ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގަމުންދާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން މުޒާހަރާކުރާ ސަރަހައްދުތަކަށް ސަމާލުކަން ދިނުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ބުނީ، ލަންކާގެ އިގުތިސޯދީ ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އުފުލި ތަކެތި ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކާއި އެއްވުންތަކުގައި ބައެއް ފަހަރު ހަމަނުޖެހުން ހިނގަން މެދުވެރިވެ މީހުންނަށް އަނިޔާވަމުން އަންނަ ކަމަށެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓު ހިފައިގެން ނުކުތުމަށް ހައި ކޮމިޝަނުން ވަނީ އެދިފައެވެ.
ހައި ކޮމިޝަނުން ވަނީ އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެ ކޮމިޝަންގެ ހޮޓްލައިން ނަމްބަރު، 0768816666 ގުޅުމަށް އެދިފައެވެ.
ލަންކާގައި 20،000 އާ ގާތްކުރާ އަދަދަކަށް ދިވެހިން އުޅެއެވެ.
ލަންކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން އިއްޔެ ރަމްބުކަނާގައި ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލުކުރުމަށް ފުލުހުން ދިން ބަޑީގެ ހަމަލާއާ ގުޅިގެން އެކަކު މަރުވެ, 10 މީހަކަށް ވަނީ އަނިޔާވެފައެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ރަމްބުކަނާގައި މުޒާހަރާތައް ކުރިއަށްގެންގޮސްފައިވަނީ އެގައުމުގައި ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެންނެވެ.
އެ މުޒާހަރާގެ ބައެއް ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ. މުޒާހަރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިއުމުގައި މުޒާހަރާގެ ބައިވެރިން މަސައްކަތްކުރާ ތަން ވީޑިއޯތަކުން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު