އެމްޑީޕީ އެތެރޭގެ އިންތިހާބާ ގުޅިގެން ގައުމީ މަޖިލީހުގެ ގުޅުން ގޯސްވެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒުގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއިދުކުރައްވާ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށް ތުހުމަތުތަކެއް ކުރައްވައި ޒާތީ ވާހަކަތަކެއް ދައްކަވައިފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ރޮޒެއިނާ ވިދާޅުވެފައިވަނީ، އެ ވާހަކަތައް ގަބޫލު ކުރާނެ މީހެއް ރާއްޖޭގައި ނުހުންނާނެ ކަމަށާއި އެއީ ޝިއާން އަމިއްލައަށްވެސް ގަބޫލު ނުކުރައްވާނެ ވާހަކަތަކެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރޮޒެއިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝީޒު ވިދާޅުވެފައިވަނީ، ރޮޒެއިނާއަކީ ޝިޔާން ވިދާޅުވިގޮތަށް އުޅުއްވަން ޖެހޭނެ ބޭފުޅެއް ނޫން ކަމަށާއި، ރޮޒެއިނާ އުޅުއްވަނީ ފުދިގެން ކަމަށެވެ.
ޝިޔާންގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހެން އެއްވެސް މެމްބަރަކު ވާހަކަ ދައްކަވާފާއިނުވުމުން އެ ގްރޫޕަށް ފައްޔާޒު ފޮނުއްވި މެސެޖެއްގައި މިއަދު ވިދާޅުވީ، ރޮޒެއިނާއާ ގުޅޭގޮތުން ޝިޔާން ދެއްކެވި ވާހަކަތައް ފިނިކުރުމަށް މެމްބަރުން ކޮންމެވެސް އެއްޗެއް ދަންނަވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އަދި އެކަމުގައި ގައުމީ މަޖިލީހުގެ ލީޑާޝިޕުން އިސްނެންގެވުމެއް ނަންގަވާފައިނުވާތީ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދުކުރީ ޕާޓީގެ މިވަގުތުގެ ލީޑާޝިޕުން ލީޑާޝިޕް ދައްކައި، މި ގްރޫޕް މައިތިރިކުރުމަށް އެއްޗެއް ދަންނަވާނެކަމަށް. ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އެދެން ދަތިފުޅު ނޫން ނަމަ މި ގުރޫޕުގައި ބޭކާރުކޮށް މި ކެމްޕެއިންއާ ބެހޭ ޒާތީ ޒުވާބުނުކޮށް ބޭނުންފުޅިއްޔާ ބޭރުގައި ކެމްޕެއިން ކުރެއްވުމަށް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ތިއްބެވީ ގޮތް ނިންމަވައިގެން ކަމަށެވެ. އެހެންކަމުން އެ ފެންވަރަށް ވެއްޓި ގުރޫޕުގައި ޒުވާބުކުރުމުގެ ބޭނުމަކީ ކޮބައިތޯ ފައްޔާޒް ވަނީ ސުވާލު ކުރައްވައިފައެވެ.
"ވޯޓު އިތުރުވެ ނުވަތަ ގެއްލޭނީކީއެއް ނޫން. ބުއްދިވެރި ކަމެއް ކަމަކަށް ނުފެނޭ. ރަހިމުގެ ގުޅުން ފަދަ ގުޅުމެއްގެ ގޮތުގައި ނޫން ނަމަވެސް ގައުމީ މަޖިލީހުގެ ގުޅުން އެހާ ބޮޑަށް މިކަހަލަ ސިމްޕަލް ކެމްޕެއިންއަކާ ހެދި ކަނޑާލަން ނުވާނެ،" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ރޮޒެއިނާ ތާއިދުކުރައްވަނީ ފައްޔާޒަށެވެ. ރޮޒެއިނާ، އޭނާގެ ކެމްޕޭން ހަރަކާތް ވެސް ކުރިއަށް ގެންދަވަނީ ފައްޔާޒުގެ ކެމްޕޭން ޝިއާރު ކަމަށްވާ "އެމްޑީޕީ ހިންގާލަން" ޝިއާރުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު