ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 2020 ވަނަ އަހަރު މީރާއަށް ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ ލިބިފައިނުވާކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
އޮޓިޑް އޮފީހުން އިއްޔެ އާންމުކުރި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ނުލިބިހުރި ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އަދި ހާއްސަކޮށް ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ނުލިބި ހުރި ފައިސާގެ ތެރެއިން ބޮޑު އަދަދެއް ހިއްސާކުރަނީ ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ފައިސާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެ އަދަދު 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް 264 ޕަސެންޓު އިތުރުވެފައިވާއިރު، 2020 ވަނަ އަހަރުގެ ނިޔަލަށް މީރާއަށް ނުލިބި 21.66 ބިލިއަން ރުފިޔާ ހުރިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. 21.66 ބިލިއަން ރުފިޔާގެ ތެރެއިން 78 ޕަސަންޓަކީ ރިސޯޓުތަކުގެ ކުއްޔާއި އެއާ ގުޅޭ އެކި ޖޫރިމަނާތަކެވެ. އެއީ 16.9 ބިލިއަން ރުފިޔާއެވެ.
ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ މީރާއަށް ލިބިފައެއް ނުވެއެވެ. ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 642 މިލިއަން ރުފިޔާ މީރާ އަށް ލިބިފައެއް ނުވެއެވެ.
ރިސޯޓު ކުއްޔާއި ޖޫރިމާނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަމަށް ބެލެބޭ ސަބަބުތައް ވެސް މީރާގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ރިސޯޓު ތަރައްގީކުރުމަށް ދޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާ ގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުންނާތީއެވެ.
"މިފަދަ ރަށްތަކާ ގުޅިގެން ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށްފަހުވެސް ރަށް ނުހުޅުވި އަދި އެގްރިމެންޓް ބާތިލްނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމާއި، މިހެންވުމުގެ ސަބަބުން އެ ރަށްތަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އިތުރުވަމުންދޭ،" އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓްގައިވަނީ ތަފާތު ސަބަބުތަކާހުރެ އެއްބަސްވުން ބާތިލް ކުރެވިފައިވާ ރަށްތަކުގެ އެއްބަސްވުން ބާތިލު ކުރެވުނު ދުވަހާ ހަމައަށް ކުލި ހިސާބު ކުރަން އޮތް ނަމަވެސް، އެ ކުލި ދައްކާ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ހިނގާ ގޮތަށް އޮންނާތީ ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ނުދައްކާ ބައެއް މައްސަލަތައް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައި، މިފަދަ ބައެއް މައްސަލަތައް މީރާއާ އެއްކޮޅަށް ނިމުނު ނަމަވެސް، ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކައިފައިނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް އޮފީހުން ބުނީ މި ފައިސާ ހޯދުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް މީރާއަށް އަންގާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު