ޅ. ނައިފަރު އިފްތިތާހު ހިންގުން ހަރުދަނާކޮށް، އެތަނުންދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ދިމާވެފައިވާ ދަތިތައް އަވަހަށް ހައްލުކޮށްދިނުމަށް އެދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭރު ކޮށްލައިފިއެވެ.
މެންބަރު ޝިޔާމު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވުމުން ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވީ، ހުސްވި ފެބްރުއަރީ މަހުގެ 23 ގައެވެ.
ނަމަވެސް އެގަރާރު ފާސްކުރަން ނުފެންނަ ކަމަށް ފާސްވުމުން މިއަދު އެ ގަރާރު ވަނީ ކޮމިޓީން ބޭރުކޮށްލައިފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު ޔޫނުސް އަލީ އެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.
ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބުދުﷲ ވިދާޅުވީ، އެ ގަރާރުގައިވާ ކަންތައްތައް އެޑިއުކޭޝަން މިނިސްޓްރީން އޮޅުން ފިލުވިއިރު، އޭގައިވާ ގިނަ ކަންތައް ހުރީ ނިމިފައި ކަމަށާއި، ނުނިމި ހުރި ކަންތައްތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެ ގަރާރަކީ ބަލަންވީ ވަރަށް ނުބަލައި، ހަގީގަތެއް ނެތް ކަންތައްތަކެއް ހިމަނައިގެން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
މި ގަރާރުގައި، އިފްތިތާހަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އެތަނުން ތައުލީމު ހާސިލު ކުރަމުން އަންނަ ދަތިވަރުންނަށާއި ޓީޗަރުންނާއި ހިންގުންތެރިންނަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މެންބަރު ޝިޔާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ގަރާރުގައި ބުނެފައި ވަނީ، އެއްހާހަށްވުރެންގިނަ ދަރިވަރުން މިހާރުވެސް އެ މަދަރުސާގައި ތައުލީމު ހާސިލު ކުރަމުން އަންނަ ކަމަށެވެ.
މަދަރުސާގައި ހުރި ކަންތައްތަކުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ 18 ކަމެއް ފާހަގަކޮށް ގަރާރުގައި ބުނެފައި ވަނީ، އެކަންތައްތަކަކީ، އެ މަދަރުސާގެ ސީނިއާ މެނޭޖުމެންޓާއި ބައެއް ބެލެވެރިންނާއި ޓީޗަރުންނާއެކު ބަދަލު ކުރި ހިޔާލުތަކުގެ އަލީގައި ވަރަށް އަވަހަށް ހައްލު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު