ޑުރަގް ކޯޓުގެ ގާޒީ މުއްމަދު ނައީމުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ގާޒީ މުހައްމަދު ނައީމު ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގުރޫޕަކަށް ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް ބޭނުންކޮށްފައިވާތީ ކޮމިޝަނުން އިސްނަގައިގެން ބަލައި ޝަކުވާއެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.

ފަނޑިޔާރުން ތިއްބަވާ ސޯޝަލް މީޑިއާ ގުރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން ގާޒީ ނައީމުގެ މައްސަލަ ބަލަން ފެށި ނަމަވެސް އެ ގުރޫޕަށް އޭނާ ފޮނުއްވި މެސެޖުގައި ބުނެފައިވަނީ ކީކޭ ކަމެއް ނުވަތަ ބޭނުން ކޮށްފައިވަނީ ކޮން ބަހުރުވައެއް ކަމެއް ޖޭއެސްސީއަކުން ނުބުނެއެވެ.