މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ފެށުމާ ގުޅިގެން މާލީ ގޮތުން ރިސޯޓުތަކަށް ކުރާ އަސަރު ކުޑަކޮށްދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.
މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލް މަޖިލީހަށް ބަލައިގަތުމާއެކު އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގައި ގެސްޓްހައުސްތަކާއި ހޮޓާތަކާއި ޑައިވް ސެންޓަރުތަކުން މިހާރު ނަގަމުން އަންނަ ރަޖިސްޓްރީ އުވާލުމަށްވެސް ވަނީ ހިމަނައިފައެވެ.
މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޖޮއިންޓް ވެންޗާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގެ އަގު އެ ގާނޫނުން ކަނޑައެޅުމުގެ ބަދަލުގައި، މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ދައުލަތާއި އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުގެ ހައްގުތައްވެސް އެންމެ ރަނގަޅަށް ހިމާޔަތް ކުރެވޭނެ އުސޫލެެއްގެ ތެރެއިން އެތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ފަދަ ގޮތަކަށް ގާނޫނުން މަގުފަހި ކޮށްދިނުން ކަމަށެވެ.
އޭގެ އިތުރުން ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ފަދަ ގޮތަކަށް މާކެޓު ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭނެ ފަރާތްތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުމާއި ޕްރައިވެޓް އައިލެންޑް އިންވެސްޓަރުންނަށް ކުއްޔަށް ދިނުމުގައި ގާނޫނުގައި ހުރި ފުށުއެރުންތައް ހައްލު ކުރުމަކީވެސް ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުންޏެވެ.
އެގޮތުން ރިސޯޓް، ހޮޓާ، ޔޮޓް މެރީނާ އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށް ކުއްޔަށް ދޭ ރަށްރަށާއި ފަޅުތަކުގެ ބިމު ކުއްޔަށް ބަދަލު ގެނެސް ކުލި ކުޑަ ކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.