އިންޑިއާ އިން ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޮގްރަފިކް ސާވޭއަށް ފަހު ތައްޔާރުކުރި ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކައިގެން ލިބުނު ފައިސާ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދްކްރިޝަނަން ހަރީ ކުމާރު އިއްޔެ ވަނީ އެމްއެންޑީއެފްގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަކޮށްޓަށް ޒިޔާރަތްކުރައްވައިފައެވެ. ބަންޑާރަކޮށްޓަށް ރާދްކްރިޝަނަން ކުރެއްވި ޒިޔާރަތުގައި ވަނީ، ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކުމަށް ފަހު އެ ޗާޓުތަކުން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލުއާ ހަވާލުކޮށްފައެވެ. އެއީ 8،278.02 ޑޮލަރެވެ.
އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ނެވިގޭޝަން ޗާޓެއް ހެދީ ދިވެހި ސަރުކާރާ އެކު ސޮއި ކުރި ހައިޑްރޮގްރަފިކް އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ހަދާ ހައިޑްރޮގްރަފިކް ސާވޭއިން ހޯދާ މައުލޫމާތާއި ސާވޭއަށް ފަހު ތައްޔާރުކުރާ ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކުމުގެ ހުއްދަ އިންޑިއާ އަށް އޮވެއެވެ. ހައިޑްރޮގްރަފީގެ ހިދުމަތް ރާއްޖޭގައި ގާއިމު ކުރުމަށްޓަކައި ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގައި ހައިޑްރޮގްރެފިކް ހިދުމަތް ގާއިމު ކުރުމަށް އިންޑިއާ އިން އެހީތެރިކަން ދިނުމަށް ވެސް ހިމަނާފައިވެއެވެ.
އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން އިއްޔެ ވަނީ ރާއްޖޭގެ ހައިޑްރޮގްރަފީގެ އޮފީހަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފައެވެ. މީގެ އިތުރުން އިންޑިއާ އާއި ރާއްޖެ ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓް ކޮށްފައިވާ ޖޮއިންޓްލީ ސަވޭޑް ޗާޓް ވެސް ވަނީ ހަވާލުކޮށްފައެވެ. މޯލްޑިވްސް ހައިޑްރޮގްރެފިކް ސާވިސްގެ ފަރާތުން ރަސްމީކޮށް ޗާޓާ ހަވާލުވެވަޑައިގަތީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރެވެ. މީގެއިތުރުން ރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް އިންޑިއާ އިން ހަދިޔާކުރި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ހިލްމީއެވެ.
ރާދްކްރިޝަނަން ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން ސިފައިން ވަނީ އޮނާ ގާޑެއް އަރުވައިފައެވެ. ރާދްކްރިޝަނަން ސިފައިންގެ މައި މަރުކަޒަށް ވަޑައިގެންފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝާމާލްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
އެގޮތުން މާރިޔާ އެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ދިފާއީ ބަދަހި ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ދިފާއީ ދާއިރާއިން އިންޑިއާއިން ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި މާރިޔާ ވަނީ ޝުކުރުއަދާކުރައްވައިފައެވެ.
އެ ބައްދަލުވުމަށްފަހު ރާދްކްރިޝަނަން ވަނީ ޝާމާލުގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ބަދަހި ގުޅުމާ ބެހޭގޮތުންނާއި މެރިޓައިމް ސޭފްޓީއާއި، ދެ ގައުމުގެ ސިފައިން ގުޅިގެން ހިންގާ ތަމްރީނާއި، އީއީޒެޑް ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު