އިޓާލިއަން ކަޕް

ވާދަވެރި އެސީ މިލާން ކަޓުވާލައި، އިންޓަ ކަޕް ފައިނަލަށް

އިޓަލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ އޭސީ މިލާންގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، އިންޓަ މިލާނުން ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

ސަންސީީރޯ ގައި ރޭ ކުޅުނު މެޗުގައި އިންޓައިން ވާދަވެރި އޭސީ ބަލިކުރީ ތަފާތު ބޮޑު 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ދެޓީމު ނުކުތީ ފުރަތަމަ ލެގު 0-0 އިން އެއްވަރު ވެފައި އޮވެގެންނެވެ. ފައިނަލްގެ ފުރުސަތު ދެޓީމަށްވެސް އެއްވަރަކަށް އޮތް އިރު، އިންޓައިން ފައިނަލް ޔަގީންކުރީ ލައުޓާރޯ މާޓިނޭޒްގެ ދެ ގޯލުންނެވެ.

މެޗު ފަށިގެން މާޓިނޭޒްގެ ފުރަތަމަ ގޯލާއެކު އިންޓައިން ލީޑު ނެގީ މެޗުގެ ހަތަރުވަނަ މިނެޓުގައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މަޓެއޯ ޑާމިއާންއެވެ.

އިންޓަގެ ގޯލަށްފަހު ފުރަތަމަ ހާފުގައި ދެން ފެނުނީ އޭސީގެ ނުރައްކާތެރި ދެ ހަމަލާއެވެ. ރަފައެލް ލެއާއޯ އާއި އަލެކްސިސް ސަލަމޭކާގެ ހަމަލާތައް ނުރައްކާތެރިކޮށް ފެނުނު އިރު، އެ ދެހަމާލާވެސް މަތަކުރީ އިންޓަގެ ތަޖުރިބާކާރު ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗެވެ. އޭސީން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އިންޓަގެ ދެވަނަ ގޯލު ފެނުނީ މެޗުގެ 40 ވަނަ މިނެޓުގައެވެ. އެއީވެސް މާޓިނޭޒް ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ އިންޓައިން ހަމަޖެހިލައިގެން ކުޅެމުން ގޮސް، ތިންވަނަ ގޯލެއް ޖެހީ 82 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ބަދަލަކަށް ކުޅެން ނުކުތް ޖަރުމަނުގެ ރޮބިން ގޮސެންސް އެވެ.

އިންޓައިން ފައިނަލްގައި ކުޅެން ޖެހޭ ޓީމު ޔަގީންވާނީ ފިއޮރެންޓީނާއާއި ޔުވެންސްޓަސް ވާދަކުރާ ސެމީ ފައިނަލް ދެވަނަ ލެގުގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގުގައި ފިއޮރެންޓީނާ ދަނޑުގައި ޔިުވެންޓަސްއިން ވަނީ 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.