އައްޑޫސިޓީގެ ހިތަދޫ ގިނަ މީހުންނަށް އެނގޭ މޫނެކެވެ. ކައިރި ރަށްރަށުން އެރަށަށްދާ މީހުންނަށް ހިދުމަތްތަކެއް ދިން މީހެކެވެ. އެއްދުވަސްވަރެއްގައި ރަށުގައި ހިންގި، ކުއްޔަށް މީހުން ބައިތިއްބާ ވަރަށް މަދު ގޭގެތަކުގެ ތެރެއިން އެންމެ ތަނަވަސް އެންމެ ހިތްގައިމު ކޮޓަރިތަކެއް ހުރި ގޭގެ ވެރި އަންހެންކުއްޖާއެވެ. އޭރު ލޮބުވެތި ބައްޕައެއްގެ ހިޔާވަހިކަމާއި ލޯތްބާއި އޯގާތެރިކަމުގައި ބައްޕަގެ ވިޔަފާރިކަމަށްވީ ކުލީކޮޓަރިތަކުގެ ބެލެހެއްޓުންތެރިޔަކަށް އުޅުނު ދަރިފުޅެކެވެ. އެބައްޕަގެ ހެޔޮހަޔާތުގައި މަންމައަކާއި ބައްޕައެއްގެ ލޯބިދީގެން މިދަރިފުޅު ގެންގުޅުނު ބައްޕަ އަބަދުގެ އަބަދަށް ވަކިވިފަހުން ދުނިޔެއާއި ދުނިޔޭގެ ދިލަހޫނާއި ވޭނާ ކުރިމަތިލާން ޖެހުނީ އެކަނިމާއެކަންޏެވެ.
މިއަދުގެ މިހިނދުވެސް ނުވަމަސްވަންދެން ބަނޑުގައި ގެންގުޅެ ދުނިޔެއަށް ގެނައުން ފިޔަވައި އެހެން އެއްވެސް ދައުރެއް ނެތް މަންމައަށް ކުޑައިމީސް ބަހެއް ބުނެނުލައި ހުރި ކެތްތެރި ދަރިއެކެވެ. މިދަރިފުޅު ދަންނަ ކޮންމެ މީހަކަށް އެހިތި ހަޔާތުގެ ދާސްތާން އެނގެއެވެ. މަންމައާއި ދަރިފުޅުގެ ގުޅުން އޮތީ ދުރުން މާދުރުން ގޮސް ނިމިފައި ކަން ނުދަންނަ މީހަކު ނެތެވެ. އެކަމަކު މިދަރިފުޅުގެ ދުލުން އެމަންމައަށް ބަރު ބަހެއް ބުނެނުލާތަނުގައި މީހަކު އަހާލި ބަހަކަށްވެސް ޔަގީންކަމާއެކު ކޮށްލާ އެފަދަ ސުވާލަަކަށްވެސް ކަނޑައެޅިގެން އެނގިހުރެ މައިމީހާއަށް ބުރަވާނެ ފަދަ އެންމެ އަކުރެއް ހިމެނޭހެންވެސް ޖަވާބެއް ނުދެއެވެ.
ހަނދާން ހުންނަން ފެށީއްސުރެވެސް ރަށުތެރޭގައި ތަފާތު އެކިކަންކަމުގައި އުޅޭތަން ފެންނަ މި އަންހެންމީހާގެ ސިފަޔާ ބެހޭ ގޮތުން އެކިވާހަކަ ދެކެވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ދުލުގެ ނުބައިވިހައިގެ ސަބަބުން ބަޔަކަށް ދައްކަވާފައިވާ ﷲގެ ކުޅަދުންވަންތަކަމުގެ ބޮޑު ހެއްކެކެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި އެއީ އުފެދުމުގައި ހުރި އުނިކަމެއް ފަރުވާ ނުދެވުމުގެ ސަބަބުން ބޮޑުވެ އެހެން ހަރުލީއެވެ. ކޮންމެއޔަކަސް އެކިތަފާތު ވާހަކަތައް ދެކެވުނު ޒަމާނެއް ވޭތިވެހިނގައްޖެއެވެ. އެގެއަށް ކުއްޔަށް ގޮސް ތިބޭ ބީރައްޓެހިންވެސް ފުރަތަމަ މިމީހާ ފެނުމުން ސިހި، ޖެހިލުންވާކަމަށް ވެއެވެ. އެހެންނަމަވެސް އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު މީހުންނާ މުއާމަލާތް ކުރުމާއި ނުހަނު ގަދަރާއެކު މީހުންނަށް އިހުތިރާމުކޮށް ހިދުމަތްކޮށްދިނުމުގެ ސަބަބުން އެޖެހިލުންވުން ކެނޑި ވަރަށް ބޮޑަށް ރައްޓެހިވެދެއެވެ. އެއީ އޭރުގެ ހޭލުންތެރިކަން ކުޑަވުމާއި މީހުންގެ ތެރޭގައި ދައްކާފައި ހުންނަ ބޯދާ ޒާތްޒާތުގެ ވާހަކަ ތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެވެ. އެހެނަސް މިއަދު ތަރައްގީވެ ތަމައްދުންވެ ތަހުޒީބުވެފައި މިވާ ރާއްޖޭގައި އެފަދަ މީހަކު ފެނުމުން ވަކި ތަފާތުކަމެއް ހިތަކަށް ނުގެނެވޭނެއެވެ. އެކިކަހަލަ ބަލިތަކާއި އެކިކަހަލަ އުނިކަންތައްތަކުގެ މައުލޫމާތާއި އޮޅުންފިލުވޭނެ ވަސީލަތްތަކާއި ކަންތައްތައް ރަނގަޅުކުރެވޭނެ ގޮތްތަކާއި އެކިކަހަލަ ބޭސްފަރުވާތަކާއި ކަންތައްތަކުގެ ހައްލު މިއަދު އެބައޮތްމެއެވެ.
