ރިޕޯޓް

އަންހެނަކު ދަރީންނާއެކު މަގުމަތިވެފައި: ތިން ފިރިންގެ ފަރާތުންވެސް އަނިޔާ, ދަރިފުޅަށް ކުރީ ޖިންސީ ގޯނާ!

ރިފާ ހަލީލު

1

ކުޑައިރުއްސުރެން އުޅެމުން އައީ ނިކަމެތި ހާލުގަ އެވެ. ގިނަ އާއިލާތަކުގައި އެންމެ ހަގު ކުއްޖާއަކީ އެންމެންގެ ލޯތްބާއި އަޅައިލުން ލިބޭ ކުއްޖާ އަށް ވީނަމަވެސް ސާރާ (އަސްލު ނަމެއް ނޫން) އަށް އެ ލޯތްބެއް ނުލިބެ އެވެ. މަންމަ އަކީ ބަލި މީހަކަށްވާތީ ސާރާއަށް ދޭން ޖެހޭ އަޅައިލުމެއް ނުދެވެ އެވެ. ބައްޕަ އަކީ މަސްވެރިއަކަށްވުމުން އާއިލާއަށް ދޭންޖެހޭ ވަގުތެއް ނުދެވެއެވެ.

މިއީ އެކަނިވެރި މައިންނާއި ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިވަމުން އަންނަ "މަމްސް" ޖަމިއްޔާއިން ސާރާގެ އާއިލާއަށް އެހީވުމަށް އެދި ކުރި ޕޯސްޓުގައި ފުރަތަމަ ލިޔުނު ވާހަކަ އެވެ.

ކޮންމެ އަންހެނަކީވެސް ދިރިއުޅުމާމެދު ފޮނި ހުވަފެންތައް ދެކޭނެ މީހެކެވެ. މީހަކާ އިނދެ އުފާވެރިކަމާއި ލޯތްބާއެކު އުޅުމުގެ ހުވަފެން ދެކޭނެ އެވެ.

އެހެން ނަމަވެސް މި އުންމީދުތައް ހާސިލުކުރުމަށް ސާރާ ފެށި ދަތުރުވެގެންދިޔައީ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވީ ދަތުރަކަށެވެ. ކޮޅެއް މެދެއް ފެންނަން ނެތް ދަތުރަކަށެވެ. ތިން މީހުންނާ އިނެވެ. އެތިން މީހުންގެ ފަރާތުންވެސް ލިބުނީ އަނިޔާއާއި ހިތްދަތިކަމާއި ވޭނާ ކެކުޅުމެވެ. ދަރިފުޅުގެ ހަށިގަނޑުގައި ލޯބިން ބީހެން ޖެހޭ ދެއަތުން ލިބުނީ ޖިންސީ އަނިޔާ އެވެ.

މަމްސް ޖަމިއްޔާއިން ބުނިގޮތުގައި ތަނަވަސްކަން ނެތުމުންނާއި، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ސާރާއަށް އެންމެ ބޭނުންވި ވަރަށް ތައުލީމު ލިބިފައެއް ނުވެ އެވެ. ޅައުމުރުގައި، ރަނގަޅު މުސްތަގުބަލެއް ހޯދުމުގެ ފޮނި އުންމީދުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް، ސާރާގެ ފުރަތަމަ ކައިވެނި ކުރިއެވެ. އޭރު އުމުރުން 26 އަހަރުގައި ސާރާ އިނީ އޭނާއަށްވުރެ ހަތަރު އަހަރު ހަގު ފިރިހެނަކާއެވެ.

ސާރާ ކިޔައިދިން ގޮތުގައި އުފާވެރި ދިރިއުޅުން ފުނޑު ފުނޑުވާން ނެގީ މަދު ވަގުތުކޮޅެކެވެ. ކުރިމަތިލާން ޖެހުނީ ދުވަހަކުވެސް އުންމީދު ނުކުރާވަރުގެ އަނިޔާވެރި ދުވަސްތަކާ އެވެ. ކޮންމެ ދުވަހަކުވެސް ޒުވާބު ކުރުމާއި ހުތުރު ބަހުން އެއްޗެހި ކިޔުމަކީ އޭނާގެ ފިރިމީހާގެ އާދައެވެ.

އަނިޔާއިން ސަލާމަތްވުމަށް އެދި އާދޭސް ކުރާނެ މީހެއް ނެތެވެ. ފިރިމީހާގެ ގޭ މީހުންގެ ފަރާތުންވެސް އަނިޔާތަކަށް ހިތްވަރު ދިނީއެވެ. ޖެއްސުމާއި ފުރައްސާރަ ކުރީއެވެ. މާބަނޑު ދުވަސްވަރު ނިދާފައި އޮންނަ އިރު ފަންކާ ނިއްވާލައި އެކި ކަހަލަ ޖެއްސުން އެގޭ މީހުންގެ ފަރާތުންވެސް ދިޔައީ ލިބެމުންނެވެ. ކައިވެނިން ބޭރުން އެހެން އަންހެނުންނާއި ގުޅުން ބޭއްވުމާއި، ސާރާގެ ކައިރީގައި އޮވެ ހިލޭ އަންހެނުންނަށް ގުޅާ ވާހަކަ ދެއްކުމާއި، އެހެން އަންހެނުންގެ ނަމުން ގޮވައި ނަފުސާނީ ގޮތުން ސާރާ ބަލިކަށި ކުރުމުގެ ގޮތުން އެތައް މަސައްކަތެއް ފިރިމީހާ ކުރި ކަމަށް ސާރާ ބުންޏެވެ.

އަނިޔާ ކުރުމުގައި ހައްދުފަހަނަ އަޅައި ގޮސް ސާރާގެ ކަރުގައި ހިފައި ފިތުމުގެ ސަބަބުން އަދިވެސް ސާރާއަށް ވަނީ އެކަމުން އަރައިގަނެވޭނެ ގޮތް ނުވެފަ އެވެ. އެކަން ވަނީ ދާއިމީ ބައްޔަކަށް ވެފައެވެ. ކާތަކެތި ދިރުވުމަށް އުދަނގޫވެ އެވެ. އެކަމަށްވެސް ދާއިމަށް ބޭސްކުރަންޖެހެ އެވެ.

ވަރިކުރަން އެތައް ފަހަރަކު އާދޭސް ކުރުމުން ވަރިވެސް ކޮށެއް ނުދިނެވެ. އެންމެ ފަހުން ތުއްތު ދަރިފުޅުގެ މުސްތަގުބަލައްޓައި ސާރާ ނިންމީ ވަރިވާން ކޯޓަށް ދާށެވެ. ވަރިވެގެން ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. އެކަމަކު އެ އަނިޔާތަކަށް ކެތް ނުވާތި އެވެ. ސާރާއަށް ނުލިބުނު ދިރިއުޅުން ދަރިފުޅަށް ނަމަވެސް ހޯދައިދެވޭތޯއެވެ.

ދަރިފުޅާއެކު ސާރާގެ އެއްބަނޑު މީހެއް ގާތަށް ބަދަލުވި އެވެ. އެކަމަކު އެއީވެސް ތަނަވަސް ބަޔަކަށް ނުވުމުން ސާރާ އާއި ދަރިފުޅަށް ހަރަދު ކުރުން ވީ ބޮޑު ކަމަކަށެވެ. ގަބޫލުވެސް ކުރެވެ އެވެ.

ކުޅެން އުޅުމުގެ ތެރޭގައި ދަރިފުޅުގެ އަތް ބިންދައިގެން ދިޔުމުން ސާރާއަށް ދަރިފުޅު ގެއްލުނެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅު ގެންދިޔައީ އެވެ. ރޮއެ އާދޭސްކޮށްކޮށް އޮއްވައެވެ.

އެހެން ކައިވެންޏެއް ކުރީ ދަރިފުޅު ލިބޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. އެކަމަކުވެސް ދަރިފުޅެއް ނުލިބުނެވެ. މި ކައިވެނީގައިވެސް ތަޖުރިބާ ކުރަން ޖެހުނީ ހިތްދަތިކަމެވެ. އެއީ ކުރިން ކައިވެންޏެއް ކޮށް ވަރިވެފައިވާ ފިރިހެނަކަށް ވީނަމަވެސް އޭނާގެ ކުރީގެ އަނބިމީހާއާ ގުޅުން ބާއްވަމުން ދިޔައެވެ. ސާރާގެ ކުރިމަތީގައި އެ ދެމީހުން އެކަކު އަނެކަކާ ގުޅުން ހިންގަމުންވެސް ދެ އެވެ.

ސާރާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން އެނގުނީވެސް މިއަނިޔާތަކުގައި އުޅެނިކޮށެވެ. ބަނޑު ބޮޑު އިރުވެސް ލިބެމުންދިޔައީ އަނިޔާ އެވެ. އެގޮތުން މުއްކަވާފައި ލޯމަތީގައި ޖެހުމާއި ތަޅައި އަނިޔާކުރުމާއި ހަޑިހުތުރު ބަސްތައް ބޭނުންކޮށް ހިތުން ނުފިލާވަރުގެ އަނިޔާތައް ދިން ކަމަށް ސާރާ ބުނެފައިވެ އެވެ.

މިއަނިޔާތަކަށް ކެތް ނުވެގެން ސާރާ އެގެއިންވެސް ނުކުތީ އެވެ. ބަނޑަށް ނުވަމަސްފުރި ވިހައިގެން ހޮސްޕިޓަލުގައި އޮއްވައި ފިރިމީހާ ސާރާ ވަރިކޮށްލީ ދަރިފުޅުގެ މޫނުވެސް ބަލަން ބޭނުން ނުވާ ކަމަށް ބުނެ އެވެ. އަނެއްކާވެސް އެކަނިވެރި ވީއެވެ. އާއިލާގެ މީހެއް ގާތަށް ދިޔައީ އެމީހުންގެ ލޯތްބާއި އަޅައިލުން ލިބޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. އެކަމަކު އެ މީހުންވެސް ސާރާ ނެރެލީ އެވެ.

ތުއްތު ކުއްޖަކާއެކު ވަންނާނެ ތަނެއް ނެތި މަގުމަތި ވެ ހަދާނެ ގޮތެއް ނެތި ސާރާއަށް ގޮތް ހުސްވިއެވެ. ވަންނާނެ ތަނެއް ނެތުމުން ހަގު ދަރިފުޅުގެ ބައްޕަ ކައިރިން އެހީއަށް އެދުނެވެ. އޭނާގެ ޝަރުތަކަށްވީ ދަރިފުޅަށް ހަރަދު ހޯދަން ބޭނުން ކަމުގައި ވާނަމަ އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓަށް ދަރިފުޅު ގޮވައިގެން ސާރާ ބަދަލުވުމެވެ. އެވަގުތު ސާރާއަށް އިތުރު އެއްވެސް ގޮތެއް ނެތުމުން ދަރިފުޅުގެ ބައްޕަގެ ގެޔަށް، ހިތާ ދެކޮޅަށްވެސް ބަދަލުވިއެވެ. އޭރު އެތަނުގައި އޭނާގެ ކުރީގެ އަނބިމީހާވެސް ކައިވެނި ނުކޮށް ކުދިންނާއެކު ދިރިއުޅެމުންދިޔައެވެ.

މިފަހަރު މިތަނުގައި ސާރާއަށް ކުރިމަތިލާން ޖެހުނީ މުޅިން ތަފާތު އަނިޔާތަކަކާއެވެ. ސިހުރުގެ އުނދަގޫ ޖެހެން ފެށިއެވެ. ދަރިފުޅުގެ ކަންކަން ނުކުރެވި ބިރުވެރި ރޭތަކެއް ހޭދަކުރަން ޖެހި ސާރާ މުޅިން ބަލިވާން ފެށިއެވެ. އެ އުނދަގޫތަކަށް ކެތް ނުކުރެވިގެން ދަރިފުޅު ގޮވައިގެން ނިކުތީ އެވެ.

އަނެއްކާވެސް އާއިލާގެ މީހުންގެ އެދުމުގެ މަތިން ސާރާއަށްވުރެ ދުވަސްވީ މީހަކާ އިނެވެ. އޭނާގެ ފަރާތުން އަޅައިލުމާއި އޯގާތެރިކަން ލިބުނެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރި އެވެ. ގޭގެ ކަންތައް ކުރަން ސާރާއަށް ވަގުތު ލިބެނީ އޭނާ ދަރިފުޅުގެ ކަންކަން ބަލާތީ އެވެ.

ކުއްލިއަކަށް ދަރިފުޅު ނުކައި ބަލިވާން ފެށި އެވެ. ވީ ގޮތެއް ނޭނގެ އެވެ. ހޮސްޕިޓަލުގައި އުޅޭ ރައްޓެއްސަކާ އެވާހަކަތައް ހިއްސާ ކުރުމުން ޖިންސީ ގޯނާ ކޮށްފައި ހުރި ކަމަށްވެސް ވެދާނެޔޭ ބުންޏެވެ. އަދި ބައެއްފަހަރު އުމުރަށް އަންނަ ބަދަލުތަކާ ގުޅިގެން ބައެއް ކުދިންނަށް ދިމާވާ ކަމެއް ކަމަށްވެސް ބުންޏެވެ.

އެހެން ނަމަވެސް ޖިންސީ ގޯނާގެ ވާހަކަ އަޑު އިވުމުން ކުރިއަށްވުރެ ބޮޑަށް ފިރިމީހާ ދަރިފުޅާއެކު އުޅޭ ވަގުތު ދަރިފުޅަށް ބެލެ އެވެ. އޭރު ދަރިފުޅާއެކު ކުޅެން އުޅޭ ފިރިމީހާ އެ ކުއްޖާގެ ނެޕީއަށް ކުޅޭ އެއްޗެހިލާތަން ފެނުނެވެ. އެގޮތަކީ ސާރާ ހިތްހަމަޖެހޭ ކަމެއް ނޫންކަމަށް ބުނެ ފިރިމީހާ ގާތު އެކަންތައް ނުކުރުމަށް އެދުނެވެ. އަދި އޭގެ ފަހުން ފިރިމީހާއާ ދަރިފުޅު ދުރުކުރަން މަސައްކަތް ކުރި އެވެ.

މުޅި ހަޔާތް އެފުށް މިފުށަށް ޖަހާލީ ދަރިފުޅުގެ ނެޕީ އިން ގިނަ އަދަދަކަށް ލޭ ފެނުމުންނެވެ. ވަގުތުން ހޮސްޕިޓަލަށްގޮސް ހެދި ޓެސްޓުތަކުން ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިހުރި ކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި އެކަމުގެ ސަބަބުން އުމުރުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖާގެ ފުރަގަސްފަރާތް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

ދަރިފުޅަށް މިހާލު ޖެއްސުމުން ފުލުހުންނަށް މައްސަލަ ހުށަހެޅި ހިސާބުން އެމީހާވެސް ސާރާ ވަރިކޮށްލީ އެވެ. ވަންނާނެ އިތުރު އެއްވެސް ތަނެއް ނެތުމުން ސާރާ ބަދަލުވީ އުފަން ރަށަށެވެ. ދިރިއުޅެވޭނެ ގޮތެއް ވޭތޯ އެވެ. ރަށަށް ބަދަލުވިތާ ދުވަސްކޮޅެއްގެ ތެރޭގައި ސާރާ އެމީހާގެ ދަރިއަކަށް ބަލިވެ އިންކަން އެނގުނެވެ. ދަރިފުޅު ބޭނުން ނުވެގެން އެތައް ފަހަރަކު ނުބައި ހިޔާލުތަކެއް އައި ނަމަވެސް ދަރިފުޅުގެ ކުށެއް ނެތް ކަން އަމިއްލަ ނަފުސަށް ވިސްނައިދީ އެ ދަރިފުޅު ވެސް ވިހެއީ އެވެ.

އޭރު ދޮށީ ދަރިފުޅުވެސް ސާރާއަށް ވަނީ ލިބިފަ އެވެ. ދޮށި ދަރިފުޅުގެ ބައްޕަ އެ ދަރިއަށް ހަރަދު ކުރެ އެވެ. އެހެން އެއްވެސް ކުއްޖެއްގެ ބައްޕަ އެ ކުދިންނަށް ހަރަދެއް ނުދެ އެވެ. އެކަމަކުވެސް މާބޮޑު ަޝަކުވާއެއްނެތި ދަރިންނަށްޓަކައި ސާރާ އަންނަނީ ގުރުބާން ވަމުންނެވެ.

ކުޑަ ކުޑަ ކޮޓަރިއެއްގައި ތިން ކުދިންނާއެކު ސާރާ އުޅެނީ ނިކަމެތި ހާލުގަ އެވެ. ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ވަޒީފާއަކަށް ދާން މަޖުބޫރުވެ އެވެ. ވަޒީފާއަށް ދަނީ ތިން ކުދިން ކޮޓަރިއަށްލައި ތަޅުލައިފަ އެވެ. އިތުރު އެއްގޮތެއްވެސް ނެތިގެންނެވެ. ވަޒީފާއަށް ދިޔައިމަ ދަރިން ބަލާނެ މީހަކު ނެތީމަ އެވެ.

ދަރިން ބައިތިއްބާފައި ހުންނަ ކޮޓަރީގައި ގޭސްފުޅިއާއި އެހެނިހެން ތަކެތި ބަހައްޓަން ސާރާއަށް މަޖުބޫރު ވަނީ އެއްޗެހި ވަގަށް ނަގާތީ އެވެ. ދެން އަލުން އެއްޗެހި ހޯދާނެ ގޮތެއް ނެތީމަ އެވެ. އެވަރުގެ ތަނަވަސްކަން ނެތީމަ އެވެ. އެކަމާ އަވަށްޓެރިން އެއްޗެހިވެސް ގޮވައެވެ. އެތައް ފަހަރަކު ޖެންޑާ އާއި ފުލުހަށްވެސް އެމީހުން މައްސަލަ ހުށަހަޅަ އެވެ. އެކަމަކު ހާލަތު ކިޔައިދެއެވެ.

މަމްސް އެންޖީއޯއިން ވަނީ ސާރާގެ އާއިލާ އަށް އެހީތެރިވުމަށް ހާއްސަ ކެމްޕެއިނެއް ފަށާފަ އެވެ. އެގޮތުން ސާރާ ދިރިއުޅޭ ގެ ހަދައި ދަރިންނަށް ބޭނުންވާ އަަންނައުނާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި އެކި އެއްޗެހި ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

ސާރާއަށް ފައިސާގެ އެހީވާން ބޭނުންވާ ފަރާތްތަކުން 7730000294482 އެކައުންޓަށް ޖަމާކުރުމަށްވަނީ އެދިފަ އެވެ. އަދި އަންނައުނާއި ކާބޯތަކެތި ފޯރުކޮށްދޭންވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.