރުސަތެއް ތަނަވަސްކޮށް، އެ ގޯލު ޖެހީ އެމީލް ސްމިތު ރޯއެވެ. އެ ގޯލަށްވެސް ހަތަރު މިނެޓު ފަހުން ޗެލްސީން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ ސެޒާ އަޒްޕިލިކުއެޓާއެވެ.

ދެވަނަ ހާފަށް ނުކުތީ ހަމަހަމަ ނަތީޖާއެއްގައެވެ. ފަހަތުން ހެދުނު ގޯސްތައް ރަނގަޅުކުރުމަށް ޗެލްސީން އެޓީމުގެ ބްރެޒިލް ޑިފެންޑަރު ސިލްވާ ކުޅުމަށް ނެރެފައިވާ އިރު، ސިލްވާ އެރީ ކްރިސްޓިއަންސަންގެ ބަދަލުގައެވެ. އެ ބަދަލާއެކު ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އަނެއްކާވެސް ލީޑު ނެގީ އާސެނަލްއެވެ. އެވެސް ޗެލްސީގެ ފަހަތުން ހެދި ގޯހެވެ.

އަޒްޕިލިކުއެޓާ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި، އާސެނަލްގެ ތިންވަނަ ގޯލު ޖަހައިދިނީވެސް އެންކެއިޓާއެވެ. އެ ގޯލުގައި ޗެލްސީގެ ޑިފެންޑަރު މަލަންގް ސާގެ ގޯސްވެސް ފާހަގަވިއެވެ. އެ ގޯލަށްފަހު އަނެއްކާވެސް ކުޅުން ކޮންޓްރޯލުކޮށްގެކޮށް ކުޅުނީ ޗެލްސީންނެވެ. ކައި ހަވާޓްޒް ދަނޑު މައްޗަށް ނުކުތުމާއެކު އެޓީމުގެ އެޓޭކިން ރަނގަޅުކޮށް ހަމަލާތައް އުފެއްދިއެވެ.

މެޗުގެ ފަހު 20 ވަރަކަށް މިނެޓުގައި ޗެލްސީން ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އާސެނަލުން ފަހަތަށް ޖެހި ހަމަޖެހިލައިގެން ކުޅުނު އިރު، އެޓީމުން ހަތަރުވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއެއްގައި ބުކަޔޯ ސަކާއެވެ.