މިއީ އައްޑޫ ސިޓީގެ ހިތަދޫ ކޮރުވަލު އަވަށުގެ ގެއަކަށް ނިސްބަތްވާ މަރުހޫމު ތުއްތުމަނިކުގެ އަންހެންދަރިފުޅެއްކަމަށްވާ މޫނިސާގެ ވާހަކައެވެ. ދުނިޔެއަށް ލޯހުޅުވާލި ވަގުތުން ފެށިގެން މަންމައެއްގެ ލޯތްބާއި ހިޔާވަހިކަމުން ވަކިވި ގޮތަށް މަންމައާއި ބައްޕައެއްގެ ލޯބިވެސް ބައްޕަގެ ފަރާތުން ލިބިގެން ބޮޑުވި މޫނިސާއަށް ދުނިޔޭގެ އެތައް ދެރައަކާއި ހިތާމައެއް އަދި ވޭނާއި ތުރާތަކާއި ދަތިތައް ތަހައްމަލު ކުރަން ޖެހުނެވެ. މޫނިސާ އެފަދަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި ދުނިޔެއަށް އައުމަކީ އޭނާގެ އެއްވެސް ކުށެއް އޮތް ކަމަކަށް ނުވިނަމަވެސް އޭގެ ވޭން އޭނާއަށް އުފުލަން ޖެހުނެވެ. އަތުގެ އިނގިލިތައް އެކުވެފައި ފައިގެވެސް އިނގިލިތައް އެކުވެ ހިނގުމުގައި ދަތިތަކެއް ހުރުމުގެ އިތުރުން ލޮލާއި ނޭފަތާއި އަނގައިގެ، މޫނުގެ ސިފަ ފަތާވެފައި ހުރުމާއި ވާހަކަ ދެއްކުމުގައި އަޑު އައުމުގައާއި ބަސްކިޔުމުގައި އުނދަގޫކަމެއް ހުރިނަމަވެސް މޫނިސާއަކީ މަސައްކަތްތެރި ހީވާގި ގެވެހި އަންހެނެކެވެ.
2003މ. ވަނަ އަހަރު މޫނިސާގެ ބައްޕަ ނިޔާވުމަށްފަހުވެސް، 2010މ. އާއި ހަމައަށް މޫނިސާއަކީ ގޭގައި ހުރި ކޮޓަރިތައް ކުއްޔަށް ދީގެން ދިރިއުޅެމުން ދިޔަ އަންހެނެކެވެ. ދުނިޔޭގެ އެކިކަހަލަ ކުލަތަކުގެ ތެރެއިން މޫނިސާގެ ދިރިއުޅުމަށް އައި ވިއްސާރަދުނީގެ ކުލަތަކުގެ އަސަރުން، ފެނުނު އަވާމެންދުރެއްގެ ތެރެއިން، ލިބުނު ހަނދާނަކީ 2003މ. ވަނަ އަހަރު އޭނާގެ ހަޔާތަށް ބަހާރަކަށް ވެގެން އައި ދަރިފުޅު ނަޖާއެވެ. މިލޯބިލޯބި ހަނދެއްފަދަ އުޖާލާ މަލެއްފަދަ ނަލަ، ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ، ގާތްގަނޑަކަށް ހަމައެންމެ ދެމަހެއްހައި ދުވަސްފަހުން މުޅި ދުނިޔެއަށް މޫނިސާ އެކަނިވެ ބައްޕަ އަބަދުގެ އަބަދަށް މޫނިސާމެނާއި ވަކިވެގެން ދެމިއޮތުުގެ އާލަމަށް ދަތުރުކޮށްފިއެވެ. އެހިސާބުން ފެށިގެން މޫނިސާ އޭނާގެ ދަރިފުޅު ގޮވައިގެން ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއަށް އިހުނަށްވުރެ ބޮޑަށް ނުކުމެ ޒިންމާދާރު މަންމައަކަށް ވެގެންދިޔައެވެ.
އަދު މޫނިސާގެ ދިރިއުޅުމުގެ ހާލަތު މިވަނީ ބަދަލުވެފައެވެ. އިއްޔެއާ ހަަމައަށް މޫނިސާ އައިސްފައިވަނީ އެތަކެއް އަޑިގުޑަންތަކެއް ހުރަސްކޮށް، ދަތިކަމާއި ދެރަކަމުގެ ތެރެއިންނެވެ. މަލާމާތާއި ފުރައްސާރައާއި ބަދުބަސްތަކުގެ ދެމެދުން، ދުނިޔޭގެ ގިނިހޫނާއި ތަދުވޭނުގެ ތެރެއިންލާފައި އަމާންކަމުގެ އައްސޭރިއަކަށް ނުކުމެވިފައި އިން މޫނިސާގެ އަތުގައި ހިފައިގެން މިއަދު ކޮޅަށް ތެދުވެ އެހެރީ އޭނާގެ އަންހެންދަރިފުޅެވެ. ފަހުރުވެރިކަމާއި ގަދަރުވެރިކަމާއެކު މަންމަގެ ހިދުމަތަށް ސެލިއުޓު ނަގައި ކިޔަމަންތެރި އަހުލާގު ރަނގަޅު އެހާމެ ފަންނުވެރި އިލްމުހޯދުމުގައި ގާބިލު މޮޅު ދަރިފުޅެކެވެ.
"ދުވަހަކުވެސް މީހުންގެ ތެރެއަށް ދަރިފުޅު ކިހިލީ ލައިގެން ނުކުމެ މިއުޅޭ ގޮތެއްފޮތެއް ނެތް މީހުންހެން ސަލާން ޖަހައި ނަހަދާނެ. އަބަދުވެސް ބުރަ މަސައްކަތުން ލާރިހޯދައިގެން ހަމަ ވަރަށް އިއްޒަތުގައި ދަރިފުޅު ގެންގުޅޭނީވެސް. ކޮންމެ ސިފައެއްގައި ކޮންމެ އުނިކަމެއް ހުއްޓަސް އެއީ ބޭރުފުށުން ފެންނަ ކަމެއް. މޫނިސާއަކީ ވަރަށް ވިސްނުން ރަނގަޅު ހަމަ ވަރަށް ބުއްދިވެރި ތަންދޮރު އެނގޭ އަންހެނެއް."ރަށުގެ ދުވަސްވީ މީހެއް.
"މޫނިސާ ވިހޭ ގޮތަށް އޭނަގެ މަންމައާއި ބައްޕަ ވަކިވީ. އޭގެ ފަހުން މޫނިސާ ބައްޕަ ތުއްތުމަނިކު އޭނަ ބަލައިބޮޑު ކުރީ. މަޔަކީވެސް ބަފަޔަކީވެސް އެއީ. މޫނިސާ ހާލުގައި ޖެހި ބިކަވީ ތުއްތުމަނިކު ނިޔާވިފަހުން. އެކަމަކު ދެންވެސް އެއީ ވަރަށް ހިތްވަރުހުރި އަންހެނެއް. މީހަކާވެސް އިން. އެމީހާވެސް ނިޔާވީ، އެފަހުން ދެން އެއުޅެނީ. މަޔަކަށް ދަރިޔަކަށް ހެޔޮވެވޭނީ އެވަރަށް. ބުނެއެއްނު އެއްވެސް އަޅަކަށް ނުއުފުއްލެވޭވަރުގެ ތަކުލީފެއް ނުޖައްސަވާނެއޭ. މޫނިސާ އެސާބިތުކޮށްދިނީ އެކަން." މޫނިސާގެ ނިޔާވި ފިރިމީހާއާ ތިމާގެ އަންހެނަކު މޫނިސާއާ ބެހޭ ގޮތުން މައުލޫމާތު ދިނެވެ. ރަށުގެ ގިނަ މީހުން މޫނިސާގެ ތައާރަފު ދިނީ ދާދި އެއްކަހަލަ ގޮތަކަށް މިއިބާރާތުންނެވެ.
