މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެއެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ބްރޯޑްކޮމްގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން, 31 ޑިސެމްބަރު 2020ގެ ނިޔަލަށް އެ ކޮމިޝަނަށް އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ ގޮތުގައި 19.9 މިލިއަން ރުފިޔާ ހިމެނެއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުލިބި ވަނީ ރީބްރޯޑްކާސްޓިން ލައިސަންސް ފީއާއި ޖޫރިމަނަގެ ގޮތުގައި ލިބެންޖެހޭ 10 މިލިއަން ރުފިޔާއެވެ. ދެން ހިމެނެނީ ބްރޯޑްކާސްޓިން ލައިސަންސް ފީއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5.4 މިލިއަން ރުފިޔާއާއި ފުރިކުއެންސީ ލައިސަންސް ފީ އާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 4.5 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން ވަޒީފާއިން ވަކިވި އިރު, ނާންނަ ދުވަސްތަކަށް މުސާރަދެވިފައިވާ މުވައްޒަފުން އަނބުރާ ދައްކަންޖެހޭ ފައިސާގެ ގޮތުގައި 7,808 ރުފިޔާ ނުލިބިވެއެވެ.
އޮޑިޓް އޮފީހުން ބުނީ, އެ ފައިސާ ހޯދުމަށް ބްރޯޑްކޮމްގެ ފަރާތުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން އޮޑިޓް އޮފީހުން ލަފާ ދީފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބަޔާންކޮށްފައިވާ ގޮތަށް, ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށެވެ. އެގޮތުން ފައިސާ ނުދައްކައިފި ނަމަ, ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ލަފާދީފައިވެއެވެ.
އޭގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައިވާ ގޮތަށް ލައިސަންސް ފީ ނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުދައްކާ ނަމަ, އެ ޖޫރިމަނާއެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށްވެސް އޮޑިޓް އޮފީހުން ލަފާދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު