ފުޓްބޯޅަ

މުސާރަ ދޭން ދަތިވުމުން ލަންކާ ފުޓުބޯޅަ ޓީމުގެ ކޯޗު އަލަގިޗް ދޫކޮށްލަން ނިންމައިފި

ސްރީ ލަންކާ އަށް ދިމާވެފައިވާ މާލީ ދަތިކަމާ ހުރެ، މުސާރަ ދޭން ދަތިވުމުގެ ސަބަބުން ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން އެގައުމުގެ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާވެސް ހަވާލުވެހުރި ކޯޗު އާމިރް އަލަގިޗް ދޫކޮށްލަން އެފްއޭއިން ނިންމައިފިއެވެ.

ދެހާސް ވިހަވަނަ އަހަރު ލަންކާ ކޯޗުކަމާ ހަވާލުވި އަލަގެޗް ފޮނުވާލަން ނިންމިކަން އިއްޔެ ލަންކާ އެފްއޭއިން ވަނީ އިއުލާން ކޮށްފައެވެ. ލަންކާ އެފްއޭގެ ރައީސް ޖޭސްވާރު އުމަރު ވިދާޅުވީ މާލީ ގޮތުން ލަންކާ ބޮޑު އަޑިގަނޑެއްގެ ތެރޭގައި އޮއްވައި، ޑޮލަރުން ކޯޗަށް ދޭން ޖެހޭ ބޮޑު މުސާރައިގެ ކަންތައްތައް ހަމަޖެއްސުން ވެފައިވަނީ އުނދަގޫ ކަމަކަށް ކަމަށެވެ. އެހެންވެ، މަޝްވަރާގެ މަތިން އަލަގިޗާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަލަގިޗް ގައުމީ ޓީމު ދޫކޮށްލަން ނިންމާފައި ވަނީ ޖޫން މަހުގައެވެ. އެއްބަސްވުން އުވާލުމަށް ނިންމި ނިންމުމާއެކު ކުރިން ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދިން އަލަގިޗް ބުނީ ލަންކާ ފުޓްބޯޅައަށް އޭނާގެ ފަރާތުން އުފާވެރިކަމުގެ އިހުސާސެއް ގެނެސްދެވިއްޖެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ލަންކާ ފުޓްބޯޅަ ކުރިއަރުވަން މިހާރު އޮތް ލީޑަޝިޕުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެކަން ކުރިއަށް ގެންދިއުމަށް އަލަގިޗް ވަނީ އެދިފައެވެ.

އަލަގިޗްގެ ކޯޗުކަމުގައި ލަންކާއިން ވަނީ މިދިޔަ އަހަރު ޖޫން މަހު ބޭއްވި ވޯލްޑް ކަޕް ކޮލިފައިން ސެންޓްރަލައިޒް މެޗުތަކާއި އޮކްޓޫބަރު މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕްގައި ވާދަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ލަންކާ ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެން ނަމަވެސް، އުންމީދުތަކެއް ލިބުނެވެ. ހާއްސަކޮށް އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން ލަންކާއިން އެއްވަރުކުރި އިރު، އެ މުބާރާތުގައި ރާއްޖެއަށް ލަންކާ ބަލިކުރެވުނީވެސް ހަނި ނަތީޖާއަކުންނެވެ. ދެން ކުޅުނު ފޯނޭޝަންސް ކަޕްގެ ފައިނަލަށް ލަންކާ ދިޔަ އިރު، އެ މުބާރާތުގައި ލަންކާ ވަނީ ރާއްޖެއިން ހަތަރު ގޯލު ޖަހައިފައި ވަނިކޮށް، ފަހަތުން އަރައި 4-4 އިން އެ މެޗު އެއްވަރު ކޮށްފައެވެ.

އެ މުބާރާތުގެ ފައިނަލަށް ލަންކާ ދިޔުން ވެގެންދިޔައީ ފަހުގެ ތާރީހެއްގައި އެގައުމުގެ ފުޓުބޯޅައަށް ލިބުނު އުންމީދަކަށެވެ. އަލަގިޗް އަބަދުވެސް ފާހަގަކުރަމުން ދިޔައީ ލަންކާގެ ފުޓުބޯޅަ ހައްލު ކުރުމަށް ވަގުތު ބޭނުންވާނެ ކަމުގެ ވާހަކައެވެ. އޯވާސީސް ކުޅުންތެރިން ގައުމަށް ގެންދިޔުމުގެވެސް ހާއްސަ ޕްލޭނެއް ހަދައި، އަލަގިޗްގެ ވިސްނުން ބަހައްޓަމުން ދިޔައީ ދެތިން އަހަރެއް ތެރޭ ލަންކާގެ ފުޓުބޯޅަ ބަދަލު ކުރުމަށެވެ. އޭނާ އެންމެ ބޭނުންވީ ސަޕޯޓަރުންގެ ރޫހެވެ. ސަގާފަތަށް ބަދަލުތަކެއް ގެންނާށެވެ. ފޯ ނޭޝަންސް ކަޕުން ކޮންމެވެސް ވަރަކަށް އެ ރޫހު އާވިތަންވެސް ފެނުނެވެ.

އަލަގިޗްގެ ކޯޗުކަމުގައި ލަންކާއިން ނުކުންނާނެ ފަހު މެޗުތަކަކީ އަންނަ ޖޫން މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. އުޒްބެކިސްތާންގައި ކުޅޭ އެ ކޮލިފައިން ގްރޫޕްގައި ދެން އޮތީ ލަންކާ އާއި ރާއްޖޭގެ އިތުރުން ތައިލެންޑެވެ.