"މާޝާﷲ. ވަރަށް ޝާހީ ގޮތަކަށް ދަރިފުޅު ގެންގުޅޭނީ. އެންމެ ތުއްތުއިރުވެސް ހަމަ ވަރަށް ނަލަކޮށްލައިގެން ދާހާ ތަނަކަށް ގޮވައިގެން އުރުގައި ބައިންދައިގެން ދާނީ. ނުނިޔަތެއްގައި އަތްލަން ކީއްކުރަން ބަލާކަށްވެސް ނުކެރޭނެ މީހަކަށް. މިއޮއްފަދަ ނުރައްކާތެރި ޒަމާނުގައި އެކަނިމާއެކަނި އަންހެންދަރިޔަކު ބަލައި އެބޮޑުކުރީ، ނުބައި ނަޒަރެއްގެ ހިޔަނިވެސް ނާޅުވައި."
މޫނިސާއާ ބެހޭ ގޮތުން ރަށުގެ އެކި ހިސާބުތަކުން އެކިމީހުން ދެއްކި ވާހަކައިން ދޭހަވީ މޫނިސާއަކީ ފިސާރި ހިތްވަރުގަދަ އަންހެނެއްކަމެވެ.
"ދުވަހަކުވެސް މީހުންގެ ތެރެއަށް ދަރިފުޅު ކިހިލީ ލައިގެން ނުކުމެ މިއުޅޭ ގޮތެއްފޮތެއް ނެތް މީހުންހެން ސަލާން ޖަހާ ނަހަދާނެ. އަބަދުވެސް ބުރަ މަސައްކަތުން ލާރިހޯދައިގެން ހަމަ ވަރަށް އިއްޒަތުގައި ދަރިފުޅު ގެންގުޅޭނީވެސް. ކޮންމެ ސިފައެއްގައި ކޮންމެ އުނިކަމެއް ހުއްޓަސް އެއީ ބޭރުފުށުން ފެންނަ ކަމެއް. މޫނިސާއަކީ ވަރަށް ވިސްނުން ރަނގަޅު ހަމަ ވަރަށް ބުއްދިވެރި ތަންދޮރު އެނގޭ އަންހެނެއް."
މޫނިސާއާއި މޫނިސާގެ ދަރިފުޅު އައިޝަތު ނަޖާ "ވަން" އަށް މައުލޫމާތުކޮޅެއް ހިއްސާކޮށްލީ ހެޔޮހިތުން އުފަލާއެކީ އެދެމައިންނަށް ހެޔޮއެދޭ ލޯބިވާ މީހުންނަށް ރޯދަމަހުގެ ހެޔޮއެދުމާއި ކައިރިވަމުން އަންނަ ފިތުރު އީދުގެ ހެޔޮއެދުންތަކާއި ތަހާނީ ހަދިޔާކުރަމުންނެވެ.
"މިހާރުދެން ވަރަށް ބަލިވެސް ވެއްޖެ. މިއުޅެނީ ފާޑެއްގެ ރޯގާއެއް ޖެހިގެން. އެކަމަކު މިހާރު ދެން ހިންދެމިލެވިއްޖެ. ހަމަޖެހިގެން ފިކުރެއް ނެތި އުޅެވޭ. މިހުރިހާ ދުވަހު ނަޖާ ގެންގުޅުނީ ހަމައެކަނިމާއެކަނި ސަރުކާރުން ހާއްސައެހީއަށް ދޭ -/2000 ރުފިޔާގެ އިތުރަށް 18އަހަރު ފުރުމުގެ ކުރިން ލިބުނު އެކަނިވެރިމައިންގެ ލާރިކޮޅާ ލައިގެން، ދުވަހަކުވެސް އެއްވެސް ކަމަކުން އިރާދަކުރެއްވީތީ އެދަރިފުޅަށް އުނިވިޔަ ނުދެން. އެކަނިމާއެކަނި ހުރިހާ ކަމެއްވެސް ކުރީ. ދީންވެރި ހުލްގު ހުރި އިލްމު ލިބިފައިވާ ކުއްޖަކަށް ހެދިން، ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އެކަންތައް ކާމިޔާބުވެސްވެއްޖެ."
މިއީ ނަމޫނާގެވެސް ނަމޫނާއެކެވެ. ކިތަންމެ ނުކުޅެދުންތެރިކަން ހުރި މީހަކަށްވެސް އަދި ކިތަންމެ ދެރަހާލުގައި އުޅޭ މީހަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވިދާނެކަމުގެ މިސާލެކެވެ. ކިތަންމެ ނިކަމެތި މީހަކަށްވެސް އެމީހާގެ ފެންވަރުން ހިތްވަރުކޮށް މަސައްކަތްކޮށްފި ހިނދެއްގައި ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާނެކަން ޔަގީނެވެ. އެޔަގީންކަމުގެ އަގީދާގައި ހިންމަތް ކޮށްފިނަމަ މޫނިސާ ފަދައިން ކޮންމެ އިންސާނަކަށްވެސް ދުނިޔޭގައި ކާމިޔާބު ހިތްވަރުގަދަ މީހަކަށް ވެވިދާނެއެވެ.
