މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް( ވީއައިއޭ) އިން ހިދުމަތް ހޯދި ޕަސިންޖަރުން ގެ އަދަދު 1.3 މިލިއަން އަރައިފިއެވެ.
ވީއައިއޭ ބަލަހައްޓާ މޯލްޑްވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވީއައިއޭ އިން ހިދުމަތް ހޯދި ޕަސިންޖަރުންގެ އަދަދު ވަނީ 1.3 މިލިއަން އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 75 އިންސައްތައިގެ ކުރިއެރުމެކެވެ.
ވީއައިއޭގެ މި ތަފާސް ހިސާބުތަކަކީ އެ އެއާޕޯޓަށް އަންނަ އަދި އެއާޕޯޓުން ފުރާ ހުރިހާ ޕަސިންޖަރުންގެ ޖުމުލަ އަދަދުތަކެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު، ތިން މަސް ތެރޭގައި ވީއައިއޭ އިން ހިދުމަތް ހޯދި އިންޓަނޭޝަނަލް ޕަސިންޖާރުންގެ އަދަދު އެކަނިވެސް އެއް މިލިއަނަށް އަރައެވެ. އަދި މިދިޔަ ތިން މަހަށް ބަލައި އިރު ވީއައިއޭއިން އެންމެ ގިނަ އަދަދަކަށް ޕަސިންޖަރުން ހިދުމަތް ހޯދާފައިވަނީ ނިމިދިޔަ މާޗް މަސް ތެރޭގައެވެ.
ނިމިދިޔަ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅައި ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވީއައިއޭގެ އެއާޓްރެފިކް މޫވްމެންޓްސް (އޭޓީއެމްއެސް) ވެސް ވަނީ 43 އިންސައްތަ އިތުރުވެފައެވެ. ތިން މަހުގެ ޖުމުލަ އޭޓީއެމްއެސް 15 ހާހަށް އަރާއިރު، އެވްރަޖްކޮށް ކޮންމެ މަހަކު ފަސް ހާސް އޭޓީއެމްއެސް ވަނީ ރެކޯޑް ކުރެވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު