ދިރާގު ހައިސްޕީޑް ފައިބަރު އިންޓަނެޓުގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ށ. ފޭދޫގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ދެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްފައިވަނީ ފޭދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ.

އެގޮތުން ދިރާގު ފައިބަރު ބްރޯޑްބޭންޑް ޕެކޭޖަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބަރު ގުޅައިދިނުމުގެ އިތުރުން ފައިބަރަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީވެސް ހިލޭ ލިބިގެންދާނެއެވެ.

ދިރާގުން ބުނީ، މިއީ އެންމެ ހަލުވި ސްޕީޑް ކަމަށާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑަރު މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ފޭދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެއެވެ.

ދިރާގު ފައިބަރު ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބަރު ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 82 ރަށެއް ހިމެނޭ ކަމަށް އެކުންފުނީން ބުނެއެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 82 ޕަސެންޓް ރަށަކަށް ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.