"ސަރުކާރަކުންވެސް އަދި އެއްވެސް ވެރިޔަކު ނުވަތަ އަތޮޅުތެރެއިންވެސް އެއްވެސް ޖަމާއަތް ޖަމިއްޔާއަކުން އެއްކަމެއްވެސް ކޮށްދީގެނެއްނޫން މިހިސާބަށް އާދެވުނީ. ދަރިފުޅަށް ސަރުކާރުން ވަޒީފާ ލިބޭތޯވެސް ރަށުގެ ގަދަރުވެރި ސިޔާސީ ފަރާތްތަކުގައިވެސް ބުނެވުނު. އާއެކޭ ބަލާނަމޭ މަސައްކަތް ކުރާނަމޭ، މިޖަވާބު ލިބޭ، އެދުވަހެއް ނުފެނޭ."
މޫނިސާ ކިޔައިދިނީ ދަރިފުޅު އޭލެވެލް އިމްތިހާނަށްފަހު ރަނގަޅު ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރި އިރުގެ ވާހަކައެކެވެ. މަންމައާ ބެހޭ ގޮތުން ކޮށްލި ދެތިން ސުވާލަށްވެސް ހެވިލާފައި ދިނީ ބުއްދިވެރި ހަރުދަނާ ޖަވާބެކެވެ. ކުޑައިރުގެ ކަންތައްތަކާއި މަންމަގެ ކަންތައްތަކުގެ ދުރުހަނދާނެއް ވޭތޯއާއި މަންމައާއި ބެހޭގޮތުން ކިޔައިދެވޭނެތޯ އެހުމުން ދިނީ ހެވިދިއްލިފައި ހަރު ޖަވާބެކެވެ.
"ދުރު ހަނދާނެއް ކުރީގެ އެއްވެސް ހަނދާނެއް ނުވޭ. މަންމަ އުޅޭ. ފެނުނީމަ މިހެން ހިތަށް އެރިއްޔާ އަނގައިން ބުނެފާނެ. އެކަމަކު ދުވަހަކުވެސް އެހީއެއް ނުވޭ." އެއަށްވުރެ އިތުރަށް އެއްވެސް އެހެން ވާހަކައެއް ނުދެއްކިއެވެ.
މޫނިސާ ދެއްކީ އިސްލާމީ ރިވެތި ނަމޫނާއެކެވެ. ކޮންމެ މީހަކަށް މަންމަވިޔަސް ކޮންމެފަދަ ގޮތަކަށް ކަންތައް ވެފައި އޮތަސް މަންމައަކީ ކިހާވަރެއްގެ މީހެއްކަން ދީނުގައި މައިމީހާގެ މަގާމާއި ކަރާމާތާއި ގަދަރު އޮތްވަރު އެއްވެސް ފާހެއް ނެތަސް މޫނިސާއަށް އެނގެއެވެ.
"މޫނިސާ ވިހޭ ގޮތަށް އޭނަގެ މަންމައާއި ބައްޕަ ވަކިވީ. އޭގެ ފަހުން މޫނިސާ ބައްޕަ ތުއްތުމަނިކު އޭނަ ބަލައިބޮޑު ކުރީ. މަޔަކީވެސް ބަފަޔަކީވެސް އެއީ. މޫނިސާ ހާލުގައި ޖެހި ބިކަވީ ތުއްތުމަނިކު ނިޔާވިފަހުން. އެކަމަކު ދެންވެސް އެއީ ވަރަށް ހިތްވަރުހުރި އަންހެނެއް. މީހަކާވެސް އިން. އެމީހާވެސް ނިޔާވީ، އެފަހުން ދެން އެއުޅެނީ. މަޔަކަށް ދަރިޔަކަށް ހެޔޮވެވޭނީ އެވަރަށް. ބުނެއެއްނު އެއްވެސް އަޅަކަށް ނުއުފުއްލެވޭވަރުގެ ތަކުލީފެއް ނުޖައްސަވާނެއޭ. މޫނިސާ އެސާބިތުކޮށްދިނީ އެކަން."މޫނިސާގެ ނިޔާވި ފިރިމީހާގެ ތިމާގެ މީހެއް.
"މީހަކު ހުންނަ ގޮތަކުން އެމީހެއްގެ ސިފައަކުން މީހާގެ ގާބިލުކަމާމެދު އިންސާފެއް ނުކުރެވޭނެ. ނުކުޅެދުންތެރި އެތައް ސިފަތަކެއް ބޭރުފުށުން ފެންނަން ހުރުމާ، ހިއްސާއި ސިފައާއި މިފަދަ ކިތަންމެ ގިނަ ނުކުޅެދުންތެރިކަމާއެކުވެސް އެމީހާ ދުނިޔެއަށް ނަމޫނާ މިސާލަކަށް ވެދާނެ. އެއީ އޭނާ ދުނިޔޭގެ އެހެން ކުޅެދޭ، ހިއްސުތައް ހަމަ މީހުންނަށް ކުރަން ނުކުޅެދޭ ކަންތައް ކޮށްފާނެތީ!"އައިޝަތު ނަޖާ
އުމުރުން 19އަހަރުގެ އައިޝަތު ނަޖާއަކީ އޯލެވެލް އިމްތިހާނުގައި ޑިސްޓިންކްޝަންސް ތަކަކަށްފަހު އޭލެވެލް އިމްތިހާނުގައި ޓޮޕް 10ގެ 10ވަނައެވެ. ސުކޫލުގައި ބިޒްނަސް ކުލަބުގެ ރައީސާއެވެ. އަދި ޖޫނިއަރ އަކުން ސީނިއާ އަކަށް ތަރައްގީވި ޕްރިފެކްޓަރެއްވެސްމެއެވެ. މިނަތީޖާތަކުން ފެނުނު، ފާހަގަ ކުރެވިފައިވާ ގޮތަށް އެއްފަހަރަށްވުރެ އަނެއް ފަހަރު ކޮންމެ ކަމެއްގައިވެސް ތަރައްގީވެ ކުރިއަށްޖެހި ކާމިޔާބުކޮށްފައިވެއެވެ. ކިޔެވުމުގެ އިތުރަށް، ނެޓްބޯލް ކުއީންގެ މަގާމު ހާސިލުކުރުމާއެކު ބެޑްމިންޓަން ކުޅުމުގައި ނަޖާވަނީ ސާކް އިންޓަނޭޝަނަލް ބެޑްމިންޓަން ކޮމްޕެޓިޝަނުގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނި، ވިމެންސް ސިންގަލްސްގެ 3ވަނަ އާއި އެމްއެމްއެފް އޯޕަންސް2021 ބެޑްމިންޓަން ކޮމްޕެޓިޝަނުގެ ވިމެންސް ޑަބްލްސްއިންވެސް ކާމިޔާބު ހޯދައިފައެވެ.
ކިޔެވުމާއި ކުޅިވަރުގެ ދާއިރާއެކޭ އެއްގޮތަށް، ހަމަ މިގޮތަށް ވަޒީފާގެ މާހައުލުގައިވެސް ނަޖާއަކީ ކޯލްސެންޓަރުގެ ޓިކެޓިން އޭޖެންޓެކެވެ. ނަމަވެސް މިހާރު ނަޖާއަކީ ކޯލްސެންޓަރ ޓިކެޓިންގ އޭޖެންޓްގެ (ސ.ގަމު ބްރާންޗްގެ) ސުޕަވައިޒަރެވެ. (ނުވަތަ ޓިކެޓްއެޖެންޓުންގެ ޓީމް ލީޑަރެވެ.) އާދެ!، ވަޒީފާގެ މާހައުލުގައިވެސް އަވަސް ތަރައްގީއެކެވެ.
"ބޭނުންވަނީ އިތުރަށް ކިޔަވަން، ކިޔެވޭނެ ތަނަވަސްކަމަކާއި ފެންވަރެއް ލިބުމުން ކިޔަވާނަން، އިންޝާﷲ. އުއްމީދަކީ ދެކަމުން ކޮންމެވެސް އެއްކަމެއްގައި ކުރިއަށް ދިއުން. ބޮޑަށް އިސްކަން ދޭނީ ބިޒްނަސްއަށް."
ނަޖާގެ އުއްމީދުތައް ގިނައެވެ. ހުވަފެންތައް ބޮޑެވެ. އުމުރާއި ދުނިޔޭގެ ތަޖުރިބާއަށް ކިތަންމެ ޅަ ނަމަވެސް ނަޖާގެ ހުވަފެންތައް ބޮޑުވެފައި އުއްމީދުތައް އުހެވެ. ނަޖާ ބޭނުންވަނީ ވިޔަފާރީގެ ދުނިޔޭގައި ވަރަށްވެސް ކާމިޔާބު މެނޭޖަރަކަށް ވުމެވެ. މާނައަކީ އަމިއްލަ ވިޔަފާރިއެއް ފަށައި ފުޅާކޮށް އެއީ ކާމިޔާބު ހިންގުންތެރިއެއްގެ ބޮޑު ވިޔަފާރިއަކަށްވުމެވެ.
ނަޖާ ކިޔައިދިން ގޮތުގައި ވަރަށް ފަގީރު ހާލުގައި އުޅުނު ދުވަހެއްވެސް މާޒީއާއެކުވެ ހިނގައްޖެއެވެ. ސްކޫލަށް ބޭނުންވާ ސާމާނު ނުލިބުމާއި ބޭނުންވާ ތަކެތީގެ އަގުބޮޑުކަމުން އެއީ ނެތް ފެންވަރެއްކަން އިހުސާސްވެ މަންމައަށް އެކަހަލަ ކަންތައްތައް ނާންގައި ހުންނަން ޖެހުނު ފަހަރުތައްވެސް ދިޔައެވެ. އެއީ މަންމައަށް އެކަން އެނގިއްޖެނަމަ ކިތަންމެ ބޮޑުއަގެއް ދޭން ޖެހުނަސް މަންމަ އެކަމަކަށް މަސައްކަތްކޮށް ހޯދައިދޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް ގިނަފަހަރު އޮންނަނީ މަންމައަށް އެނގި އެކަމެއް ކޮށްދީފައެވެ. އެހެންވިޔަސް އެހާ ކުޑައިރުވެސް މަންމައަށް އެއީ ނުވާނެވަރުގެ ކަމެއްކަން، އެއިވެންޓުގައި ލާން ޖެހޭ ހެދުން ފަހާނެ ވަރެއް ނުހުންނާނެކަން، މާއަގުބޮޑުކަން، މިފަހަރުގެ މިވެނިކަމެއްގައި ބައިވެރިވެއްޖެނަމަ ސުކޫލުން އެއަންގާ ތަކެތި ނުހޯދޭނެކަން އެނގި އިހުސާސް ވެގެން ކިތަންމެ ބޭނުންވިޔަސް ބައިވެރިނުވެ އެކަހަލަ ކަންތައް ދޫކޮށްލާކަމަށްވެސް ނަޖާ ބުންޏެވެ. އެއީ ބައިވެރިވެއްޖެނަމަ ކޮންމެ ހާލެއްގައިވެސް މަންމަ އެއެއްޗެއް ހޯދަން އުޅޭނެތީއެވެ. މަންމެ ނެތް ފެންވަރުން ތަކުލީފު ޖައްސަން ބޭނުން ނުވާތީއެވެ.
އެންމެ ދުރު، ފޮނި ހަނދާނަކަށް ހުންނަ ކަމަކަށް ނަޖާ ފާހަގަ ކޮށްލީ އުފާވެރި ލޮބުވެތި ހަނދާނެކެވެ. އެއީ އެންމެ ފަގީރުހާލުގައި އުޅުނުދުވަސްވަރެވެ. ބޮޑެތި ހަދިޔާ ދެވެން ކީއްކުރަންހެއްޔެވެ؟ ކުޑައެއްޗެއްވެސް ނުދެވޭވަރު ދެރަދުވަސްވަރެއްގެ ދުވަހެކެވެ. ނިދައި ހޭލިއިރު، ބޯލާބާލީސް ދަށަށް ލައި ފޮރުވާފައި މަންމަ ބާއްވާފައި އޮތީ މިޔުޒިކަލް ހަދިޔާއެކެވެ. އަދިވެސް މިއަދުވެސް ސަޕްރައިޒް ބުނެފިނަމަ ނަޖާ ފެންކަޅިކުރުވާ ހަނދާނަކީ އެއީއެވެ.
"މަންމައަށް ބުނެލަން ބޭނުމީ، މަންމަގެ ދަރިފުޅަކަށް ނަޖާ ވީތީ، ނަޖާގެ މަންމައަކަށް ތިމަންމަ ވީތީ ނަޖާ ވަރަށް ފަހުރުވެރިވަމޭ، ނަޖާގެ މަންމައަކީވެސް ބައްޕައަކީވެސް ތިއީއޭ، ބައްޕައެއް ނެތްކަމުގެ އެއްވެސް އިހުސާސެއް ކުރުވަން ނުޖެހޭވަރަށް ޔަގީންކަމާއެކު ގެންގުޅޭތީ މަންމައަށް ވަރަޝް ޝުކުރުވެރިވަމޭ، ތިވަރުގެ ގަދަފަދަ އަންހެނަކަށްވީތީވެސް. ތިއީ ނަޖާއަށް "ޕާފެކްޓް" އެންމެ ފުރިހަމަ މަންމަ، ނަޖާ ބުނަން ބޭނުމީ ﷲތައާލާ ނަޖާއަށް ވަރަށް އޯގާވަންތައޭ ރަހުމާންރަހީމްވަންތައޭ، ތިކަހަލަ ހީރޯއެއް މަންމައެއްކަމުގައި ލެއްވީތީ، ގައިމުވެސް ތިނޫން މަންމައެއްގެ ކުއްޖަކަށް ވީނަމަ ނަޖާ މިހިރަފެންނަ ނަޖާއަކަށް ނުވީސްކަން ޔަގީނޭ. ތިއީ މަންމައިންނަށްޓަކައި ރޫހާނީ ބާރެއް، އިންސްޕިރޭޝަން އޯލް މަދާސް ނީޑް. ހެޓްސް އޮފް ޓު ޔޫ، ލަވްޔޫ މަންމާ.”
