ޚަބަރު

ފެލިވަރުގައި 100 ޓަނުގެ އާ ކޭނިން ފެކްޓްރީއެއް ގާއިމު ކުރަނީ

އިބްރާހިމް ޒަކީ

މަސްކިރުވުމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް މަސްވެރިކަން ތަރައްގީކުރުމަށް، ފެލިވަރުގައި 100 ޓަނުގެ އާ ކޭނިން ފެކްޓްރީއެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، މަސް ކިރުވުމަށް ދިމާވެފައިވާ ދަތިތަކާއި މަހަށް އެކަށީގެންވާ އަގު ނުލިބޭ މައްސަލަ އާއި، މަސްކިރުވަން ދިމާވާ ގޮންޖެހުންތަކާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ދިމާވާ ދަތިކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މަސް ކިރުވުމަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި، ކެޕޭސީޓީ ނެތުން ހިމެނޭ ކަމަށެވެ. ކެޕޭސީޓީ އިތުރު ކުރުމަށް ކުރަމުން އަންނަ މަސްކަތްތަކުގެ ތަފްސީލުވެސް މިނިސްޓަރު ކޮމިޓީއަށް ދެއްވިއެވެ.

މަހަށް ބޮޑު އަގު ނުލިބުމުގައި، މަހުގެ ކޮލިޓީ ރަނގަޅަށް ނުބެލެހެއްޓުން ހިމެނޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މަހުގެ ކޮލިޓީ ރަނގަޅު ކުރެވިއްޖެއްޔާ ވިއްކޭ އަގު ރަނގަޅުވާ ކަމަށެވެ. އެގޮތުން މަހުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކައްތައްވެސް މިނިސްޓަރު ކޮމިޓީއާ ހިއްސާ ކުރެއްވިއެވެ. އަދި މަހަށް ބޮޑު އަގު ހޯދުމަށް ރާއްޖޭގެ މަހުގެ ބާވަތްތައް، ޓޫރިޒަމާ އެއްގޮތަށް މިހާރަށްވުރެން ރަނގަޅަށް މާކެޓަކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި އެކަމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މަހުގެ ކޮލިޓީ ރަނގަޅު ކުރުމުގެގޮތުން، ބާނާ މަސް ތައްޓުމައްޗަށް ޖެހިގެން މަހަށް ލިބޭ ގެއްލުން ކުޑަ ކުރުމާއި، މަސް ނެގުމުގައި ހާއްސަ ގޮތްތައް ބޭނުންކޮށް، މަސް ބާނައިގެން އެ ކިރާ ހިސާބަކަށް ދެވެންދެން ވަރަށް ކޮލިޓީކޮށް މަސް ބެހެއްޓޭ ގޮތަށް ފިފްތު ޖެނެރޭޝަންގެ، މަސްވެރި އުޅަނދު ފަހަރު ތައާރަފުކުރުގެ މަސައްކަތް އެންމެ ފަހު މަރުހަލާގައި ވާކަމަށެވެ.

މަސް ގަތުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެކި ސަރަހައްދުގައި އައިސް ޕްލާންޓްތައް ގާއިމު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ކުރިއަށް އޮތްތަނުގައި 9500 ޓަނަށްވުރެ ބޮޑު ސްޓޯރޭޖު ގާއިމް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ފެލިވަރާއި ކޫއްޑޫގައި އިތުރު 4000 ޓަނު، ތިނަދޫގައި 1000 ޓަނު އަދި މުލަކުގައި 50 ޓަނު ގާއިމް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމުމުން މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފެލިވަރުގައި ހުރި ކޭނިން ފެކްޓްރީއަކީ 40 އަށްވުރެ ގިނަ އަހަރު ވެފައިވާ ތަނެއް ކަމަށާއި، އެއީ މާ ކުރީ ޒަމާނުގެ ފެކްޓްރީއެއްކަމުން، ބަންދުކުރާ މަސްދަޅުގެ ސައިޒަށް ބަދަލު ގެނައުމަކީ ވަރަށް އުނދަދޫކަމެއް ކަމަށެވެ. އަދި އެތަނުގައި ބޭނުންކުރާ ރޯމެޓީރިއަލް އަށް ބަދަލު ނުގެނެވުމުގެ މައްސަލައާއެކު އެ މައްސަލަ ތަކަކީވެސް މަހަށް ބޮޑު އަގު ހޯދުމަށް ދިމާވާ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން ފެލިވަރުގައި 100 ޓަނުގެ ކޭނިން އާ ފެކްޓްރީއެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ޒަމާނީ އެ ފެކްޓްރީއަކީ 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފެކްޓްރީން ފަސޭހައިން އެކިއެކި ސައިޒްތަކުގެ ދަޅުގައި މަސް ބަންދު ކުރުމާއި، އިތުރު ވއްތަރުތައް ތައްޔާރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.