ޝުކުރުގެ ލިސްޓުގައި ނަޖާ މަންމަގެ އިތުރަށް ޝިފާ ތިއްތަ، އަވަށްޓެރި ހައްވައްތަ، ބޮޑުދައިތަ މަހާރަތު، ތައުލީމީ ރޮގުން އެހީވި އަވަށްޓެރި ތިމާގެވެސް މީހެއްކަމަށްވާ ހައްވާ ހަބީބުމިސް، ބެޑްމިންޓަންގައި އެހީވި ނާތިޖު، އައްފާން، ނަސީ އަދި ހަމަ ހާއްސަ ގާތް ރަހުމަތްތެރިން ހިމެނިއެވެ. މިހުރިހާ އެންމެނަކީ ނަޖާ މިހާރު އެހެރަ ހިސާބަށް ދިއުމުގައި އެކިގޮތްގޮތުން އެހީވި ފަރާތްތައްކަމަށް ނަޖާ ފާހަގަކުރެއެވެ.
ކޮންމެޔަކަސް ދެރަވި ދުވަސްތަކެއް ފާއިތުވެހިނގައްޖެއެވެ. ޒަމާނުގެ ތަރައްގީ ނުވާ ޖާހިލު މަލާމާތާއި ފުރައްސާރައިގެ އަޑުތައް ކެނޑި ތައުރީފުގެ ބަސްތައް އޮހޭވަރުގެ ހިތްވަރެއް ކުރަމުން އައި މޫނިސާ އޭނާގެ ގުލްޝަނުގައި އިން ހަމައެކަނި މާ ރައްކާތެރިކަމާއި އަމާނާތްތެރިކަމުގައި ހިމާޔަތްދީގެން އެއިނީ މައިވަންތަކަމުގެ ފަސްބައި ނަޖާގެ ދުނިޔެ ވަށައި ރައްކަލުގެ ފާރެއްކަމުގައި ފަތުރާލައިގެންނެވެ. ކޮންމެ ހާލެއްގައިވެސް ހަރާމްކުރެއްވި އެއްވެސް ކަމަކުން އެންމެ ބޯފެން ކޯވަރެއްވެސް އަރުން އެތެރެނުކުރާ އަދި ނުވެސްކުރާނެ، ﷲތައާލާ ހަލާލު ކުރެއްވި ރޯދިން ރިޒުގު ލިބުމަށް މަސައްކަތްކޮށް ކާމިޔާބު ހޯދައި ދިރިއުޅުން ކަޅުފުސްވިލާތަކުން ކެހި އުޖާލާ އަލި ދުވަހަކަށް އަލިވިލިގެން ގޮސްފައި ވަނީ މޫނިސާގެ ހިތްވަރާއި މިންނަތުންނެވެ. ނުކުޅެދުމުގެ ސަބަބުން އުނިވި ހަޔާތް ފުރިހަމަ ކުރުމަށް މޫނިސާ ބަލައިބޮޑު ކޮށް އޭނާގެ ނުކުޅެދުންތެރިކަމުން ތަރުތީބުން ތަރުބިއްޔަތުކޮށްފައި އެވަނީ ކުޅެދޭ ގާބިލު ދަރިފުޅެކެވެ. އަމިއްލަ ހަޔާތުގެ ޅަފުރާއާއި ޒުވާން އުމުރުގައި މޫނިސާއަށް ނުލިބުނު ހުރިހާ ލޯތްބަކާއި އަރާމެއް ދަރިފުޅަށް ދީގެން، ފުރިހަމަނުކުރެވުނު އުފާތަކާއި އުއްމީދުތައް ދަރިފުޅުގެ ފުށުން ފުރިހަމަކުރުމުގެ ގަދަފަދަ އަޒުމުގައި ހިތްވަރު ކުރާ މިމަންމައަށް "ވަން" އިން ސަލާމް ކުރަމެވެ. ސެލިއުޓު ނަގަމެވެ.